ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 19:31
އޭސީސީ
އޭސީސީ
ރާއްޖެއެމްވީ
ކަރަޕްޝަން
މާލެއިން ބިމެއް ވިއްކި މައްސަލާގައި ނާއިފު އާއި ހަސަން ވަހީދުގެ މައްޗަށް ދައުވާ ކުރަނީ
މި ދެ ފަރާތުގެ މައްޗަށް ދައުވާކުރަނީ މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ

މާލެއިން ބިމެއް ވިއްކި މައްސަލާގައި ހައުސިންގ މިނިސްޓްރީގެ ކުރީގެ ދެ އިސްވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.

ދައުވާ ކުރުމަށް މިދިޔަމަހުގެ 30 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ހ. އަގޮސްޓާ ނާއިފު ޝައުކަތުއާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ދަފްތަރު 12537 ޙަސަން ވަޙީދުގެ މައްޗަށް ކަމަށް އޭސީސީން ބުނެފައިވެއެވެ.

މި ދެ ފަރާތުގެ މައްޗަށް ދައުވާ ކުރަނީ 2018 ވަނަ އަހަރު މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށް ތުހުމަތުކުރެވޭތީ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މި ދެފަރާތުގެ މައްޗަށް ހުށަހަޅާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކަމަށްވެސް އޭސީސީން ވަނީ ހާމަކޮށްފައެވެ. އޭސީސިން ބުނީ މި މައްސަލައިގައި، އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށްކަމަށެވެ.

އަދި އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު ޢަމަލުކުރަމުންދިޔަ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލު އާ ޚިލާފަށްކަމަށެވެ.

އޭސީސީން ބުނާގޮތުގައި ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެދިރިއުޅުމުގެ ޙާލަތު ވަޒަންކުރަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް،އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށްފައިނުވާކަން ތަހުޤީޤަށް ހޯދާފައިވާ ހެކިތަކުން އެނގޭކަމަށާއި އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒުފައިދާ ހޯދައި ދިނުމުގެ ބޭނުމުގައިކަމަށް ތަހުޤީޤަށްއެނގިފައިވާކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

- ކޮމެންޓް