ހއ.ހޯރަފުށީގައި ގާއިމްކުރާ ބޮޓްލިންގ ޕްލާންޓްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ، އެ މުވައްޒަފުން ސުލްހަވެރި ކަމާއި އެކު އިހުތިޖާޖުކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާއި ހޯރަފުށި ދާއިރާހެ މެމްބަރު އަލީ މޫސާގެ އިސްތިއުފާއަށް ގޮވާލާ އަޑުއުފުލައިފިއެވެ.
''ނިކަމެތި ނުކުރޭ'' މި ނަމުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުރިއަށް އިހްތިޖާޖުގައި މުޒާހަރާގެ ބައިވެރިން އަޑު އުފުލާފައިވަނީ ވަޒީފާއިން ވަކި ކުރި ފަރާތްތަކަށް އަލުން އަނބުރާ ވަޒީފާ ދިނުމަށެވެ. ނާއިންސާފުން ކަންކަން ކުރަމުންދާއިރު، ކުއްލި އަކަށް ވަޒީފާއިން ވަކި ކުރުމުން ގިނަ އާއިލާތަކަށް ނިކަމެތިކަން ކުރިމަތިވެފައިވާ ކަމަށް ބުނެ އިހުތިޖާޖު ކުރަމުން ގެންދަނީ ފެނަކަ ހޯރަފުށީ ބްރާންޗު ކުރިމަތީގައި އެވެ.
އިހުތިޖާޖުގެ ބައިވެރިން ބުނީ އެއްވެސް ކުށެއް ނެތް މުވައްޒަފުންތަކެއް ވަޒީފާއިން ކަނޑާލައި ބިކަކޮށް އެއްލާލުމަކީ ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒުގެ ނާގާބިލްކަން ކަމަށާއި އެފަދަ ވެރިން ވަގުތުން އިސްތއިފާ ދެއްވާފަ ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަލީ މޫސާގެ އިސްތިއުފާއަށް ވެސް މި އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ފެނަކަ އެމްޑީގެ އިސްތިއުފާއަށް ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
މިފަދަ އަނިޔާތަކާ ދެކޮޅަށް ރައްޔިތުން ބަސްނުބުނާނަމަ ކުރިއަށް އޮތްތަނުގައި މިސަރުކާރުގެ އަނިޔާވެރިކަން އިންތިހާ ދަރަޖަށްދާނެ ކަމަށް ވެސް ވަޒީފާއިން ވަކި މުވައްޒުން ވަނީ ބުނެފައެވެ.
ހޯރަފުށީގެ އެއްވެސް ރައްޔިތެއްގެ ހައްގަށް އުނިކަން ލިބޭކަށް އަޅުގަނޑުމެން ނޭނދޭން. ބިކަވަގެންމިދިޔައީ އެތައް އާއިލާއެއް، އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ބުނުމަށްފަހު ވައުދުވެގެން އައި ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވާނަމަ އިސްތިއުފާ ދިނުމަށް ގޮވާލަން. އަދި މަޖިލިސް މެމްބަރު އަލީ މޫސާ ރައްޔިތުންގެ ހައްްގުގައި މަސައްކަތްކުރާ ތަނެއް ނުފެނޭ. ފެނަކަ އެމްޑީއަށް ބޮޓްލިން ޕްލާންޓް ހިންގަން ނޭނގޭ ނަމަ އިސްތިއުފާދޭންޖެހޭ. ކުރާ މަސައްކަތެއް ނެތޭ ބުނުމަށްފަހު ވަޒީފާއިން މުވައްޒަފުން ވަކިކުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މީހުުންނަށް ވަޒީފާދޭން. ހުރިހާ ކަމެއްވެސް މިގެންދަނީ އޮޅުވާލުމުގެ ތެރެއިން
މުޒާހަރާގެ ބައިވެރިއެއް![]()
މިމަހުގެ 9 ވީ ހޯމަ ދުވަހު ފެނަކަ އިން ވަނީ ދާއިމީ 7 މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ޗިޓް ފޮނުވާފައެވެ.
އެ މުވައްޒަފުންނަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ ހޯރަފުށީ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް މި ކުންފުނިން ހުއްޓުމަކަށް ގެނައުމަށް ނިންމާފައިވާތީ، އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ނިމުކަމަށް ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ކުއްލިއަކަށް ހުއްޓާލާ ކަމަށް ބުނެ މުވައްޒަފުންނަށް ބުދަ ދުވަހު ޗިޓު ހަވާލު ކުރި އިރު، ނިމިދިޔަ މަޖިލިސް އިންތިޚާބަށް މުޅިން އަލަށް 11 މުވައްޒަފުން އެ ޕްލާންޓުގެ ވަޒީފާ އަށް ވަނީ ނަގާފައެވެ.
މބުރާސްފަތި ހޯރަފުށީގައި ކުރިއަށްދިޔަ އިހްތިޖާޖުގެ ލައިވް ކަވަރޭޖްގެ ތެރެއިން ހޯރަފުށީ ކައުންސިލގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ މިބޮޓްލިން ޕްލާންޓަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަދި އޭރު ހޯދަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަޙްމަދު ސަލީމްގެ ބުރަ މަސައްކަތުން ޤާއިމްކުރެވިގެންދިޔަ ތަނެއް ކަމަށާއި މިއީ ހޯރަފުއްޓަށް ނުހަނު ރަނގަޅު ޚިދުމަތެއް ލިބިގެންދާނެ ތަނެއް ކަމަށެވެ. ނަމަވެސް މިތަނުގެ މަަސައްކަތް ކުރިއަށް ނުދެވި އޮތުމަކީ ރަށުގެ ތަރައްޤީއަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
ސަރުކާރުން މިދިނީ އެހެން މުވައްޒަފުންނަށް މިދިނީ އިންޒާރެއް، މިއަދުގެ މުޒާހަރާއިން އެކުދިން ނުފެނީމާ އުފާކުރަން. މިރޭވެސް ކަނޑާލަފާނެ، ނޫނީ މާދަމާ އެކުދިން ކަނޑާލާފަނެ، ފެނަކަ ކޯޕަރޭޝަންގެ ސިކުނޑީގައި މިމަސައްކަތް ކުރާފެ ތަސައްވުރެ ނެތަސް ކައުންސިލްގައި އެބަހުރި. މިއަދު މުވައްޒަފުންތައް ވަކި ކުރުމުން ކުރީގެ މަޖިލިސް މެމްބަރު އަހްމަދު ސަލީމް އެދަނީ އަމިއްލަ ހައިސިއްޔަތުން އެކުދިންނަށް ހައްގު ހޯދައިދިނުމަށް މަސައްކަތްކުރަމުން. މިއީ ނޫންތީ މެމްބަރުގެ މަސްއޫލިއްޔަތަކަށްވާނެ ކަމަކީ. އެކަމަކު މިއަދު މަޖިލިސް މެމްބަރު އަލީ މޫސާއަށް އެނގިވަޑައިގަންނަވާ ހެނެއް ހިޔެއް ނުވޭ ކަމެއް ވެގެން އުޅޭ ހެނެއްވެސް. ވަރަށް އަސަރާއި އެކު މިދަންނަވަނީ އެކުދިންނަށް ވަޒީފާދޭން. އަލުން އަނބުރާ ވަޒީފާ ދިނުމަށް ރައީސް މުއިއްޒު ކައިރި އެެދެން.
ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު![]()
ހޯރަފުށީ ކައުންސިލުގެ 40 އިން ސައްތަ ހިއްސާ އޮންނަ ގޮތައް ފެށި ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓާލާ ކަމަށް ސަރުކާރުން ބުނި އިރު ކައުންސިލަށް ވެސް އެކަން އަންގާފައެއް ނުވެއެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ މަޝްރޫއެއް ފަށައި، ސަރުކާރު ބަދަލުވި އިރު މަޝްރޫއުގެ 95 އިންސައްތަ ވަނީ ނިމިފައެވެ. އަދި ސަރުކާރު ބަދަލުވެގެން މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އިތުރު އެއްވެސް މަސައްކަތެއް މި ސަރުކާރުން ކޮށްފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައްވާނެ ކަމަށާއި، ސިޔާސީ މަގާމެއް ގައި ހުރި މީހަކު ނޫނީ ވަޒީފާ އިން ވަކި ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.