ކ. މާލެ
|
15 ނޮވެންބަރ 2024 | ހުކުރު 13:40
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ- އިހްސާންކަން
އިހްސާންކަމުގައި ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދަމަހައްޓަންޖެހޭ، އެއީ މަރުމަތި އަމާންވާނެ ކަމެއް: ޚުތުބާ
އިހްސާންކަމަކީ، މުކައްލަފެއްގެ އެންމެހައި އަމަލުތަކުގައި ހުރުން ލާޒިމު ސިފައެއް
އިހްސާންކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނާ، އޭނާގެ އަޅުކަމުގައި، މާތް ﷲ އަށް އިހްސާންތެރިވާނެ
ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދީ، ކާންދީ އުޅުމަކީ ވެސް އިހްސާންތެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް

އިހްސާންކަމުގައި ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދަމަހައްޓަންޖެހޭ ކަމަށާއި، އެއީ މަރުމަތި އަމާންވާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އިހްސާންކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިހްސާންކަމަކީ، އިހްލާސްތެރިކަމާއި، ތެދުވެރިކަމާއި، ހެޔޮކޮށް ހިތުން ކަމަށާއި، އެއީ އިސްލާމްކަމާއި، އީމާންކަމަށް ފަހު، މުއުމިނެއްގެ ހަޔާތުގައި، ނުހަނު މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެއް ކަމަށެވެ.

އިހްސާންކަމަކީ، މުކައްލަފެއްގެ އެންމެހައި އަމަލުތަކުގައި ހުރުން ލާޒިމު ސިފައެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އޭނާގެ އިސްލާމްކަމާއި، އީމާންކަމާއި، އަޅުކަމުގައި ވެސް އިހްސާންތެރިވާންޖެހޭ ކަމަށެވެ. އަދި އަޅުކަމުގައި އިހްސާންތެރިކަމަކީ، މާތް ﷲގެ އެއްކައުވަންތަކަން ގަބޫލުކޮށް، އެކަލާނގެއާ އެހެން ފަރާތެއް ބައިވެރިނުކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ވަޙީގެ މަލާއިކަތާ، ޖިބުރީލު ޢަލައިހިއްސަލާމް، އިޙްސާންކަމާ ބެހޭގޮތުން ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَއާ ސުވާލު ކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (اَلْإِحْسَانُ: أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِن لَّـمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)[1] މާނައީ: "އިޙްސާންކަމަކީ، ތިބާ ﷲއަށް އަޅުކަންކުރާ ހިނދު، ތިބާ އެކަލާނގެ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަން ކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނުކަމުގައި ވިޔަސް، އެކަލާނގެ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ." އިޙްސާންކަމުގެ އަނެއް މާނައަކީ، ކަމޭހިތުމާއި، އޯގާވެރިވުމާއި، ހެޔޮކޮށް ހިތުމެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (إنَّ اللهَ كَتَبَ الْإحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبـَحْتُمْ فَأَحْسِنُوا الذَّبْحَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، فَلْيُرِحْ ذَبِيْحَتَهُ.)[2]  މާނައީ: "މާތް ﷲ ހުރިހައި އެއްޗެއްގެ މައްޗަށް އިޙްސާންތެރިކަން ލިޔުއްވައިފައި ވެއެވެ. ފަހެ ތިޔަބައިމީހުން (ޖާއިޒު ގޮތުގައި) ޤަތުލުކުރާ ނަމަ އޯގާވެރިކަމާއެކު އެކަން ކުރާށެވެ! އަދި ތިޔަބައިމީހުން އެއްޗެއް ކަތިލާހިނދު އޭގެ މައްޗަށް އޯގާވެރިވާށެވެ! ތިޔަބައިމީހުން ކުރެ ކަތިލާމީހާގެ ވަޅި ތޫނުކުރާހުށިކަމެވެ! އޭނާ ކަތިލާ އެއްޗަކަށް އިތުރު ވޭނެއް ލިބުނަ ނުދޭހުށިކަމެވެ!
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އިހްސާންކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނާ، އޭނާގެ އަޅުކަމުގައި، މާތް ﷲ އަށް އިހްސާންތެރިވާނެ ކަމަށާއި، ނަމާދުގައި ދެއްކުންތެރިކަމެއް ނުހުންނާނެ ކަމަށެވެ. ގިޔާމާއި، ރުކޫއާއި، ސުޖޫދުގައި މަޑުމައިތިރިވާނެ ކަމަށާއި، ޒަކާތް ނެރޭނީ، ﷲގެ ރުހިވޮޑިގަތުން އަދައިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އޭނާ ﷲ ދެއްވި ނިއުމަތަށް ޝުކުރުވެރިވާ ހާލު، ފަރްޟު ޒަކާތުގެ އިތުރުން، ގިނަގިނައިން ޞަދަގާތްކޮށް އުޅޭނެ ކަމަށާއި، އިހްސާންތެރިޔާ ރޯދަ ހިފާނީ، ކެއިންބުއިން ދޫކޮށްލުމުން އެކަނިނޫންކަން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން އޭނާ ރޯދައަށް ހުންނަ އިރު، އޭނާގެ ދުލާއި، ލޮލާއި، ހިތާއި، އެންމެހައި ގުނަވަންތައް އުރެދުންތަކުން އެއްކިބާކުރާނެ ކަމަށާއި، ބެލުންތައް ތިރިކޮށް، ބަސްމަގު ރިވެތިކުރާނެ ކަމަށެވެ. އަނިޔާވެރި އަމަލުތަކުން، އޭނާގެ އަތްފައި ރައްކާތެރިކުރާނެ ކަމަށާއި، ފާފަވެރިވާފަދަ ކުށްހީތަކުން އޭނާގެ ހިތް ރައްކާތެރިކުރާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިޙްސާންކަމުގައި އަޅުތަކުންގެ މައްޗަށް އިހްސާންތެރިވުން ހިމެނޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އޭގެތެރެއިން އެންމެ އައުލާކަން ބޮޑު ބަޔަކީ، މައިންބަފައިން ކަމަށާއި، އެމީހުންނަށް ހެޔޮކޮށް ހިތަން ޖެހޭ ކަމަށެވެ.

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. އެ ކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުން ކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މި އަޅާ ވީ ދުވަހު، އެ ދެމީހުން މި އަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވައިފާނދޭވެ!
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އިހްސާންކަމުގައި، ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދަމަހައްޓަންޖެހޭ ކަމަށެވެ. އެއީ، އުމުރާއި ރިޒްގުގައި ބަރަކާތް ލައްވައި، މަރުމަތި އަމާންވާނޭ ކަމެއް ކަމަށެވެ. އަދި ޔަތީމުންނާއި، މިސްކީނުންނާއި، ހަނގުރާމައިގެ އަސީރުން ފަދަ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދީ، ކާންދީ އުޅުމަކީ ވެސް އިހްސާންތެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން އަމަލުތައް ސީދާކޮށް، އިހްސާންތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

- ކޮމެންޓް