ކ. މާލެ
|
26 ޑިސެންބަރ 2024 | ބުރާސްފަތި 09:28
ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި
ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތީގެ މައްސަލަ
ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު 235 ގްރާމް ކެނަބިސް އަތުލައިގެންފި
މިތަކެތީގެ މަގުމަތީ އަގަކީ އެއް ލައްކަ ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ
މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު ފުލުހުންނާއި ވަނީ ހަވާލުކޮށްފައި

ވައިގެ މަގުން ރާއްޖެއައި އިންޑިއާ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ 13 ޑިސެންބަރު 2024 ވަނަ ދުވަހު، އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ 31 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

ކަސްޓަމްސް އިން ބުނީ ބަލާފާސްކުރުމުގެ ތެރޭގައި އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 235 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ އެއް ލައްކަ ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ދޭތެރެ ދޭތެރެއިން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތް ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެއެވެ. އެގޮތުން މީގެ ތިން މަސްކުރިން ވެސް ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު 3.48 ކިލޯގްރާމްގެ މަސްތުވާތަކެތި އަދި 9 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

- ކޮމެންޓް