އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު) ބޭނުންކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން މ،ުޅި ގައުމު ލޫޓުވަމުން ގެންދާތީ ކަމަށް ބުނެ އެކަމުގެ ކަންބޮޑުންތަކުގެ އަޑު އިއްވުމަށް، އެމްޑީޕީން ބޭއްވި މި އެއްވުން ރޫޅާލުމަށް ފުލުހުން ބާރު އަޑެއް ފޮނުވާ އެލްއާރުއޭޑީ ބޭނުންކުރުމުން އެކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެފަދަ މައްސަލައެއް ބަލާތޯ 'ރާއްޖެ އެމްވީ 'އިން ސުވާލުކުރުމުން އެޗްއާރުސީއެމްގެ ޕީއާރް އޮފިސަރު، މުހައްމަދު ނާޝިދު ހަސަން ވިދާޅުވީ، ފުލުހުން އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލަ ބަލާނެ ގޮތާއި އިތުރު ތަފްސީލުތަކެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ވިދާޅުވީ މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ތަހުގީގު ނިމުމުން ހިއްސާކުރާނެ ކަމަށެވެ.
ޖެޓެއްގެ އިންޖީނުގެ އަޑަށްވުރެ ވެސް ބާރު އަޑު އިއްވާ މި ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށާއި، އެ ސަރަހައްދުގެ ގޭގޭގައި ދިރިއުޅޭ އާއިލާތަކަށާއި، ޚާއްސަކޮށް ކުޑަކުދިންނަށް އޭގެ ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުންގެ އާންމު އުސޫލުތަކުގައި ޕެޕަރ ސްޕްރޭ، ކަރުނަ ގޭސް އަދި މުގުރު ފަދަ ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ އެސްއޯޕީތައް ހިމެނިފައިވީ ނަމަވެސް، ސޮނިކް ވެޕަން ބޭނުންކުރަންޖެހޭ ހާލަތްތަކާއި ބޭނުންކުރާނެ ގޮތުގެ އުސޫލުތައް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި އާންމުންގެ ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން ފުލުހުން ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައިވަނީ ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން، ނަގަހައްޓަންޖެހޭ އަސާސްތަކާ އެއްގޮތަށް ކަމަށެވެ.
މި މައްސަލައިގައި އެޗްއާރްސީއެމްއިން ތަހުގީގު ކުރިއަށް ގެންދާނެ ގޮތާއި، އެ ކޮމިޝަނުން ބަލާނެ ކަންތައްތަކުގެ ތަފްސީލު އަދި ވަނީ ހާމަނުކޮށެވެ.