ކ. މާލެ
|
4 ޖޫން 2025 | ބުދަ 16:33
ކުޅުދުއްފުށި ސިޓީ ކައުންސިލް
ކުޅުދުއްފުށި ސިޓީ ކައުންސިލް
ކުޅުދުއްފުށި ސިޓީ ކައުންސިލް
ކުޅުދުއްފުށި ސިޓީ ކައުންސިލް
ފެނަކައާއި ދެކޮޅަށް ދަޢުވާކުރުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި
މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައި

ކުޅުދުއްފުށި ސިޓީގައި ކަރަންޓްގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކުރާ މައްސަލައިގައި، ފެނަކައާ ދެކޮޅަށް ދަޢުވާކުރުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 69-1 ވަނަ މާއްދާގައި، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ކައުންސިލުން ފޯރުކޮށްދޭންވާނެ ކަމަށް ބަޔާންވެގެންވެއެވެ. އަދި އެ ފަދައިން އެސިޓީއެއްގައި އެ ހިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާ ހާލަތުގައި، އެ ތިންވަނަ ފަރާތާއި ކައުންސިލާ ދެމެދު އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް އެ ޤާނޫނުގެ 69-2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ކުޅުދުއްފުށި ސިޓީގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައާއެކު އެއްބަސްވުމަކަށް އައުމަށް އެކި ފަހަރު މަތިން ލިޔުމުން ދެންނެވުމުން ވެސް ފެނަކައިގެ ފަރާތުން އެ ކަމަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށާއި އަދި އެ ފަދަ އެއްބަސްވުމަކަށް އައުމަށް ފެނަކައިން ލިޔުމުން އިންކާރުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

13 ޖުލައި 2021 ގައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް އެ ރަށެއްގެ ކައުންސިލުން ފޯރުކޮށްދޭންޖެހޭނެ ކަމަށާއި އަދި އެ ރަށެއްގައި އެ ހިދުމަތްތައް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާނަމަ، އެ ތިންވަނަ ފަރާތާ ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެހެން ކަމުން އެ ރަށެއްގައި އެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތާއި އަދި އެއްވެސް ކައުންސިލަކުން އެ ފަދަ އެއްބަސްވުމެއް ހަދާފައިވާނަމަ އެ ކަން އެލް.ޖީ.އޭއަށް އަންގަން އެދި އެލް.ޖީ.އޭއިން ހުރިހާ ކައުންސިލްތަކަށް ވަނީ އަންގާފައި ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ.

03 ޖޫން 2024 ގައި، ކައުންސިލަކީ ވަކި ޤާނޫނީ ޝަޚްސެއްކަމާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމާއި ލާމަރުކަޒީ ޤާނޫނުން ލާޒިމުކުރާ އެއްބަސްވުން އެކުލަވާލުމަށް ކައުންސިލުން ބޭނުންވާ ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް ސިޓީ ފޮނުވާފައިވާއިރު، 27 ޖޫން 2024 ގައި، ތިންވަނަ ފަރާތަކުން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭނަމަ ކައުންސިލާއެކު އެއްބަސްވުމެއް ހެދުމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ފެނަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށްވާތީ، ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލެވޭނެ ކަމަށް ބުނެ ފެނަކައިގ ސިޓީ ކައުންސިލަށް ވަނީ ސިޓީ ފޮނުވާފައެވެ.

09 ޖުލައި 2024 ގައި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ވެސް ހިމެނޭނެ ކަމަށާއި އެހެން ކައުންސިލަކާއެކު އެއްބަސްވުން ހެދިފައިނުވުމަކީ މި ކައުންސިލާއެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް ސިޓީ ފޮނުވި، ނަމަވެސް މިއަދާހަމައަށްވެސް މިސިޓީގެ ޖަވާބެއް ފެނަކައިން ދެއްވާފައެއްނުވެއެވެ.

އެހެންކަމުން ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާ ގުޅިގެން ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމުކޮށްފައިވާ ޤާނޫނީ ވާޖިބު އަދާކޮށް، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭކަން ކައުންސިލުން ކަށަވަރުކުރުމަށްޓަކައި، އެ ކުންފުންޏާ ދެކޮޅަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައެވެ.

- ކޮމެންޓް