ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް ހޯމަ ދުވަހު އައްޔަން ކޮށްފިއެވެ.
ފެނަކަ ކުންފުނީގެ އެމްޑީ އަކަށް މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް އައްޔަން ކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކުރިއިރު، އެ މަގާމަށް ނަޖާހް އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ފެނަކަ އެމްޑީކަމުން އިސްތިއުފާ ދެއްވިކަން ރައީސް ޑރ މުހައްމަދު މުއިއްޒަށާއި، ޕީސީބީ އަށް އަންގަވައި ފޮނުއްވި ސިޓީ ގައި މުއާޒު ވިދާޅުވީ އެ މަގާމަށް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ ކުންފުނީގައި މަސައްކަތްކޮށްފައިވާނީ އިހްލާސްތެރިކަމާއެކު ކަމަށެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ދިމާވި ތަފާތު ގިނަ ގޮންޖެހުންތަކާއެކުވެސް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތުން އެދެވޭ ނަތީޖާ ހާސިލް ކުރެވިފައިވާކަން މުއާޒު ފާހަގަކުރެއްވި އެވެ.
އެ ކުންފުންޏާ ހަވާލުވިއިރު މާލީ ހާލަތު އޮތް ގޮތަށް އަލިއަޅުވާލައްވަމުން މުއާޒު ވިދާޅުވީ އަހަރެއްގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް, ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރާ އަޅާބަލާއިރު މި އަހަރު އޮކްޓޫބަރުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިތަކަށް ބަދަލުތަކެއް ގެންނަން ފަށާފައި މިވަނީ ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް އެ ކުންފުނިތަކަށް ކުރެވެމުންދާ ވަގުތެއްގަ އެވެ. އެގޮތުން ފެނަކައިގައި ވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.