އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހަނުހުރުމުގެ އަޚުލާޤު" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ކަމަކާ މެދު އިންސާނާ ވިސްނައި، އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް، އޭނާގެ ކަންތައްތަކަށާއި ޙާލަތްތަކަށް ބަލައި ވަޒަންކުރާ އިރު، އޭނާ ހަނުހުރުމުގެ އަތަށް ލެނބޭ ކަމަށެވެ. އަދި ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެތެރޭގައި ހިމެނޭ ސިފައެއް ކަމަށާއި، އެއީ ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެއް ކަމަށެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫ ޛައްރުގެފާނަށް ނަސޭހަތްދެއްވަމުން ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "އެންމެ ހެޔޮ އަދި ހަށިގަނޑަށް ކުރަން އެންމެ ފަސޭހަ ޢަމަލެއްގެ ވާހަކައިން ތިމަންކަލޭގެފާނު ޚަބަރުކުރައްވަންތޯއެވެ؟" އަބޫ ޛައްރުގެފާނު "އާދޭހޭ" ދެންނެވުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ ޚުލްޤު ހެޔޮވުމާއި ހަނު ހުރުން އިތުރުކުރުމެވެ. ތިބާ މި ދެ ކަމުގައި ވަރުގަދައަށް ހިފަހައްޓާށެވެ! ފަހެ ހަމަކަށަވަރުން މި ދެކަމަށް ވުރެން ހެޔޮ ކަމަކާއިގެން ތިބާ ﷲއާ ބައްދަލެއްނުކުރާނެތެވެ."ހުކުރު ހުތުބާ
ހުކުރު ހުތުބާގައި ބުނެފައިވަނީ ﷲ تَعَالَىއާއި އެކަލާނގެ ރަސޫލާ މީސްތަކުންނަށް ގޮވައިލައްވަނީ ހަނު ހުރުމަށް ކަމަށެވެ. އަދި އަނގަގަދަ ނުކުރުމަށާއި، ބުއްދިވެރި ގޮތަކީ މަޞްލަޙަތެއް ނެތް ނަމަ، ހަނުހުރުން ކަމަށެވެ. އަދި ބޭކާރު ވާހަކަތައް ނުދެއްކުމަށެވެ.
ހުކުރު ހުތުބާގައި ބުނެފައިވަނީ ނަބިއްޔާ ހަދީސްކުރެއްވީ "ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ފަހެ ހެޔޮ ބަސް ބުނާށެވެ! ނުވަތަ އެމީހަކު ހަނުހުންނަހުށްޓެވެ!" ހެޔޮ ނޫން ބަހެއް ބުނުމަކީ ބާޠިލު ބަހެއް ބުނުން ކަމަށާއި، ވިސްނައިނުލައި އެއްޗެއް ބުނުމަކީ ކުށް ބަހެއް ބުނުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހިފެހެއްޓުމެއްނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެކެވެ. ފަހެ އޭނާ ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށެވެ. އޭނާ ބާޠިލުވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އޭނާ އަތްއަތަށް ދަމާން ފަށައިފާނެތެވެ. އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލައިފާނެއެވެ. އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެއެވެ. މިހެންވެ ކައުރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يَسْتَقيْمُ إِيـْمَانُ عَبْدٍ حَتَّى يَسْتَقِيْمَ قَلْبُهُ، وَلَا يَسْتَقِيْمُ قَلْبُهُ حَتَّى يَسْتَقِيْمَ لِسَانُهُ) މާނައީ: "ހިތް ސީދާވެއްޖައުމަށް ދާންދެން އެއްވެސް އަޅެއްގެ އީމާންކަން ސީދާނުވާނެތެވެ. އަދި އޭނާގެ ދޫ ސީދާވެއްޖައުމަށް ދާންދެން އޭނާގެ ހިތް ސީދާނުވާނެތެވެ."ހުކުރު ހުތުބާ
ހުތުބާގައި ބުނެފައިވަނީ އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުންނެވެ. އޭނާ ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެ ކަމަށެވެ. އަދި އޭނާ ވަހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވާނެއެވެ. ހަރުދަނާކަމާއި ދޯހަޅިކަން ފެނިދާނެ ކަމަށެވެ. އެގޮތުން ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "އާދަމުގެދަރިޔާ ހެނދުނު ހޭލާ އިރަށް އޭނާގެ ގުނަވަންތައް އާދޭހާއެކު ބުނާނެތެވެ. އަހަރެމެންގެ ޙައްޤުގައި، ތިބާ މާތް ﷲއަށް ބިރުވެތިވާށެވެ! ފަހެ އަހަރެމެންނަކީ ތިބާގެ ސަބަބުން ޖަޒާ ލިބޭނެ ބައެކެވެ. ތިބާ ސީދާވެގެންފި ނަމަ އަހަރެމެންނަށް ސީދާކަން ލިބޭނެތެވެ. ތިބާ ކަސިޔާރުވެއްޖެ ނަމަ، އަހަރެމެން ވެސް ކަސިޔާރުވެދާނެތެވެ."
މުއުމިނާއަކީ އޭނާގެ ދުލަށް ރައްކައުތެރިވާ މީހެކެވެ. ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހެކެވެ. މުއުމިނާ ވާހަކަދައްކާނީ އޭނާގެ ނަފްސަށާއި އޭނާގެ މުޖްތަމަޢަށާއި އޭނާގެ ވަޠަނަށް ފައިދާ ހުރި ކަންކަމުގައެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (رَحِمَ اللهُ امْرَءًا تَكَلَّمَ فَغَنِمَ، أَوْ سَكَتَ فَسَلِمَ) މާނައީ: "ހެޔޮބަސްބުނެ ފައިދާލިބިގަތް މީހާއަށާއި، ހަނުހުރެ ރައްކައުތެރިކަން ހޯދި މީހާއަށް ﷲ ރަޙްމަތްލައްވާށިއެވެ!" ރަސޫލާ z މުސްލިމުންނަށް މި އަމުރުކުރައްވަނީ ހެޔޮ ބަހެއް ނޫނީ ނުބުނުމަށެވެ. ރިވެތި ބަހުން މީހުންނާ މުޚާޠަބުކޮށް މުޢާމަލާތުކުރާ މީހާއަށް ﷲގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބެއެވެ. މީސްތަކުންގެ ގާތުގައި ރުހުމާއި މަޤްބޫލުކަން ލިބެއެވެ. މީސްތަކުންގެ ގާތުގައި އޭނާ ވާނީ އެ މީހުންގެ ޙަޔާތަށް އަލިކޮށްދޭ ދަންމަރަކަށެވެ. މީސްތަކުން އޭނާއަށް އިތުބާރުކޮށް އޭނާގެ ގާތަށް ނަސޭހަތް ހޯދުމަށް އަންނާނެތެވެ. އޭނާ ވާނީ މުޖްތަމަޢު އިޞްލާޙުކޮށްދޭ ފަރުދަކަށެވެ.ހުކުރު ހުތުބާ
ހުތުބާގައި ބުނެފައިވަނީ ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުމެވެ. ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެ ކަމަށާއި، އެހެންކަމުން ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެން ކަމަށެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ "އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حال ގައި، އޭނާ ދެކޭނެތެވެ."
ހުތުބާގައި ބުނެފައިވަނީ މުއުމިނާއަކީ އޭނާގެ ދޫ ހެޔޮކަމުގެ ވަސީލަތެއްކަމުގައި ހަދައި އެއިން ފަނާނުކޮށް އާރާސްތުކުރާ މީހެކެވެ. އެއިން މީސްތަކުން ބައިބައިނުކޮށް އެކުވެރިކުރާ މީހެއް ކަމަށެވެ. ހުތުބާގައި ގޮވާލާފައިވަނީ މާތް ﷲއަށް تَقْوَىވެރިވުމަށާއި، ހަނުހުރުމުގެ ޚުލްޤުން ޒީނަތްތެރިވެ، ބޭނުންވާ މިންވަރަށް ވާހަކަދެއްކުމަށެވެ. އަދު މި ޒަމާނުގެ މީސްމީޑިޔާތަކުގެ ޕްލެޓްފޯމްތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުމަށާއި، ވަގުތަކީ މާތް ﷲ ދެއްވި ނިޢުމަތެއް ކަމަށެވެ. އަދި މި ނިޢުމަތާމެދު ޣާފިލުވާ މީހުން ވަރަށް ގިނަ ކަމަށާއި، މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމުކަނޑައެޅުމަށެވެ.