ކ. މާލެ
|
29 ނޮވެންބަރ 2024 | ހުކުރު 13:00
ހުކުރު ޚުތުބާ އަޑު އަހަނީ
ހުކުރު ޚުތުބާ އަޑު އަހަނީ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
އަލްޚުލަފާއުއްރާޝިދޫންގެ ހަޔާތްޕުޅުން ފިލާވަޅު ލިބިގަނެ، ފިތުނަވެރި ދުނިޔޭގައި ކެރިގެން ފައިތިލަ ސާބިތު ކުރާންޖެހޭ: ޚުތުބާ
ދީނާ މެދު ޝައްކާއި ވަހުމުތައް އުފައްދާނަމަ އަބޫބަކުރުގެފާނު ދެއްކެވި ފަދަ ސާބިތުކަމެއް ދައްކަންޖެހޭ
ފާފަކުރެވުމަކީ، އިސްލާހުގެ މަގާ މެދު ތިބާ މާޔޫސްވާން ވީ ސަބަބެއް ނޫން
عُثْمَانُ ފަދައިން، އަހަރުމެން އަހުލާގީ ރިވެތި ސިފަތައް އަށަގެންފައިވާ މުޖުތަމައަށް މަންފާކުރަނިވި ބަޔަކަށްވާން ޖެހޭ

އަލްޚުލަފާއުއްރާޝިދޫންގެ ހަޔާތްޕުޅުން ފިލާވަޅު ލިބިގަނެ ދިރިއުޅުން ބިނާކުރަންޖެހޭ ކަމަށާއި، ފިތުނަވެރި ދުނިޔޭގައި ހައްގު މަގުގައި ކެރިގެން ފައިތިލަ ސާބިތު ކުރާންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އަލްޚުލަފާއުއްރާޝިދޫންގެ ޙަޔާތްޕުޅުން ދަރުސްތަކެއް'' މިމައުޟޫއަށް ރައްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ އަލްޚުލަފާއުއްރާޝިދޫންއަކީ، މާތް ނަބިއްޔާގެ ޚަލީފާކަން ކުރެއްވި ހަތަރު އަސްހާބުބޭކަލުންކަމުގައިވާ أَبُوْ بَكْر (رَضِيَ اللّٰهُ عَنْهُ) އާއި،  عُمَرُ (رَضِيَ اللّٰهُ عَنْهُ) އާއި، عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އާއި عَلِي (رَضِيَ اللّٰهُ عَنْهُ) މި ހަތަރު ބޭކަލުންގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

މި ބޭކަލުންނަކީ ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އެބޭކަލުންނަށް ތަބާވުމަށް އިރުޝާދުދެއްވައިފައިވާ ބޭކަލުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْـخُلَفَاءِ الرَّاشِدِيْنَ الْمَهْدِيِّيْنَ)([1]) މާނައީ: "ފަހެ، ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަން ނަބިއްޔާގެ ސުންނަތުގައި ހިފުމެވެ. އަދި ތެދުމަގު ލިބިގެންވާ އަލްޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ހިފުމެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ މި ބޭބޭކަލުންގެ ސުންނަތުގައި ހިފުމަށްޓަކައި އެ ބޭކަލުންގެ ޙަޔާތްޕުޅަށް ނަޒަރު ހިންގައި، އެއިން ލިބޭ ފިލާވަޅުތަކުގެ އަލީގައި އަހަރެމެންގެ ދިރިއުޅުން ބިނާކުރުން ވަރަށް މުހިންމު ކަމަށެވެ. މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާއަކީ أَبُوْ بَكْر (رَضِيَ اللّٰهُ عَنْهُ)  އެވެ. އެކަލޭގެފާނު ވެވަޑައިގެންފައިވަނީ އީމާންކަމާއި ހެޔޮ އަމަލުގައި ނަމޫނާ ބޭކަލެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މާތް ނަބިއްޔާގެ އިސްރާއާއި މިޢުރާޖުގެ ޙާދިޘާގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތުމުން ވިދާޅުވި ބަސްފުޅުން އެ ކަން ދޭހަވެއެވެ. ބާރަށް ދުވާ އަހުގައި އެތައް ދުވަހަކުން ކުރެވޭ ދަތުރެއް މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ކުޑަ ހިނދުކޮޅެއްގެ ތެރޭ ނިންމަވައިލައްވައި، ހަމަ އެ ދަތުރުފުޅުގައި އުޑުތަކަށް އަރައިވަޑައިގަތް ޚަބަރު ޤަބޫލުކުރައްވަން ބައެއް ޞަޙާބީންނަށް ވެސް ދަތިފުޅުވިއެވެ. އެހެނަސް މައްކާގެ މުޝްރިކުން މަލާމާތުގެ ރާގެއްގައި އަބޫބަކުރުގެފާނު އަރިހުގައި، ކަލޭގެފާނުގެ އެކުވެރިޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ފަދައިން އެބަ ޙަދީޘްކުރައްވައޭ، ކަލޭގެފާނު އެ ވާހަކަ ތެދުކުރައްވަންތޯއޭ ދެންނެވުމުން، އެކަލޭގެފާނުގެ ޖަވާބަކަށް ވީ ސިޔަރަތުގައި ރަން އަކުރުން ލިޔެވިފައިވާ އަންނަނިވި ބަސްފުޅެކެވެ. (نَعَمْ، إِنِّيْ لَأُصَدِّقُهُ فِيْمَا هُوَ أَبْعَدُ مِنْ ذَلِكَ؛ أُصَدِّقُهُ بِـخَبَرِ السَّمَاءِ فِيْ غَدْوَةٍ أَوْ رَوْحَةٍ)( ) މާނައީ: "އާނއެކެވެ. އަހުރެން އެ ވާހަކަ ތެދުކުރަމެވެ. އަހުރެން މިހުރީ ތިޔަށް ވުރެ މާ ބޮޑެތި ކަންތައްތައް އެކަލޭގެފާނާ ބެހޭ ގޮތުން ތެދުކޮށްގެންނެވެ. އެހެނީ ހެނދުނާއި ހަވީރު އެކަލޭގެފާނުގެ އަރިހަށް އުޑުގެ ޚަބަރުތައް (އެބަހީ ވަޙީ) އަންނަކަން އަހުރެން މި ހުރީ ތެދުކޮށްގެންނެވެ." މިއާ އެކު، އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު އެރުވުނެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އިސްލާމްދީނާ މެދު ޝައްކާއި ވަހުމުތައް އުފައްދައި ފަތުރަމުންދާ މިޒަމާނުގައި އަހަރެމެން ވެސް އަބޫބަކުރުގެފާނު ދެއްކެވި ފަދަ ސާބިތުކަމެއް ދައްކާން ޖެހޭނެ ކަމަށެވެ. މީހަކު، އެ މީހެއްގެ ކޮށި ވިސްނުން ޙުއްޖަތަކަށް ހަދައި، މުސްލިމުންގެ ސިކުނޑި ދޮވެލުމަށް ޓަކައި ދައްކާ ވާހަކައަކުން، ޤުރްއާނާއި ސުންނަތުން ސާބިތުވާ، އިސްލާމް ދީނުގެ އަސާސަކާ މެދު ޝައްކު އުފައްދައިގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަލްޚުލަފާއުއްރާޝިދޫންގެ ތެރެއިން ދެވަނަ ޚަލީފާ عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ) ގެ ހަޔާތްޕުޅަށް ވެސް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

އެކަލޭގެފާނަކީ، އިސްލާމްވެވަޑައިގަތުމުގެ ކުރީގައި މައްކާގެ މުޝްރިކުންގެ ތެރެއިން ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ މައްޗަށް އެންމެ އަދާވާތްތެރި އެއް ބޭކަލު ކަމަށާއި، އުރައިން ކަނޑި ދަންމަވައިގަނެ، ﷲގެ ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޤަތުލުކުރުމަށް އެކަލޭގެފާނު ވަޑައިގަތް ހާދިސާ ޚުތުބާގައި ހިއްސާކުރިއެވެ. ނަމަވެސް، ﷲ تَعَالَى އެކަލޭފާނަށް ހިދާޔަތް ދެއްކެވުމާ އެކު، ދީނުގެ ދިފާއުގައި ވަގުތުން މަސައްކަތް ފެށްޓެވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ އެކަލޭގެފާނު ވެވަޑައިގަތީ ސިޔާސީ ދާއިރާއާއި ދައުލަތް ހިނގުމުގެ ގޮތުން ވެސް މުޅި އިސްލާމީ ދައުލަތަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައި، އިސްލާމީ ފުތޫޙާތު ފުޅާކުރެއްވި ވަރުގަދަ ލީޑަރަކަށް ކަމަށެވެ.

عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ)ގެ ޙަޔާތްޕުޅުން ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަށް އިޝާރަތްކޮށް ޚުތުބާގައި ބުނީ ތިމާއަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި، ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއްކަމުގައި ވިޔަސް، އިސްލާހުވެ، ދީނަށާއި، އުންމަތަށް ޚިދުމަތްކުރުމަކީ ހުޅުވިފައިވާ ދޮރެއް ކަމަށެވެ. އަދި އެހައި ފަސޭހައިން މީސްތަކުންނާ މެދު އުންމީދު ކަނޑައިލައިގެން ނުވާނެ ކަމަށާއި، ދީނާ ދުރު ވިސްނުންތައް ގެންގުޅޭ މީސްތަކުންނާ މެދު ވެސް އަހަރެމެންގެ ޒިންމާއަކީ، ހެޔޮ ގޮތުގައި ވާހަކަދައްކައި، ނަސޭހަތް ދީ، ޝަރުއީ ދަލީލުތަކުންނާއި ބުއްދީގެ ދަލީލުތަކުން ޙުއްޖަތް ދައްކައި، ހެޔޮ މަގު ދައްކައިދީ، ﷲއާ ވަކީލުކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ހިދާޔަތުގެ މަގަށް ތައުފީގު ދެއްވަނީ ﷲ سُبْحَانَهُ تَعَالَى ކަމަށާއި، ފާފަކުރެވުމަކީ، އިސްލާހުގެ މަގާ މެދު ތިބާ މާޔޫސްވާން ވީ ސަބަބެއް ނޫން ކަމަށެވެ. ކިތަންމެ ބޮޑެތި އަދި ކިތަންމެ ބައިވަރު ފާފަތަކެއް ކުރެވިފައިވީ ނަމަވެސް އިސްލާޙުވާން ބޭނުންވާ މީހަކަށް މަގު ފަހިވެފައިވާކަން މާތް ﷲ އަންގަވާފައިވާ ކަަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މުސްލިމުންގެ ތިންވަނަ ޚަލީފާ، عُثْمَانُ (رَضِيَ اللّٰهُ عَنْهُ) ހަޔާތްޕުޅަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ އަހުލާގީ ރިވެތި ސިފަތައް ލިބިވަޑައިގެންވާ ލަދުވެތި ބޭކަލެއް ކަމަށެވެ. عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އަކީ ތަނަވަސް އަދި މީސްތަކުންނަށް ނުހަނު ދީލަތި ބޭކަލެއް ކަމަށާއި، މަދީނާއަށް ބޮޑު ތަދުމަޑުކަމެއް ކުރިމަތިވީ ދުވަސްވަރެއްގައި، ޢުޘްމާނުގެފާނުގެ މުދާ ޤާފިލާއެއް މަދީނާއަށް އައިކަން ފާހަގަކޮށްފައިވެއެވެ.

އަހަރެމެންނަކީ ވެސް عُثْمَانُ (رَضِيَ اللّٰهُ عَنْهُ) ފަދައިން، އަހުލާގީ ރިވެތި ސިފަތައް އަށަގެންފައިވާ، މުޖުތަމައަށް މަންފާކުރަނިވި ބަޔަކަށް ވުމަކީ މުހިންމުކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިކަން ހާސިލުކުރުމަށް ދިރިއުޅުމުގައި އަހުލާގީ ގޮތުން ހިފަހައްޓާނެ އިސްލާމީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ އުސޫލުތަކެއް ކަނޑައަޅުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި ތިމާއަކީ ތަނަވަސްކަމުގެ އަހުލުވެރިއެއް ނަމަ، ޒަކާތް ނެރެ، ނިކަމެތީންނަށް އެހީވެ، މީހުން ބިނާކުރުން ފަދަ މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމަށް ހޭދަކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އަލްޚުލަފާއުއްރާޝިދޫންގެ އެންމެ ފަހު ބޭކަލަކީ، عَلِي (رَضِيَ اللّٰهُ عَنْهُ)އެވެ. އެކަލޭގެފާނަކީ ހިތްވަރުގަދަކަމުގެ ރަމްޒެކެވެ. ހަނގުރާމައިގެ މައިދާނުގައްޔާއި، ޚަލީފާކަމުގައި ބޮޑެތި ފިތުނަތަކެއްގެ ތެރޭގައި އެކަލޭގެފާނު ދެއްކެވި ޤިޔާދަތާއި، ހިތްވަރަކީ ތާރީޚު ހެކިދޭ ކަންކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ، މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖުރަކުރެއްވުމަށް މައްކާއިން ނުކުމެވަޑައިގަތް ރޭގައި، މައްކާގެ މުޝްރިކުން ތިބީ އެކަލޭގެފާނުގެ ގެކޮޅުން ނުކުމެވަޑައިގަތުމާ އެކު، އެކަލޭގެފާނު އަވަހާރަކޮށްލާން ތައްޔާރަށެވެ. އެ ޚުޠޫރަތްތެރި ވަގުތުގައި ވެސް މުޝްރިކުންނަށް އޮޅުވައިލެއްވުމަށް ނަބިއްޔާގެ ދާންމަތިކޮޅުގައި އޮންނެވީ ޢަލީގެފާނެވެ. އިސްލާމްދީނާއި، ރަސޫލު مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ދިފާޢުގައި އެކަލޭގެފާނުގެ ޖާނު ޤުރުބާން ކޮށްލައްވާން ވެސް ތައްޔާރަށް ހުންނެވިކަން މި ހިތްވަރުގަދަ އަމަލުފުޅުން އެނގެއެވެ. އެހެންކަމުން އަހަރެމެންނަކީ ވެސް ދީނުގެ ދިފާޢުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ޒަމާނާއެކު އަންނަ ގޮންޖެހުންތަކާ، ކެރިގެން ކުރިމަތިލާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ކަޅު ފޮއި ރެއެއްގެ އަނދިރިކަން ފަދަ ފިތުނަވެރި ދުނިޔެއެއްގައި އަހަރެމެން ދިރިއުޅެމުންދާ އިރު، ހައްގު މަގުގައި ކެރިގެން ފައިތިލަ ސާބިތު ކުރާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ''އަލްޚުލަފާއުއްރާޝިދޫންގެ ޙަޔާތްޕުޅުން ދަރުސްތަކުން ފިލާވަޅު ލިބިގަނެ ކުރިއަށް ދިއުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

- ކޮމެންޓް