އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން އިސްނަގައިގެން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރުކުރެވުނު ކ. މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހުގެ އިނގިލި ބިންދާލި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމްގެ ޕީއާރް އޮފިސަރު، މުހައްމަދު ނާޝިދު ރާއްޖެޓީވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސަލާހުގެ އިނގިލި ބިންދާލާފަވާ މައްސަލަ އެޗްއާރްސީއެމް އިން މިހާރު ބަލަމުންދާކަމަށެވެ. އަދި މިއީ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބަލަމުންދާ މައްސަލައެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގާ ގުޅޭ އިތުރު މަޢުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތްކަމަށް ނާޝިދު ވިދާޅުވިއެވެ.
ސަލާހުގެ ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވި ގޮތުގައި، މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްގެން ފުލުހުންގެ ޖީޕަށް އަރުވަން އުޅުނު ވަގުތު، ފަހަތުން ދުވެފައި އައި ފުލުހަކު ވަނީ ސަލާހުގެ އިނގިލި ބިންދާލާފައެވެ. އަދި މި އަނިޔާއާ ގުޅިގެން ސަލާހު ތަކުރާރުކޮށް ފަރުވާއަށް އެދުނު ނަމަވެސް، އެ ފުރުސަތު ދީފައިނުވާކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސަލާހުގެ ކަނާތު އަރިކަށްޓަށްވެސް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށް ވަކީލު ވިދާޅުވިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކާކަމަށް ސަލާހު ބުނި ނަމަވެސް، ފުލުހުންގެ ފަރާތުން އަނިޔާ ލިބުނުކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވާކަމަށް މުސްތަފާ ހާމަކުރެއްވިއެވެ. ސަލާހުއަށް ފަރުވާ ދެވިފައިވަނީ ބަންދުކުރިތާ 26 ގަޑިއިރު ފަހުން، ފުލުހުންގެ ނޫސަންދަ ކްލިނިކުގައި ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މާފުށީ ކައުންސިލުން ވަނީ ނޫސްބަޔާނެއް ނެރެ، ސަލާހު ހައްޔަރުކުރުން ކުށްވެރިކޮށް، ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމަކީ ނިގުޅައިނުގަނެވޭނެ އަސާސީ ހައްގެއްކަމަށް ފާހަގަކޮށް، ކައުންސިލްގެ ރައީސް ދޫކޮށްލަންޖެހޭކަމަށް ކައުންސިލުން ގަބޫލުކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މުޒާހަރާއިން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 6 މީހެއްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ. މީގެ ތެރޭގައި ސަލާހުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ ޔައުގޫބް އަބްދުﷲ އާއި ޔާސިރު އަބްދުއްލަތީފްގެ އިތުރުން، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ.
ހުކުރު ދުވަހުގެ ރޭ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ގައި މި ސަރުކާރުން ގާނޫނުއަސާސީ ބަދަލުކޮށް، މުއައްސަސާތަކުގެ މިނިވަންކަން ނަގާލައި، ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރި ވަމުންދާކަމަށް ބުނެ އެތައް ހާސް ރައްޔިތުންނެއް އަޑު އުފުލައި، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވި އެވެ. މަޖީދީމަގުން ކުރިއަށް ދިއުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތްކުރުމުން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވާފައެވެ. މިގޮތުން ޕެޕަރ ސްޕްރޭ އާއި ސޮނިކް ވެޕަން ބޭނުންކުރި އިރު، ފުލުހުން ހަރަކާތްތެރިވެފައިވަނީ ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްގެން ކަމަށް ގިނަ އަދަދެއްގެ އާންމުން ދަނީ ފާހަގަކުރަމުންނެވެ.