ކައުންސިލް އިންތިޚާބަށް 10 މަސްދުވަހަށްވުރެ ކުޑަ މުއްދަތެއް ބާކީ އޮއްވައި، ސަރުކާރުން އިތުރު ސިޔާސީ މަޤާމުތައް އުފެދެމުންދާތީ އެކަމާއި މެދު އަލީ ނިޔާޒް ސުވާލު އުފައްދަވައިފިއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ނިޔާޒް މި ކަންބޮޑުވުން ފާޅު ކުރެއްވި އިރު ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޑޭޕިއުޓީ މިނިސްޓަރެއް ވަނީ އައްޔަން ކޮށްފަ އެވެ. އިތުރު ޑެޕިއުޓީ މިނިސްޓަރެއް އައްޔަންކުރުމާ ގުޅިގެން އާމުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އެންމެ ފަހުން ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރެއްވީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ނ. ވެލިދޫ ދާއިރާއިން ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުޙައްމަދު ނަވީޒެވެ. އޭނާ އައްޔަންކުރުމާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން މަރުޙަބާ ކިޔާފައިވެއެވެ.
ރައީސް މުއިއްޒުގެ އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުނުކުރުން ހިމެނުނު ނަމަވެސް، މިހާރު ވަނީ އެ އަދަދު އިތުރުވެ ފަހަނައަޅާ ގޮސްފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މިނިސްޓްރީތަކުގައި މިވަގުތު ތިބީ 922 ސިޔާސީ މުވައްޒަފުންނެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޙަގީގީ އަދަދާމެދު ސުވާލު އުފެދެމުންދާއިރު، ރައީސް އޮފީހާއި މުލިއާގޭގެ ސިޔާސީ މުވައްޒަފުންގެ އަދަދު އެއްވެސް ސިފައެއް ގައި ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒު މިދިޔަ މެއި 3 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ސަރުކާރުގެ މުވައްޒަފުންގެ ޖުމްލަ އަދަދަކީ "ގާތްގަނޑަކަށް" 49,000 މީހުން ކަމަށެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން ސިޔާސީ މުވައްޒަފުންގެ ނިސްބަތަކީ 3 ޕަސެންޓް ކަމަށެވެ. އެހެން ކަމުން ރައީސްގެ މި ހިސާބުން ދައްކާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 1,470 މީހުންނެވެ.
ސަރުކާރުން ސިޔާސީ މަގާމުތަކަށް އިތުރު މީހުން ނަގަމުންދާއިރު ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް، މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް އަމިއްލަ ބާރުގައި ދާއިމީ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުން ވެސް ނުނެގޭ ގޮތް ހަދާފައެވެ.