ފެނަކަ ކޯޕަރޭޝަން ހިންގުމަށް ހުރި ދަތިތައް ހާމަކޮށް، ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދުގެ ޝަކުވާތައް ބަންޑުންކޮށްލައިފިއެވެ.
އޭނާ އެ ޝަކުވާތައް ހިއްސާކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައެވެ. މުއާޒްގެ ޓްވިޓާގައި އެ ސިޓީ ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން މުއާޒް ވަނީ ފުރިހަމައަށް މަސްޢޫލިއްޔަތު އަދާކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުިވެފައެވެ. ލިބޭ އާމްދަނީން ކުންފުނި ހިންގާ މިންވަރަށް އާމްދަނީ ނުލިބޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ކުންފުނި އޮތީ މާލީ ގޮތުން ދަށް ހާލަތަކަށް ވެއްޓިފައި ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފެނަކައިން ޚިދުމަތް ދޭ ގިނަ ރަށްރަށުގައި މެއިންޓެންސް މަސައްކަތްތައް ނުކުރުމާއި، ބެކްލޮގް އެއްކޮށް ރަނގަޅު ނުކުރުން ފަދަ މައްސަލަތައް ދިމާވެފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ. އޭނާ ކުންފުންޏާއި ހަވާލުވި އިރު ވެސް ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިިލިއަން ރުފިޔާ އޮތް ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ. މުއާޒް މަޤާމާއި ހަވާލުވި އިރު ދަރަނި އޮތް މިންވަރު ހާމަކުރެއްވި ނަމަވެސް މަޤާމުން ވަކިވާ އިރު އެ ހާލަތު ހުރި ގޮތުގެ ތަފްސީލް ހިއްސާ ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން މިހާރު ކުންފުނީގެ ދަރަނީގެ ހާލަތު އޮތް ގޮތް ސާފެއް ނޫނެވެ. އެކަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް މުއާޒަށް ރާއްޖެއެމްވީން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.
މުއާޒް ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ ކުންފުނީގެ މުވައްޒަފުން އިތުރުކުރަން ޖެހިފައިވުމެވެ. އެއީ ވަކި ބޭފުޅަކު އަންގަވައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން ހިންގާ ކަމެއްތޯ ނުވަތަ ނޫންތޯ ސާފުކޮށް މުއާޒް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް އެމްޑީކަމުގައި ހުންނެވި ނަމަވެސް މުވައްޒަފުން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ނެގުން ނޫން ގޮތެއް އޭނާ އަށް ނެތް ކަމަށް މި ސިޓީގައި މުއާޒް ވިދާޅުވެފައިވާ ވާހަކައިން ދޭހވެއެވެ.
އެކަން ހާމަވާ އަނެއްކަމަކީ ކުންފުނި ރައިޓް ސައިޒްކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް މުއާޒް ވިދާޅުވެފައިވުމެވެ. އެ ގޮންޖެހުންތަކާއި އެކު ވެސް ޚަރަދު ކުޑަކުރުމަށް ފެނަކައިން މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައިވާނެ ކަަމަށް މުއާޒް ވިދާޅުވިއެވެ. އެގޮތުން 2023ގެ އޮކްޓޯބަރ އިން ފެށިގެން 2024ގެ އޮކްޓޯބަރގެ ނިޔަލަށް 160 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހިންގުމުގެ ޚަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.
ކުންފުނީގެ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ޚަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކުންފުނީގެ ޚަރަދުތައް ނުކަތާ ވަރަށް ބޮޑުވެފައިވާ ކަމަށް އެ ސިޓީން ހާމަވިއެވެ.
މުއާޒް ކަންބޮޑުވުން ފާޅުކުރެއްވި އަނެއްކަމަކީ މުވައްޒަފުންނަށް ވަގުތަށް މުސާރަ ނުދެވުމެވެ. އެގޮތުން މަސް ފެށުނު އިރު ވެސް ނޮވެމްބަރު މަހާއި ޑިސެމްބަރ މަހު ފެނަކައިގެ މުވައްޒަފުންނަށް މުސާރަ ނުދެވޭކަން މުއާޒް ފާހަގަކުރެއްވިއެވެ. އެއީ ކުންފުނީގެ ތާރީހުގައި ވެސް ކުރިން ހިނގި ކަމެއް ނޫންކަން މުއާޒް ވެސް ވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް މުއާޒް ވިދާޅުވީ އެ ކަމަކީ އެ ކަންބޮޑުވުންތައް ފިނޭންސާއި ހިއްސާކުރުމުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
މުއާޒްގެ އެ ވާހަކަތަކާއި އެކު ކުރިއަށް އޮތްތަނުގައި ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ނުލިބުން ފަދަ ގޮންޖެހުންތަކާއި އިތުރަށް ދިމާވާނެތޯ އާއްމުން ވަނީ ސުވާލު އުފައްދަން ފަށާފައެވެ. އަދި ކުންފުނިތަކާއި ސަރުކާރުގެ މާލީ ހާލަތު ސަރުކާރުން އޮޅުވާލަނީތޯ ވެސް އާއްމުން ވަނީ ސުވާލު އުފައްދާފައެވެ.