ކ. މާލެ
|
29 ޖުލައި 2025 | އަންގާރަ 06:50
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ
ރޮއިޓަރސް
އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް
އެމެރިކާ އާއި އިސްރާއީލުން އަލުން އިރާނަށް ހަމަލާދީފިނަމަ، "މާ ވަރުގަދަ" ރައްދެއް ދޭނަން: އީރާން
ނިއުކްލިއަރ ހަތިޔާރެއް އުފައްދަން މަސައްކަތްކުރާ ކަމަށް ކުރެވޭ ތުހުމަތު ތަކަށް އަބަދުވެސް ދެކޮޅު ހަދާ ތެހެރާނުން ބުނެފައި ވަނީ ޔޫރޭނިއަމް ފައްކާ ކުރާ މިންވަރާއި ލެވެލްއާ މެދު މަޝްވަރާކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. އެހެންނަމަވެސް ފައްކާ ކުރުމުގެ ޙައްޤާ މެދު މަޝްވަރާ ނުކުރެވޭނެ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން އަލުން އިރާނަށް ހަމަލާދީފިނަމަ، "މާ ވަރުގަދަ" ރައްދެއް ދޭނެ ކަމަށް އީރާނުން ބުނެފި އެވެ.

އިރާނުގެ ޚާރިޖީ ވަޒީރު ވަޒީރު ހޯމަ ދުވަހު މި މޭރުމުން އިންޒާރުދެއްވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެއްޗެކަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. އެއީ، ފާއިތުވި މަހު އެމެރިކާއިން ދިން ހަމަލާތަކަށް ފަހު، އިރާނުން އަނެއްކާ ވެސް ނިއުކްލިއަރ މަސައްކަތްތައް ފަށައިފި ނަމަ، އެ ޤައުމުގެ ނިއުކްލިއއަރ ޕްރޮގްރާމް "ފުހެލާނެ" ކަމަށް ޓްރަމްޕް އިންޒާރު ދެއްވުމުންނެވެ.

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އަނެއްކާ ވެސް އީރާނަށް ހަމަލާ ދީފި ނަމަ، ކުރި އަށް ވުރެ ވަރުގަދަ ކޮށް އަދި ނުފޮރުވޭ ވަރަށް ރައްދު ދޭން ފަސްނުޖެހޭނެ" ކަމަށެވެ.

"އަޅުގަނޑުމެންގެ ނިއުކްލިއަރ ޕްރޮގްރާމް ސުލްޙަވެރި ނޫން ބޭނުންތަކަށް ބަދަލު ކޮށްފާނެ ކަމުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ، 'އަސްކަރީ އޮޕްޝަން' އެކަމަށް ޙައްލު ހޯދުމަށް ނުކުޅެދުނުކަން ސާބިތުވެއްޖެ - އެހެންނަމަވެސް މަޝްވަރާ ކޮށްގެން ހޯދޭ ޙައްލަކުން ކާމިޔާބު ލިބިދާނެ" ކަމަށް އެމަނިކުފާނު އިތުރުކުރެއްވިއެވެ.

އެމެރިކާ އިން އިރާނުގެ ނިއުކްލިއަރ ފެސިލިޓީ ތަކަށް ދިން ހަމަލާ ތަކުން ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދިވެސް ސާފެއް ނުވެއެވެ. އެމެރިކާ އިން އީރާނަށް ހަމަލާ ދިނީ، އިރާނުން އެޓޮމިކް ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް ކަމަށް ބުނެ އިސްރާއީލުން ކުއްލިއަކަށް ދިން ބޮމުގެ ހަމަލާތަކަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

އިސްރާއީލުގެ މި ހަމަލާތަކުން އޭޕްރީލް މަހު ފެށުނު އެމެރިކާ-އިރާން ނިއުކްލިއަރ މަޝްވަރާތައް ހުއްޓުމަކަށް އައެވެ.

12 ދުވަހުގެ މި ހަނގުރާމައިގައި އިރާނުން ރައްދު ދިނީ އިސްރާއީލުގެ ސިޓީތަކަށް މިސައިލް ހަމަލާ ދީގެންނެވެ. އަދި ޤަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް ހަމަލާ ދިނެވެ. މި ހަމަލާ އަށް ފަހު ޓްރަމްޕް ވިދާޅުވީ މާ ބޮޑު ގެއްލުމެއް ނުވާ ކަމަށެވެ.

ހޯމަ ދުވަހު ސްކޮޓްލޭންޑަށް ކުރެއްވި ދަތުރުފުޅެއްގައި ޓްރަމްޕް ވިދާޅުވީ އިރާނަށް ކުރިން ދިން ހަމަލާތަކުން "އެ ޤައުމުގެ ނިއުކްލިއަރ ފުރުޞަތުތައް ފުހެލެވިއްޖެ" ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އީރާނަށް އަލުން ނިއުކްލިއަރ މަސައްކަތްތައް ފެށިދާނެ ކަމަށާއި، އެހެން ނަމަވެސް، ހީކުރާ ވަރަށް ވުރެ އަވަހަށް "އެކަން ފުހެލާނެ" ކަމަށެވެ.

ހަނގުރާމަ ފެށުމުގެ ކުރިން، އެމެރިކާ އާއި އިރާނުގެ މެދުގައި ޔުރޭނިއަމް ފައްކާ ކުރުމާ މެދު ދެބަސްވުން ތައް ހުރިކަން ފާހަގަ ކުރެވުނެވެ. އިރާނުން މިކަން ސިފަކުރީ "މަޝްވަރާ ކުރެވެން ނެތް" ޙައްޤެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެމެރިކާއިން މިކަން ސިފަކުރީ "ރަތް ރޮނގެއް" ގެ ގޮތުގައެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނާ ގޮތުގައި މިވަގުތު ނިއުކްލިއަރ ހަތިޔާރު ނެތް ޤައުމުތަކުގެ ތެރެއިން 60 އިންސައްތަ އަށް ޔުރޭނިއަމް ފައްކާ ކުރަނީ ހަމައެކަނި އިރާނުންނެވެ. މިއީ ނިއުކްލިއަރ ހަތިޔާރަކަށް ބޭނުންވާ 90 އިންސައްތައިގެ ފައްކާ ކުރުމާ ވަރަށް ކައިރި މިންވަރެކެވެ.

ނިއުކްލިއަރ ހަތިޔާރެއް އުފައްދަން މަސައްކަތްކުރާ ކަމަށް ކުރެވޭ ތުހުމަތު ތަކަށް އަބަދުވެސް ދެކޮޅު ހަދާ ތެހެރާނުން ބުނެފައި ވަނީ ޔޫރޭނިއަމް ފައްކާ ކުރާ މިންވަރާއި ލެވެލްއާ މެދު މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. އެހެންނަމަވެސް ފައްކާ ކުރުމުގެ ޙައްޤާ މެދު މަޝްވަރާ ނުކުރެވޭނެ ކަމަށެވެ.

އަރަޤްޗީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، "ބޭރުގެ ފަރާތްތަކުން ބިރުދައްކައިގެން، އީރާނުގައި އުފައްދާފައިވާ ސުލްޙަވެރި ޓެކްނޮލޮޖީއަކަށް ކޮށްފައިވާ ބޮޑު އިންވެސްޓްމަންޓެއްގެ ނަތީޖާ ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ދޫކޮށް ނުލާނެ،" ކަމަށެވެ.

- ކޮމެންޓް