މާފުށީ ޖަލުގައި ހިނގަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ މައްސަލަ އާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގައިދީންނާއި ސުވާލުކޮށްފައިވާކަމަށް މި ނޫހަށް މައުލޫމާތުލިބިއްޖެއެވެ.
މާފުށީ ޖަލުގައި ގައިދީން ހަޅުތާލުކުރަން ފެށި މައްސަލަ ފެންމަތިވީ މީގެ ދެ ދުވަސް ކުރިންނެވެ.
އެނގިފައިވާ ގޮތުން ހަޅުތާލުކުރަމުން ދިޔަ މައްސަލަ އެޗްއާރްސީއެމުން ބަލަން ފެށީ ބުދަ ދުވަހުއެވެ.
ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޝަންގެ ސަމާލުކަމަށް މާފުށީ ޖަލުގައި ހިނގަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ކަންކަން، އައުމާ އެކު އެޗްއާރްސީއެމް އިން ވަނީ ބުދަ އަދި ބުރާސްފަތި ދުވަހު ގައިދީންނާއި ސުވާލުކޮށްފައެވެ. އަދި އެ މައްސަލަ އެޗްއާރްސީއެމް އަށް އެނގުނީ ގައިދީންގެ އާއިލާ އަކުން ފޯރުކޮށްދިން މައުލޫމާތާއި މީޑިއާތައް މެދުވެރިކޮށް ލިބުނު މައުލޫމާތުތަކުގެ އަލީގައިކަމަށް ވެސް ވަނީ އެނގިފައެވެ.
އެގޮތުން ލިބުނު މައުލޫމާތުތަކުގެ އަލީގައި، އެޗްއާރްސީއެމްގެ އޮފިޝަލުން ބުދަ ދުވަހުގެ ރޭ އަދި ބުރާސްފަތި ދުވަހު ގައިދީންނާ ސުވާލުކޮށްފައިވެވެ. އެޗްއާރްސީއެމްގެ އޮފިޝަލުން ޖަލަށް ގޮސްފައި ވަނީ އެޗްއާރްސީއެމް އަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން ދުރާލާ އެންގުމަކާއި ނުލާކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފައެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލާއި ގުޅިގެން ސިއްހީ ފަރުވާދީފައި ވަނީ ދެތިން މީހަކަށެވެ. އެޗްއާރްސީއެމުން ރަސްމީ ސިފައެއްގައި ބުނެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ސާފުުކޮށް ގައިދީންނާއި ބަންދުގައި ތިބި މީހުންނާ ވާހަކަ ދައްކާ ހާލަތު މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލަ އާއި ގުޅޭގޮތުން ކަރެކްޝަންސް އިން ބުނެފައި ވަނީ ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ އިނާޔަތަކަށް އުނިކަމެއް ގެނެސްފައ ނުވާނެ ކަމަށެވެ. އެހެންނަމަވެސް ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ޖަލުގެ ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން ބައެއް އުޞޫލުތަކަށް ބަދަލުގެނެވިފައިވާކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ކަރެކްޝަންސް އިން އިތުރަށް ބުނީ މާފުށީ ޖަލުގައި ތިބި ބައެއް މީހުން އެ ސަރވިސްއިން ފޯރުކޮށްދޭ ކާބޯތަކެތި ހޯދުމަށް ދެކޮޅުހަދާކަމަށެވެ. އެހެންނަމަވެސް، ވިޔަފާރި އުޞޫލުން ގަނެފައިވާ ތަކެތި އެފަދަ ގައިދީން އައީ ބޭނުން ކުރަމުން ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. ހަމައެހެންމެ އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދުމީހެއްގެ ސިއްޙީ ހާލަތު ގޯސްވެފައި ނުވާ ކަމަށް ކަރެކްޝަންސް އިން ވަނީ ހާމަކޮށްފައެވެ.