ބަޖެޓް ހުށަހަޅާއިރު ތަފްސީލު އެނގެން ޖެހޭ ކަމަށާއި، މިއީ ރައްޔިތުންގެ މަޖިލީހަށް ތަފްސީލެއް ނެތި ހުށަހެޅި ފުރަތަމަ ބަޖެޓް ކަމަށް މީދޫ ދައިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ސިޔާމް ވިދާޅުވީ ބަޖެޓާ ބެހޭ ގޮތުން ދައްކަވަން ބޭނުންވާ ބައެއް ނުކުތާތައް އެބަ ހުރި ކަމަށާއި، ނަމަވެސް ފުރަތަމަ ކަމަކީ ބަޖެޓެއް ހުށަހަޅާއިރުގައި ތަފުސީލު އެނގެންޖެހޭ ކަމަށެވެ. އޭނާ ރައްޔިތުންގެ ވޯޓުން ހޮވިފަ ދާއިރާގެ ރައްޔިތުން އޭނާއާއި ހަވާލުކޮށްފައިވާ ޒިންމާއެއް އެބައޮތް ކަމަށެވެ.
އެ ޒިންމާތަކަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދައުލަތުން ކުރާއިރު ރައްޔިތުންގެ މަޝްވަރާއާއެކު އެކަންކަން ކުރުން ކަމަށެވެ. ނަމަވެސް މަޖިލީހުގައި ފަންސަވީސް އަހަރު ވެގެން ދިޔައިރު، ތަފްސީލެއް ނެތް ގޮތުގައި މަޖިލީހަށް ހުށަހެޅިގެން ދިޔަ ފުރަތަމަ ބަޖެޓަކީ އެ ބަޖެޓް ކަމަށެވެ.
މީގައި އަޅުގަނޑުމެންގެ ދާއިރާގެ ރަށްތަކަށް މިސާލަކަށް މީދޫއަށް ބަނޑިދޫއަށް ހުޅުދެއްޔާ އަދިވެސް މި ޤައުމުގައި ހުރި އެހެން ރަށްރަށުގެ ތަރައްޤީއާ ބެހޭ އެއްވެސް ވާހަކައެއް މި ފޮތުގައި ބަޔާންކުރެވިފައި ނެތް. އެނގިލައްވާނެ ޑިމޮކްރަސީގެ އަދި ވިޔަފާރީގެ ވެސް އެންމެ މާތް އެންމެ ރަނގަޅު ގޮތަކީ ޓްރާންސްޕޭރަންޓް ނޫނިއްޔާ ހުޅުވާލެވިގެންވާ ސަފުހާތައް ބޭއްވުން. ރައްޔިތުން މިއަދު ބޭނުންވޭ ކުރާ ކަންތައްތައް އެނގެން. މާދަމާ ވާނީ ކިހިނެއްކަން ވެސް އެބަ ބޭނުންވޭ. އަޅުގަނޑުމެން ހެނދުނު ހޭލާއިރުގައި ސަޕްރައިޒެއް ވާކަށް ކޮންމެ ދުވަހަކު ބޭނުމެއް ނުވޭ އެހެންވީމާ އަޅުގަނޑުމެން އެބަ ދޭންޖެހޭ އެބަ ބުނަންޖެހޭ އަޅުގަނޑުމެންގެ ތަޢުލީމަށް ޚަރަދުކުރަނީ ބިލިއަނެއް ހަތް ބިލިއަން ނޫނީ އަށް ބިލިއަން ޑޮލަރު ކަމުގައި އޮންނަން ނޫނިއްޔާ ދެ ބިލިއަން ރުފިޔާ ކަމުގައި ވާ ނަމަ އަޅުގަނޑުމެން އެބަ ބުނަންޖެހޭ މި ތަޢުލީމީ ކޮން ދާއިރާކަން އަޅުގަނޑުމެން މިކަން މި ޚަރަދުކުރަނީ. އަޅުގަނޑުމެން އެބަ ބުނަންޖެހޭ ރަށްރަށުގެ ކޮން ރަށެއްގައި ކޮން ކަމެއްތޯ އޮތީ ނިމިފައި އޮތީ ނުނިމި އޮތީ.މީދޫ ދައިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
ސިޔާމް ވިދާޅުވީ ވާނުވާއެއް ނޭނގި ބަޖެޓަށް ބަހުސް ކުރެވޭނެ އެއްވެސް ގޮތެއް ހިތަކަށް ސިކުނޑިއަކަށް ނުވިސްނޭ ކަމަށެވެ. އަދި މިއީކީ ދުނިޔޭގެ އެއްވެސް ޤައުމަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން ކަމަށާއި، އެއްވެސް ކުންފުންޏަކުން ވެސް ބަޖެޓެއްހުށަހަޅާނެ ގޮތެއް ނޫން ކަމަށެވެ.
ސިޔާމް ވިދާޅުވީ ވިޔަފާރިއާ ވަރަށް ދުރު ވިސްނުމެއްގައި އަދި ޑިމޮކްރަސީއާއި ޓްރާންސްޕޭރެންސީއާއި ވަރަށް ދުރު ވިސްނުމެއްގައި ހުށަހަޅުއްވާފައި އޮތް ބަޖެޓެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.