ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު ކުރެވުނު ހަމައެކަނި ކަމަކީ ކުރީ ސަރުކާރުތަކުން އެޅި ކޭކުތަކު ގައި އައިސިންގ ޖެހުން ކަމަށް ކުރީ ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި، ޒުވާނުންނަށް ޚާއްސަ ކޮށްގެން ހުކުރު ދުވަހު ގެ ރޭ ބޭއްވި ޖަލްސާ ގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންސީ ސަރުކާރަށް ދެ އަހަރު ވީއިރު ވަރަށް ގިނަ ޖަލްސާތަކެއް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ޖަލްސާ އަކުން ވެސް ފެންނަނީ ސަރުކާރު ފެއިލް ވެފައިވާ މަންޒަރު ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދެ އަހަރު ވެގެން ރައީސް ޖަލްސާ އެއް ބާއްވާ ނަމަ އެންމެން ވެސް އަޑު އަހަން ބޭނުން ވާނީ ދެ އަހަރުން ރައްޔިތުންނަށް ކޮށްދެއްވި ކަންތައްތައް ކަމަށެވެ. ނަމަވެސް ދެ އަހަރުން ކުރެވުނީ ކޮން ކަމެއްކަން ރައީސް މުއިއްޒަށް ވިދާޅުވެ ނުދެއްވުނު ކަމަށާ މުޅިން ވެސް އިއުލާނު ކުރައްވަނީ ކުރަން ހުރި ކަންތައްތައް ކަމަށް ޔާމީން ވިދާޅުވި އެވެ.
ވަރަށް ވަރުގަދައަށް ވިދާޅުވި މިތާ ގާނޫނާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ފޮނުވާލާނަމޭ. އެކަމު ހައްތަހާވެސް އެ ދެއަހަރު ކުރެވުނު ކަމެއް ވިދާޅުނުވެ ހައްތަހާވެސް ވިދާޅުވަނީ ރަސްމާލެއިން 15،000 މީހުންނަށް ގޯތި ދެއްވާނަމޭ. ކާށިދޫ ކަނޑުން 30،000 މީހުންނަށް ގޯތި ދެއްވާ ނަމޭ. ބަރަވެލި ކަނޑުން 20،000 މީހުންނަށް ގޯތި ދެއްވާނަމޭ. ހައްތަހާވެސް ކުރަން ހުރި ކަންތައްތައް.
ކުރީ ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް![]()
އިތުރަށް ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސްކޫލެއް ގެ އަހަރީ ރިޕޯޓު އިއްވާ އިރު ވެސް އެ އަހަރުގައި ސްކޫލަށް ލިބުނު ކާމިޔާބީ ތަކާއި، ހާސިލް ކުރެވުނު ކަންކަމު ގެ ވާހަކަ ހިއްސާ ކުރާ ކަމަށެވެ. ނަމަވެސް މި ސަރުކާރަށް އެ ވަރު ވެސް ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ދެ އަހަރު ގެ ރިޕޯޓެއް އިއްވާ ނިންމި އިރު ކުރެވުނު ކަމެއް ވިދާޅުނުވެވުމަކީ މައްސަލައެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ހާތަނަށް ކުރެއްވި ހަމައެކަނި މަސައްކަތަކީ ބިން ހިއްކުން ކަމަށެވެ.
ބިން ހިއްކުމަކީ އެންމެ ފަސޭހަ މަސައްކަތް ކަމަށާ މިސާލަކަށް ކޭކެއް ނަގާނަމަ ބިން ހިއްކާލުމަކީ މުޅި ކޭކުން ފެންނަ އައިސިންގ ކޮޅު އެކަނި ކަމަށް ޔާމީން ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިސާލަކަށް ކޭކެއް ކަމަށް ވަންޏާ މުއިއްޒުގެ ދެއަހަރުގަ އަޅުގަނޑު މެންގެ ޕާޓީގެ ފަރާތުން ކޭކެއް އަޅައިދިނީ. އޭގެ މަތީގަ އިންނަ އައިސިންގް ކޮޅު މި ފެންނަނީ. އެކަމު އައިސިންގް ކޮޅާ ހަމައަށް ދަނީ ކޭކެއް އެޅިގެން ދެއްތޯ. ބިންކޮޅު ހިއްކާލުމަކީ އެންމެ ފަސޭހަ ކަންތައް. އެހެންވެގެން އެ އުވަ ދޯނި އެހާ މަޝްހޫރު ވެގެން މިއުޅެނީ. މުއިއްޒުގެ އޮނަރަބަލް އުވަ ދޯނި،
ކުރީ ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް![]()
ޔާމީން ވިދާޅުވީ އުނދަނގޫ ކަމަކީ އެއްގަމު ތޮށިލުމާއި، ކަނޑު ތޮށިލުމާއި، އިންފްރާސްޓްރަކްޗަރ އަދި ކަރަންޓާ ފެނާއި ނަރުދަމާގެ މަސައްކަތް ކަމަށެވެ. ރައީސް މުއިއްޒު ކިތަންމެ މުރާލި ނަމަވެސް އެ ހުރިހާ ކަމެއް ކޮށް ނިމޭ އިރު އެނދުދާންމަތި ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒު ސަރުކާރު ގެ ފުރަތަމަ ދެ އަހަރު ދުވަހު ގެ މަސައްކަތަށް އެ މަނިކުފާނު ދެއްވާނީ 100 އަކުން 20 މާކްސް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.