ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 12:53
 އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން
އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގެ ތެރެއިން
އެމްޑީޕީ
ލާމަރުކަޒީ ނިޒާމް
މި ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކަކީ ވާކޮށްލާފައި އޮންނަ ތަނަކަށް ހެދުން - އަލީ ނިޔާޒް
ލާމަރުކަޒީ ޤާނޫނަށް ހޭލުންތެރިވެފައިވާ ނިސްބަތް ވަރަށް ކުޑަ ކަމަށް ނިޔާޒް ވިދާޅުވި
މި ސަރުކާރުގެ ވިސްނުން ހުރީ ކައުންސިލްތަކަކީ، ކަތީބު ނިޒާމުގައި ފަދައިން ހަމައެކަނި ވުޒާރާއަކުން އަންގާ އެންގުންތައް ތަންފީޒްކުރާ ތަނަކަށް އެކަނި ހެދުމަށް ކަމަށް އޭނާ ވިދާޅުވި

މި ސަރުކާރުގެ ވިސްނުމަކީ އަމިއްލަ އިސްނެގުމުގައި އެއްވެސް ކަމެއް ނުކުރެވޭ ތަނަކަށް ހެދުން ކަމަށާއި، ކައުންސިލްތައް ވާކޮށްލާފައިވާ ކަމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

މި ސަރުކާރުގެ ވިސްނުން ހުރީ ކައުންސިލްތަކަކީ، ކަތީބު ނިޒާމުގައި ފަދައިން ހަމައެކަނި ވުޒާރާއަކުން އަންގާ އެންގުންތައް ތަންފީޒްކުރާ ތަނަކަށް އެކަނި ހެދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމް ފުނޑާލުމުގެ ވިސްނުން ފެށިފައި ވަނީ މި ސަރުކާރުގެ އެންމެ އިސްފަޑިން ކަމަށް ފާހަގަކުރައްވާ ނިޔާޒް ވަނީ ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވާފައިވާ ކަން ފާހަގަކުރައްވާފައެވެ. ނިޔާޒް ފާހަގަކުރެއްވިގޮތުގައި މުނިސިޕަލް ޚިދުމަތް ދިނުން ނޫން ކަމެއްގައި ކައުންސިލްތަކަށް އިޚްތިޔާރެއް ދޭން ސަރުކާރުން ބޭނުމެއް ނުވެއެވެ. ސަރުކާރުގެ ޢަމަލުތަކުން އެކަން ހާމައަށް ފެންނަން އޮތް ކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެެވެ.

ލާމަރުކަޒީ ޤާނޫނަށް ގެންނަ ޤާނޫނީ ބަދަލުތަކުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ. ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ އިސްނެގުމާއި އެކު އެމްއެންޔޫއިން ކުރި ދިރާސާއިން ވެސް ރައްޔިތުން އެދެނީ ލާމަރުކަޒީ އުސޫލުން ރާއްޖެ އަށް ތަރައްޤީކުރުންކަން އެނގޭ ކަމަށެވެ. އަދި ރައްޔިތުން އެދެނީ ރައްޔިތުންގެ މަޝްވަރާގެ މަތިން ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރވޭ ނުވެސް ނުނިމެނީސް ސަރވޭގެ ނަތީޖާ ވަކި ގޮތަކަށް އެއްގޮތް ކުރުމަށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް ނިޔާޒް ތުހުމަތުކުރެއްވިއެވެ. ކައުންސިލްތަކަށް އަދަދު ކަނޑައަޅަންވާނީ އެ ރަށެއްގެ އާބާދީ އާއި ގުޅުވައިގެން ކަމަށް ސަރުކާރުން ބުނާ އިރު އެއީ މިހާރުވެސް އެކަން ހިނގާ އުސޫލުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްއެންޔޫގެ ސަރވޭގައި ވަކި އަދަދަކަށް ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ނުވަތަ އިތުރުކުރުމަށް ލަފާދީފައި ނުވާ ކަމަށާއި އެއީ ސަރުކާރުގެ ވިސްނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ލާމަރުކަޒީ ޤާނޫނަށް ހޭލުންތެރިވެފައިވާ ނިސްބަތް ވަރަށް ކުޑަ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެހެންކަމުން އެ ނިޒާމްގެ މުހިންމުކަން އާއްމުންނަށް ބުނެދިނުމަށް އެމްޑީޕީން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަކަށް ޚިދުމަތްދެމުންދާ ގޮތަށް ބަލާއިރު އެމްއެންޔޫގެ ސަރވޭއިން ހިތްހަމަ ނުޖެހޭ ޚިދުމަތްތަކުގެ ގޮތުގައި ހުރި ކަންކަމަކީ މަރުކަޒީކޮށް ދެމުންދާ ޚިދުމަތްތައް ކަމަށް ނިޔާޒް ވިދާޅުވިއެވެ. އޭގެ ތެރޭގައި ތައުލީމީ ޚިދުމަތާއި ސިއްޙީ ޚިދުމަތް ނިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް