އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހައި ޖަލަށްލި މީހުންނާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުދަ ދުވަހު ބައްދަލުކޮށްފިއެވެ.
އެޗްއާރްސީއެމްގެ ޕީއާރް އޮފިސަރު މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ހަ މީހުންނާ ދޫނިދޫ ޖަލުގައި ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބި މީހުން ހިއްސާކުރި ކަންބޮޑުވުންތަކުގައި ހުރި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
ދޫނިދޫ ޖަލުގައި ތިބި ހަ މީހުން އިއްޔެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާއިރު ފުލުހުން ބުނެފައިވަނީ މި ހަޅުތާލު ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުގަ ތިބި މީހުންގެ ހަޅުތާލު ނިންމާލާފައި ވާކަން ކަށަވަރު ވެފައެއް ނުވެ އެވެ.
އެމްޑީޕީގެ ލީގަލް ޓީމުގެ އަޙްމަދު މައުރޫފް ވިދާޅުވި ގޮތުގައި، މި ހަޅުތާލު ފެށީ ގާނޫނާ ޚިލާފަށް ބަންދުކުރުމާއި ހަމަހަމަކަމާއެކު އަމަލުކުރަމުން ނުދާތީއެވެ. އަދި ތަޙްޤީޤު ލަސްކުރުމުގެ އިތުރުން ހައްޔަރުކުރެވުނު މީހުންނަށް ބޭސްފަރުވާ ދިނުމުގައި ފުލުހުން ލަސްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމުގައިވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲގެ އިތުރުން، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒްމީ އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރެވުނު އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު އާއި މުހައްމަދު ޚަލަފު އިބްރާހިމް ވަނީ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލާފައެވެ. ޚަލަފު ދޫކޮށްލެވިފައިވަނީ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށާއި ހުއްދަ ނެތި މާލެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައެވެ.
އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެ، މަޖީދީމަގުން ހިނގާފައި ދާން އުޅުމުން، ފުލުހުން ނުކުމެ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖަހައި، އަދި މުޒާހަރާއިގެ ބައިވެރިންނާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ވަނީ ބޭނުންކޮށްފައިއެވެ.