އަޟްހާ އީދާ ގުޅިގެން ހަފްތާގެ މެދަށް ވަންނަ ތިން ދުވަސް ސަރުކާރު ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ "ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 7 ގައި ރައީސް މުއިއްޒު އަރިހުގައި ދެންނެވުނު ސުވާލަކާ ގުޅިގެންނެވެ.
ހައްޖު ދުވަސް މިމަހުގެ 5 ވާ ބުރާސްފަތި ދުވަހާ ދިމާވާތީ އީދު ދުވަހާއި އޭގެ އަނެއް ދުވަސް ދިމާވަނީ ހަފްތާ ބަންދަށެވެ. އީދު ދުވަހާއި އީދާ ގުޅިގެން އަންނަ ބަންދު ހަތަރު ދުވަހުގެ ތެރެއިން ދެ ދުވަހަކީ ހަފްތާ ބަންދެވެ.
އެހެންކަމުން އީދު ބަންދަށް ލިބޭނީ ދެ ދުވަހެވެ. އެއީ ޖޫން 8 ވާ އާދީއްތަ އަދި ޖޫން 9 ވާ ހޯމަ ދުވަހެވެ. އަދި އަޟްހާ އީދާ ގުޅިގެން ދިގު ޗުއްޓީއެއް ބޭނުންވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާ ކުރަމުންނެވެ.
ނަމަވެސް އެކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ތިން ދުވަސް ބަންދު ނުކުރާނެ ކަމަށާއި، އެއީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.
ނޫނޭ، ތިންދުވަސްވީމަ ބަންދެއްނުކުރަން އިނގޭތޯ. ދެން ވަރަށްގިނަ މީހުން އުންމީދުކުރާކަން އަޅުގަނޑަށްވެސް އެނގޭ. އެހެންނަމަވެސް، ތިންދުވަސް ބަންދުކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް ހަމަ ގަބޫލެއްނުކުރެވޭ އިނގޭތޯ. އޭރުން ހަފްތާގެ މެދުތެރެއިން އެދަނީ. ދެން ޢާންމުކޮށް، ދެ ދުވަސް، ނޫނީވިއްޔާ އެއްދުވަސް އަތުވެއްޖިއްޔާ ދޮގެއްތޯ ބަންދުކުރަނީ؟ ބައެއްފަހަރު ދެ ދުވަސް ބަންދުކޮށްފައި ހުންނާނެ. އެހެންނަމަވެސް، ތިންދުވަސްވީމަ، އަޅުގަނޑަށް ގަބޫލުކުރެވެނީ، އެއީ ޒިންމާދާރު ގޮތެއް ނޫނޭ ބަންދުކޮށްލަން.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
ރައީސް މުއިއްޒު ވަނީ އިސްލާމް ދީނުގައިވާ މަނާކަމެއް ނުކޮށް، އާއިލާތަކާއި ރަހްމަތްތެރިންނާ އެކީގައި، އުފަލާއެކީގައި އީދު ފާހަގަކުރުމަށް އިލްތިމާސްކޮށްފައެވެ.