މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލާ ދެކޮޅަށް ކުރި ސުލްހަވެރި އެއްވުމުގައި ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފި އެވެ.
ބުދަ ދުވަހު ނޫސްވެރިން ބިލާ ދެކޮޅަށް ބޭއްވި އެއްވުމުގައި އެއްވެސް ސަބަބެއް ނެތި ފުލުހުން ވަނީ ނޫސްވެރިން، ހައްޔަރުކޮށް، އަދި މުޒާހަރާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފަ އެވެ.
މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަނުން މި ބިލު ސިފަކޮށްފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ނުރައްކަލެއްގެ ގޮތުގަ އެވެ. މި ބިލު އެކުލަވާލެވިފައިވަނީ އެއްވެސް މަޝްވަރާއެއް ނެތި، އަދި ބިލުގެ އަސްލު މަޤްޞަދު ފޮރުވޭގޮތަށް ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މަޝްވަރާކުރުމެއް ނެތި ބީރު ކަންފަތެއްދީ މަޖިލީހުން އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔަކަން ވެސް ފާހަގަކޮށްފައިވެ އެވެ.
Statement Condemning Arrest of Journalists Protesting ‘Media Control Bill’ pic.twitter.com/dDLm4NAIaK
— MDP Secretariat (@MDPSecretariat) August 27, 2025
އެމްޑީޕީގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ މިހާރުގެ ސަރުކާރުން އަމިއްލަ ބާރުތައް އިތުރުކޮށް، މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ހުއްޓުވާލުމަށް ކުރަމުންދާ މަސައްކަތުގެ އިތުރު ހެއްކެކެވެ. މިނިވަން މީޑިއާއަށް ދެމުންދާ މި ހަމަލާއަކީ ޤާނޫނު އަސާސީން ލިބިދޭ ބަސްބުނުމުގެ މިނިވަންކަމުގެ ޙައްޤަށް އަރައިގަތުމެއް ކަމުގައި އެ ޕާޓީން ދެކެއެވެ.
އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، މިނިވަން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުގެ މި އަމަލާ ދެކޮޅަށް އެއްސަފެއްގައި ތެދުވުމަށް އިލްތިމާސްކޮށް ގޮވާލާފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސިޓިޒެން ނޫހުގެ މޫސާ ރަޝީދު، އަދަދު ނޫހުގެ އަހުމަދު އާއިދު އާއި ޝަހުޒާން އާއި ދައުރު ނޫހުގެ މުޒައްޔިމް އަދި އެމްވީ ޕްލަސްގެ ލަމްޔާ އެވެ. ފަހުން އެ އެންމެން ވަނީ ދޫކޮށްލާފައެވެ.