ކ. މާލެ
|
29 އޮކްޓޯބަރ 2024 | އަންގާރަ 15:41
ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ނައީމް ގާސިމް
ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ނައީމް ގާސިމް
ޕްރެސް ޓީވީ
ހިޒްބުﷲ
ހިޒްބުﷲ ގެ އައު ވެރިޔަކަށް ނައީމް ގާސިމް އައްޔަން ކޮށްފި
1953 ވަނަ އަހަރު ބެއިރޫތުގައި އުފަންވި ޤާސިމްއަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ހިޒްބުﷲގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެކެވެ.

އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ލުބުނާނުގެ ހިޒްބުﷲ އިން، އެ ޖަމާޢަތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޝައިޚް ނައީމް ޤާސިމް އެ ޖަމާޢަތުގެ އައު ވެރިޔަކަށް އައްޔަންކޮށްފިއެވެ.

ހިޒްބުﷲ ގެ ޝޫރާ ކައުންސިލުން އަންގާރަ ދުވަހު އުމުރުން 60 އަހަރުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ގާސިމް މި މަގާމަށް އައްޔަން ކުރީ ސެޕްޓެމްބަރު މަހު ބެއިރޫތުގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އަވަހާރަ ކޮށްލައިފައި ވަނިކޮށްނެވެ.

ނަސްރުﷲ އަވަހާރަވުމަށްފަހު ވަގުތީ ވެރިޔާގެ ޒިންމާތައް މިހާތަނަށް އަދާކުރައްވަމުން ގެންދެވީ ވެސް ޝެއިޚް ނައީމް ގާސިމްއެވެ.

ޝައިޚް ނައީމް ޤާސިމްއަކީ ކާކު؟

1953 ވަނަ އަހަރު ބެއިރޫތުގައި އުފަންވި ޤާސިމްއަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ހިޒްބުﷲގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެކެވެ.

އޭނާ 1991 ގައި އެ ޖަމާއަތުގެ ވެރިޔާގެ ނައިބުގެ މަޤާމަށް އައްޔަންކުރެވުނެވެ. އަދި އޭގެ އަހަރެއް ފަހުން ހަސަން ނަސްރުﷲ އަށް ހިޒްބުﷲ ގެ އެންމެ އިސް މަގާމު ލިބިވަޑައިގަތުމުންވެސް ނައިބުގެ މަގާމުގައި ގާސިމް ދެމިހުންނެވިއެވެ.

ނަސްރުﷲ މިދިޔަ މަހު އަވަހާރަވުމާއެކު އެ ޖަމާއަތުގެ ފަރާތުން ޓީވީ މެދުވެރިކޮށް ފުރަތަމަ ބަޔާނެއް ދެއްވީވެސް ގާސިމްއެވެ.

އޭނާގެ ސިޔާސީ މައިދާނުގައި މަސައްކަތް ފެއްޓެވީ 1974 ގައި އުފެދުނު ލުބުނާނުގެ އަމަލް މޫވްމަންޓުންނެވެ.

1979 ގައި އޭނާ އަމަލް ދޫކޮށްލެއްވީ އީރާނުގެ އިސްލާމީ އިންޤިލާބަށް ފަހުގައެވެ. މި އިންޤިލާބުން ލުބުނާނުގެ ގިނަ ޒުވާން އެކްޓިވިސްޓުންގެ ސިޔާސީ ވިސްނުމަށް ބޮޑު ބަދަލެއް ގެނުވިއެވެ.

1982 ގައި ހިޒްބުﷲ އުފެދުމަށް ބޭއްވި ބައްދަލުވުންތަކުގައި އޭނާ ބައިވެރިވެވަޑައިގަތެވެ.

ޝައިޚް ޤާސިމްއަކީ ހިޒްބުﷲ ގެ އިސް ބަސްބުނާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާވަނީ ބޭރުގެ މީޑިއާތަކަށް އެ ޖަމާއަތުގެ ނަމުގައި ގިނަ އިންޓަވިއުތައް ދެއްވާފައެވެ.

- ކޮމެންޓް