ހަށިގަނޑު ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ބޭރު މީހަކާއި ދިވެއްސެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެމީހުން ހައްޔަރުކުރީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުމާއި ގެންގުޅެ ވިޔަފާރި ކުރުމުގެ މައްސަލައިގަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ނެރުނު ބަންދު އަމުރުން އެނގޭ ގޮތުގައި މައްސަލައިގައި ހިމެނޭ ބްރެޒިލްއަށް ނިސްބަތްވާ މީހާ ހައްޔަރުކޮށްފައި ވަނީ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެއަށް އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ. މި މައްސަލައިގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 107 ބުލެޓް ފެނިފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯއަށް ވުރެ ގިނައިން ހުރި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ.
އުމުރުން 44 އަހަރުގެ އެ ފިރިހެން މީހާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ އެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްސަލަ ހަވާލުކުރާ ފޯމާއި ސިޓީ ސްކޭން ރިޕޯޓާއި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގެ އިތުރުން މަސްތުވާތަކެތީގެ މަންޒަރު ފެންނަ ފޮޓޯ ރިޕޯޓާއި އިތުރު ހެކި ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.
ދިވެހި މީހާ ހައްޔަރުކުރީ މި މައްސަލައިގައި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި އެ ތަކެއްޗާ ހަވާލުވާން ދިޔަ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އުމުރުން 39 އަހަރުގެ އެ މީހާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޭއެމްޕީއަށް ޕޮޒިޓިވްވެފައިވާ ކަމަށް އައިއޯ ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުން ވަނީ މި ދެ މީހުން 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.