މިދިޔަ 24 ގަޑީއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓުން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު 08:00 އިން ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އަށް މާލެއަށް 130.7 މިލިމީޓަރުގެ ވާރެ ވެހިފައިވެއެވެ.
އެއަށްފަހު ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ހުޅުލެއަށް 79.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިންވަނަށް އެންމެ ގިނައިން ވާރޭ ވެހުނީ އއ. ތޮއްޑޫއަށެވެ. އެ ރަށަށް 70.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން، ފެން ހިންދުމަށް އެމްއެންޑީއެފް، ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދިއަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދިއަ ސަރަހައްދުތައް:
- ވެސްޓްޕާކް - ހަތަރު ޕަމްޕް
- އައިޖީއެމްއެޗް ސަރަހައްދު - ތިން ޕަމްޕް
- މާފަންނު ފެރީ ޓާމިނަލް - ތިން ޕަމްޕް
- ސަލްމާން މިސްކިތް ސަރަހައްދު - އެއް ޕަމްޕް
- ބޮޑު ވަޅު - ހަތަރު ޕަމްޕް
- ކުޑަކުދިންގެ ބަގީޗާ - އެއް ޕަމްޕް
- ބިހުގެ - އެއް ޕަމްޕް
- އެމްޕީއެލް - އެއްޕަމްޕް
މާލޭގައި ފެން ހިންދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، މާލޭގެ 7 ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މި މަސައްކަތުގައި މިހާތަނަށް ވަނީ 18201 ޓަނުގެ ފެން ހިންދާފައިކަމަށް އެމްޑީއެފްއިން ބުނެއެވެ.
ހަމަ އެެއާއިއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 528 ވެލި ބަސްތާ ޖަހާދީފަ ވާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދު މެންދުރު ފަހު 15:00 އަށް ޔެލޯ އެލާޓް ނެރެފައެވެ.
މެޓުން ބުނީ މިއަދު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު، ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ބޮޑު ހިސާބަކަށް ކަނޑުތައް ވެސް ގަދަވާނެއެވެ.