ފުވައްމުލަކު ފެނުގެ މައްސަލަ ހައްލު ކުރުމަށް އަދި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މިހާތަނަށް އަދި ސަރުކާރުން އެއްވެސް ވަރަކަށް ސިޓީ ކައުންސިލާއި މަޝްވަރާ ނުކުރާ ކަމަށް އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ ވިދާޅުވެއްޖެ އެވެ.
ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ ސަރުކާރުން މި މައްސަލައިގައި ސިޓީ ކައުންސިލާއި އެއްވެސް ވަރަކަށް މުއާމަލާތެއް ނުކުރާ ކަމަށާއި މައްސަލައާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ވެސް ނުދޭ ކަމަށެވެ. އަދި ކައުންސިލުން އަމިއްލަ އަށް އިސް ނަގައިގެން ފުވައްމުލަކުގައި ހުންނަ ފެނަކައިގެ އިސް ފަރާތްތަކަށް ދަންނަވައިގެން ހޯމަ ދުވަހުގެރޭ ބައްދަލުވުމެއް ބާއްވާ ބައެއް ކަންކަން ސާފުކޮށްފައިވާ ކަމަށެވެ.
ފިކުރީ ވިދާޅުވީ އެމްއެންޑީއެފް ސަދަން ރީޖަންގެ ފަރާތުން ކޮންމެވެސް ވަރެއްގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި، ކައުންސިލުން އިސް ނަގައިގެން ޑިޒާސްޓާ މެނޭޖްމަންޓާއި އެމްއެންޑީއެފް ސަދަން ރީޖަން އާއި ފެނަކައާ ވާހަކަ ދެކެވި އެންމެ ފަހުން މައުލޫމާތެއް ލިބިފައިވަނީ ހޯމަ ދުވަހުގެރޭގައި ކަމަށެވެ. އަދި އެފަހުން އެއްވެސް އިތުރު މައުލޫމާތެއް ކައުންސިލަށް ލިބިފައި ނުވާ އިރު، ސަރުކާރުން އެއްވެސް ވަރަކަށް ކޮމިއުނިކޭޓް ކޮށްފައި ނުވާ ކަމަށެވެ.
ފެނަކައިން ވަކި ތާރީހެއް ނުދޭ މައްސަލަ ހައްލުވާނެ. އެމީހުން ދެއްކި ވާހަކަތަކަށް ބަލާއިރު އެމީހުުންގެ މައުލޫމާތުން އިނގެނީ 2 ދުވަސް ވަރު ނަގާނެ ކަމަށް ރަނގަޅު ކުރަން. ނެޓްވޯކް ސާފުކުރަން އަންގާފައި އޮތީ. ނުސީދާކޮށް މައުލޫމާތު ލިބިގެން މިމަހުގެ 4 ހިސާބުގައި ސާމްޕަލްތަކެއް ނަގަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގެނެސް ސާމްޕަލްތަކެއް ނަގައިގެން ލިބުނު ނަތީޖާއިން އެނގުނީ އިންސާނުން ބޭނުންކުރާ ވަރަށްވުރެ ބޮޑަށް ފެން ތަޣައްޔަރުކަން.
ފުވައްމުލައް ސިޓީ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ![]()
ފިކުރީ ވިދާޅުވީ ހައިޑޯޒެއްގެ ކުލޮރިން ބޭނުންކޮށްގެން ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށާއި ގޭގެއިން ފެން ބޭނުން ނުކުރުމަށް އަންގާފައިވާނެ ކަމަށެވެ. ފިކުރީ ވިދާޅުވީ ސީދާ ވަކި މުައްދަތެއް ނުދޭ ކަމަށާއި، ނަމަވެސް މަދުވެގެން ދެތިން ދުވަސް އެކަމަށް ނަގާނެ ކަމަށް ފެނަކައިގެ ބޭފުޅުންގެ ވާހަކައިން އެނގޭ ކަމަށެވެ.
ފިކުރީ ވިދާޅުވީ ހޯމަ ދުވަހުގެ ދަންވަރުން ފެށިގެން ފުވައްމުލަކު އަދި އައްޑޫ އިން ފެންގެނެސްގެން ފެން ބެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދެ ފުލައިޓަކުން މާލެއިން ވެސް ފެން ގެނެސް ބަހަމުން އަންނަ ކަމަށެވެ.
އެއްވެސް ވަރަކަށް ބައިވެރި ކުރުމެއް ނެތް، މައުލޫމާތެއް ދިނުމެއް ނެތް. އެބޭފުޅުންގެ ތެރެއިން މައުލޫމާތު ލިބުނީ ސިޓީސް މިނިސްޓްރީންނޭ ފެން ބަހާނީ. ނަމަވެސް އެކަން ނުކުރެވިގެން އެމްއެންޑީއެފް މެދުވެރިކޮށް އެކަން ކުރާ ވާހަކަ އަޑު އިވުނީ. ނަމަވެސް އަނެއްކާ ވެސް ސިޓީސް މިނިސްޓްރީން ފެން ގެންދާ ވާހަކަ އެބަދެކެވޭ. ކައުންސިލުން އޮތީ ވެހިކަލްތައް ފޮނުވައިގެން ވެސް އެކަން ކުރަން.
ފުވައްމުލައް ސިޓީ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ![]()
ފުވައްމުލައް ސިޓީ އިން ފެން ކެނޑި ފެނަށް ޖެހިފައިވާ އިރު، އެރަށު ފިހާރަތަކުން މީހަކަށް ދެނީ 5 ކޭސް ފެނެވެ. މިހާތަނަށް ސަރުކާރުން މިކަމުގައި އެއްޗެއް ބުނެފައި ނުވާ އިރު ކުރަމުންދާ މަސައްކަތުގެ ތަފްސީލެއް ވެސް ދީފައި ނުވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފެނުގެ މައްސަލަ ޖެހުނީ މި ފަހުންނެވެ. އަދި ފެން ކަނޑާލަން އެޗްޕީއޭ އިން އެންގީ ފެނުގައި ބެކްޓީރިއާ ހުރެގެންނެވެ. ނަމަވެސް މިހާތަނަށް އައި އިރު ފެނަކައިން މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ފެނަކައިން އެންމެފަހުން ބުނީ ފެނުގެ ނެޓްވޯކް ސާފު ކުރުމަށްޓަކައި ހައި ޑޯޒެއްގެ ކުލޮރިން ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިވަގުތު ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ފެން ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. އެ އެންގުމުގައި އިތުރަށް ބުނެފައި ވަނީ ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް ނިމުމުން އެކަން އިއުލާނު ކުރެވޭނެ ކަމަށެވެ.