ހއ.ހޯރަފުށީގައި ގާއިމްކުރާ ބޮޓްލިންގ ޕްލާންޓްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ، އެ މުވައްޒަފުން ސުލްހަވެރި އިހުތިޖާޖެއް ކުރަން ނިންމައިފިއެވެ.
''ނިކަމެތި ނުކުރޭ'' މި ނަމުގައި އިހްތިޖާޖު ކުރަން ނިންމާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައެވެ.
ފެނަކަ ހޯރަފުށީ ބްރާންޗު ކުރިމަތީގައި އިހްތިޖާޖު ކުރަން ނިންމާފައިވާއިރު، ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް އެދިފައިވެއެވެ. ނާއިންސާފުން ކަންކަން ކުރަމުންދާއިރު، ކުއްލި އަކަށް ވަޒީފާއިން ވަކި ކުރުމުން ގިނަ އާއިލާތަކަށް ނިކަމެތިކަން ކުރިމަތިވެފައިވާ ކަމަށް އެމީހުން ބުނެއެވެ.
މިފަދަ އަނިޔާތަކާ ދެކޮޅަށް ރައްޔިތުން ބަސްނުބުނާނަމަ ކުރިއަށް އޮތްތަނުގައި މިސަރުކާރުގެ އަނިޔާވެރިކަން އިންތިހާ ދަރަޖަށްދާނެ ކަމަށް ވަޒީފާއިން ވަކި މުވައްޒަފެއް ބުނެފައިވެއެވެ.
މިމަހުގެ 9 ވީ ހޯމަ ދުވަހު ފެނަކަ އިން ވަނީ ދާއިމީ 7 މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ޗިޓް ފޮނުވާފައެވެ.
"ހޯރަފުށީ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް މި ކުންފުނިން ހުއްޓުމަކަށް ގެނައުމަށް ނިންމާފައިވާތީ، އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ނިމުކަމަށް ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ،" ކަމަށް މުވައްޒަފުންނަށް ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.
ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ކުއްލިއަކަށް ހުއްޓާލާ ކަމަށް ބުނެ މުވައްޒަފުންނަށް ބުދަ ދުވަހު ޗިޓު ހަވާލު ކުރި އިރު، ނިމިދިޔަ މަޖިލިސް އިންތިޚާބަށް މުޅިން އަލަށް 11 މުވައްޒަފުން އެ ޕްލާންޓުގެ ވަޒީފާ އަށް ވަނީ ނަގާފައެވެ.
ހޯރަފުށީ ކައުންސިލުގެ 40 އިން ސައްތަ ހިއްސާ އޮންނަ ގޮތައް ފެށި ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓާލާ ކަމަށް ސަރުކާރުން ބުނި އިރު ކައުންސިލަށް ވެސް އެކަން އަންގާފައެއް ނުވެއެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ މަޝްރޫއެއް ފަށައި، ސަރުކާރު ބަދަލުވި އިރު މަޝްރޫއުގެ 95 އިންސައްތަ ވަނީ ނިމިފައެވެ. އަދި ސަރުކާރު ބަދަލުވެގެން މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އިތުރު އެއްވެސް މަސައްކަތެއް މި ސަރުކާރުން ކޮށްފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައްވާނެ ކަމަށާއި، ސިޔާސީ މަގާމެއް ގައި ހުރި މީހަކު ނޫނީ ވަޒީފާ އިން ވަކި ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.