ދުނިޔޭގެ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ ޑާންސިންގ ޑީވާ މާދުރީ ދިކްޝިޓްގެ ހަޔާތުގެ މައްޗަށް، އިނގިރޭސި ކޮމެޑީ ސީރީޒްއެއް އުފައްދަން ބޮލީވުޑް އަދި ހޮލީވުޑް އެކްޓަރު ޕްރިޔަންކާ ޗޯޕްޅާ ނިންމުމާ ގުޅިގެން އެއީ އެކަމަށް އެންމެ ޤާބިލް މީހާ ކަމަށް މާދުރީ ބުނެފިއެވެ.
މާދުރީ ނެރުނު ކުރު ސްޓޭޓްމަންޓުގައި ބުނެފައި ވަނީ އޭނާގެ ހަޔާތުގެ މައްޗަށް ސީރީސްއެއް އުފައްދަން ނިންމުން އެކަމާ ވަރަށް ހައިރާންވެ އުފާވި ކަމަށާއި އެ ސީރީސްގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ޕްރިޔަންކާއަށް ވުމުން އެކަމާ މާބޮޑަށް އުފާވި ކަމަށެވެ. އަދި ޕްރިޔަންކާއަކީ އޭނާގެ ހަޔާތުގެ މައްޗަށް މިފަދަ ސީރީސްއެއް އުފައްދަން އެންމެ އެކަށީގެންވާ މީހާ ކަމަށް ވެސް މާދުރީ ބުންޏެވެ.
މި ސީރީސްގައި ފެނިގެން ދާނީ މާދުރީ އެމެރިކާ އަށް ބަދަލުވެ، ދިރިއުޅުން ކުރިއަށް ގެންދާ ގޮތެވެ. ކައިވެންޏަށް ފަހު މާދުރީ ވަނީ ފިލްމީ ދާއިރާ އިން ބްރޭކެއް ނަގައިފަ އެވެ. މިހާރު ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައި ވާއިރު، މާދުރީ އެނބުރި ފިލްމީ ދާއިރާއާ ގުޅިފައި ވަނީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. އެމެރިކާގެ މަޝްހޫރު ޓީވީ ޗެނަލް އޭބީސީން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒް އަށް އަދި ނަމެއް ދީފައި ނުވެއެވެ.
މި ސިރީސްއަކީ ހަޤީޤީ ހާދިސާއެއް ކަމަށާއި މި ޕްރޮޖެކްޓް ފައިނަލް ވެފައިވާކަން ޕްރިޔަންކާ ވަނީ ބުނެފައެވެ.
ޕްރިޔަންކާ އާއި މާދުރީ އަދި އޭނާގެ ފިރިމީހާ އެގްޒެކެޓިވް ޕްރޮޑިއުސްކުރާ އެ ސީރީޒް އިން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މާކް ގޯޑަން އަދި ނިކް ޕެޕަރ ހިމެނެ އެވެ.
ޕްރިޔަންކާ އޭނާގެ ހޮލީވުޑް ކެރިއަރު ފެށީ "ކުއަންޓިކޯ" އިންނެވެ. އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" އަށް ފަހު އިތުރު ދެ ފިލްމެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެގޮތުން ރޮމޭންޓިކް ކޮމެޑީ ފިލްމެއް ކަމަށްވާ "އިޒިންޓް އިޓް ރޮމޭންޓިކް"ގެ ޝޫޓިން ކުރިއަށް ގެންދެއެވެ. މީގެ އިތުރުން އޮގަސްޓް – ސެޕްޓެމްބަރގައި މުމްބާއީގައި ހޭދަ ކުރުމަށް ފަހު ކުއަންޓިކޯގެ ތިންވަނަ ސީޒަންގެ ޝޫޓިން ފަށާނެ ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.