އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީ އިން އަނެއްކާވެސް ކަރަންޓް ކަނޑަން ފަށައިފި އެވެ.
އައްޑޫ ސިޓީގެ ފެނަކަ އިން ބުނީ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ފީޑަރ ނަމްބަރ 3 އަދި ފީޑަރ ނަމްބަރ 4 އިން ވަނީ މިވަގުތު ކަރަންޓު ކެނޑިފަ އެވެ. މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ޓެކަނިކަލް ޓީމުން ދަނީ ކުރަމުން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުތަކަށް ދިމާވި މައްސަލައާއި ގުޅިގެންނާއި ލޯޑު މަތިވުމުގެ ސަބަބުން އެކި ރައްތަކުން ކަރަންޓު ކެނޑޭނެކަން ވަނީ އަންގާފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިހާތަނަށް އައި އިރުވެސް ހައްލެއް ނާންނަ ކަމަށެވެ. އެގޮތުން ކޮންމެވެސް އެއް ހިސާބަކުން އަބަދުވެސް ކަރަންޓް ކަނޑަމުން އަންނަ ކަމަށާއި، ބައެއް ސަރަހައްދުތަކުން ދެތިން ފަހަރަށް ވެސް ކަރަންޓް ކަނޑާފައިވާ ކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ސަރުކާރަށް ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާއިރު އެކަމުގެ ހުރިހާ ގެއްލުމެއް ލިބެމުންދަނީ އައްޑޫގެ ރައްޔިތުންނަށެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީ އިން ފެނަކަ އައްޑޫ ބްރާންޗްގެ ޑިރެކްޓަރ ނައީމް އަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި އައްޑޫ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ތިނަދޫ ސިޓީގައި ހުރި ދެ ޖެންސެޓް ވަނީ އައްޑޫ އަށް ވަނީ ގެންގޮސްފަ އެވެ. އަދި މި އިންޖީނު ތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ކުރިން އައްޑޫ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވީ ނަމަވެސް އަދިވެސް މިމައްސަލައަށް ދާއިމީ ހައްލެއް ނުލިބެ އެވެ. ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި، އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ރައީސް މުއިއްޒު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.