އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަޒަރްބައިޖާންގެ ބާކޫއަށް ވަޑައިގެންފިއެވެ.
ކޮޕް29 ބޭއްވުމަށް ހަމަޖެހިފައިވަނީ، 2024 ނޮވެމްބަރު 11ން 22 އަށެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ މުއިއްޒުގެ އިތުރުން ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ކޮޕް29 ވެގެންދާނީ ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ރައީސް ޑރ މުއިއްޒު ޚާއްޞަ ޤައުމީ ބަޔާނެއް އިއްވެވުމާއި، މަތީ ފަންތީގެ އެކިއެކި އިވެންޓްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ބައެއް ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ކޮޕް 29 ގައި ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިތައް އެކަށައެޅުމާއި ކާބަން މާކެޓް އޮޕަރޭޝަނަލައިޒް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމާއި އެއްބާރުލުން އިތުރުކުރުމާއި އެން.ޑީ.ސީ. ތަރައްޤީ ކުރުމަށް ހުރި ހުރަސްތައް ނައްތާލުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ.
ކޮޕް29 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، އަޒަރްބައިޖާނަށް ޑރ މުޢިއްޒު ވަޑައިގަތީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ހޯމަދުވަހު އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނުރައްކާތަކަކީ ހަގީގަތެއް ނޫން ކަމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އަލް ޖަޒީރާ އަށް ދެއްވި ބަސްދީ ގަތުމެއްގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ.