Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2025 | ބުދަ 15:23
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
މިހާރު މި ސަރުކާރުން ހުރިހާ ކަމެއް ދަނީ ސިޔާސީ ކުރަމުން
ދީނީ ގޮތުން ރަނގަޅު ސައްހަ މައުލޫމާތު މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ
އިސްލާމިކް މިނިސްޓްރީން ދީނުގެ މައުލޫމާތު ފޯރުކޮށްދެމުންދަނީ ސިޔާސީވެގެނެއް ނޫން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައިވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވަނީ ކުރީ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ ދޮގު ހައްދަވާފައެވެ. އަދި ޚުތުބާތައް ގެނެސްދީފައިވާ ގޮތަށް ފާޑު ވިދާޅުވެފައިވެއެވެ. އިސްލާމިކް މިނިސްޓްރީން މަސައްކަތް ކޮށްފައިވަނީ ވަރަށް ބޮޑަށް ސިޔާސީވެ ސިޔާސީ މަންފާއަށް ކަމަށް ދޭހަވާ މޭރުމަކުން މިނިސްޓަރު ޝަހީމް ވާހަކަ ދެއްކެވިއެވެ.

މިވާހަތަކާ ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަށް، ކުރީ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޑރ.ޒާހިރު ވިދާޅުވީ އިސްލާމް ދީނުގެ މައުލޫމާތު ފޯރުކޮށްދެމުންދަނީ ސިޔާސީ ވެގެން ނޫން ކަމަށާއި، ދީނީ ގޮތުން ރަނގަޅު ސައްހަ މައުލޫމާތު އިސްލާމިކް މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަަމަށެވެ. އެއީ ސިޔާސީ ވެގެން ކުރާ މަސައްކަތެއް ނޫން ކަމަށް ޑރ.ޒާހިރު ވިދާޅުވިއެވެ.

ޑރ.ޒާހިރު ވިދާޅުވީ މި ސަރުކާރުގައި ހުރިހާ ކަމެއް ސިޔާސީ ކުރަމުންދާ ކަމަށާއި، އެންމެފަހުން ސިޔާސީ ކުރަން ނުޖެހޭ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ޒާހިރު ވިދާޅުވީ މިމަހުގެ 3 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާއި ގުޅިގެން ސިޔާސީ ޚުތުބާ އެއް ނެރެފައިވާ ކަމަށެެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން މަސައްކަތް ކުރީ ސިޔާސީވެގެން ނޫން. ސިޔާސީ ގޮތުން ޚުތުބާދީ ދީނީ މައުލޫމާތު ފޯރުކޮށްދީފައި ނުވާނެ. މި ސަރުކާރުން ސިޔާސީ ކޮށްގެން ޚުތުބާތައް ވެސް މިކިޔަނީ މިހާރު. އެންމެ ފަހުން މުޒާހަރާ އޮތްއިރު ވެސް ކީތާ. އެއާ ވިދިގެން ވެސް ޚުތުބާ ސިޔާސީ ކޮށްގެން ކީ. އެކަން މިހާރު އިސްލާމިކް މިނިސްޓްރީގައި އެޝެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މިހާރު ޕަބްލިކަށް ވެސް އެގޭނެ. މިދިޔަ ސަރުކާރުގެ ޕޮލިސީއެއް ވެސް ނޫން މިއީ ދެން ސިޔާސީ ކޮށްގެން އިސްލާމިކް މިނިސްޓްރީން ޚުތުބާތައް ކިޔާ ހެދުން. ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޏާ ހަމަ ކެޔޮގަނޑު ކަނޑާލާނެހެން.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ

އެމްޑީޕީން އިސްނަގައިގެން އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ލޫޓުވައިފި ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން އެދުވަހު މިނިސްޓްރީން ޚުތުބާ ގެނެސްދީފައިވަނީ މުއުމިނުންގެ ބަސްމަގު މިމައުޟޫއުގެ މައްޗަށެވެ. މި ޚުތުބާގައި މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫންކަން ބަޔާންކޮށްފައިވެއެވެ.

މި ގޮތަށް ޚުތުބާ ގެނެސްދީފައިވާތީ މިއީ ބޮޑު މުޒާހަރާއާ ގުޅިގެން ގެނެސްދީފައިވާ ސިޔާސީ ޚުތުބާއެއް ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޝަހީމްއަށް އަމާޒުވިއެވެ.

- ކޮމެންޓް