ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގޮވާލެއްވި މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ފުލުހަށް ހުށަހަޅައިފި އެވެ.
ބުރާސްފަތި ދުވަހު އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ.
އެކަމަކީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މެމްބަރު ފަލާހުގެ އެ ވާހަކަ އަކީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން ފުލުހުންގެ ޚިދުމަތުގައި އެދިފަ އެވެ.
ބުދަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލިސް ޖަލްސާގައި މީޑީއާ ކޮންޓްރޯލްކުރާ ބިލް ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި އެއީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ. އަދި ޕީއެންސީގެ ހުރިހާ މެމްބަރުން ވެސް އެ ބިލަށް ވޯޓު ދިނުމަށް ވެސް ފަލާހު ވަނީ ގޮވާލައްވާފަ އެވެ.
ފަލާހު ވިދާޅުވީ ނޫސްވެރިން ފަތުރާ ދޮގު ޚަބަރުގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ލޭބަލް ކޮށް މީޑިއާގައި ބުހުތާނު ދޮގު ޚަބަރު ފަތުރާފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލާ އަށް ވެސް އޭގެ އަސަރުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ ކަންކަން ކުރާ ނަމަ ނޫސްވެރިން ޖަލަށް ލުމުގެ ބަދަލުގައި އުލުބައިންދަންވީ ކަމަށް އޭނާ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ. ފަލާހު މިފަދައިން ވިދާޅުވިއިރު، އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ. އެހެން ކަމުން ފަލާހަށް އެ ގޯވާލެއްވެނީ ނޫސްވެރިން މަރަން ކަމަށް ގިނަ ގަޔަކު އަންނަނީ ބުނަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ. އަދި އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.