1446 ވަނަ އަހަރުގެ ޢަޟްޙާ އީދުގައި ކަމަދޫގައި ކުރިއަށްގެންދާ އީދު ކުޅިވަރުގެ ހުރިހާ ހަރަކާތެއް ރާއްޖެޓީވީން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ.
ރާއްޖެޓީވީގައި ބޭއްވި ރަސްމިއްޔާތެއްގައި 5 ޖޫން 2025 އިން ފެށިގެން 9 ޖޫން 2025 އާއި ހަމައަށް ކަމަދޫގެ އީދު ހަރަކާތްތައް ލައިވް ކުރުމާއި ގުޅޭ ގޮތުން ކަމަދޫ ކައުންސިލް އާއި ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒުމީ ސަޢީދު އެވެ. އަދި ކަމަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ، ނާޒުމީ ސަޢީދު ވަނީ މި ފަހަރު ޢީދު ހަރަކާތްތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް ރާއްޖެޓީވީ މެދުވެރިކޮށް ޝައުގުވެރި ގިނަ ހަރަކާތްތަކެއް ގެނެސްދެވޭނެކަމުގެ ޔަޤީންކަން ދީފައެވެ. އަދި ކަމަދޫ ކައުންސިލްގެ ރައީސް ޒަރީރު ވަނީ ނިމިދިޔަ އަހަރަށް ވުރެ ކަމަދޫގެ މި އަހަރުގެ އީދު ފޯރި ގަދަ ވާނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މި ހަރަކާތްތަކަކީ ދިވެހިން ހިތްހަމަ ޖެހޭނެ ފަދަ ހަރަކާތްތަކަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނިމިދިޔަ އަޟްހާ އީދުގައި އެންމެ ވިދާލި ރަށަކީ ކަމަދޫއެވެ. ކަމަދޫގެ ޢީދުން ފާހަގަކޮށްލެވުނު ކަންކަމަށް ބަލާއިރު ޢީދު ކުޅިވަރު ފެށުމަށް ބޭއްވި ސްޓޭޖް ޝޯ އިން ރަށުގެ އިސް ރަށްވެހިންނާއި ރަށަށް ޚިދުމަތް ކުރާ މީހުންނާއި މެދު ބަހައްޓާ ގާތްކަން ހާމަވެގެން ދިޔައެވެ.
ހަފްތާއެއްހާ ދުވަހުގެ ހަރަކާތްތަކަށް ފަހު ޢީދު ނިންމާލީ ކަމަދޫ މުޅި ރާއްޖެ އަށް މަގްބޫލުކޮށްލުމަށް ފަހުގައެވެ. ސަޤާފީ އަދި ހިތްގައިމު އީދެއް ފެނުނު ރަށެއްގެ ގޮތުގަ އެވެ. އެހެންކަމުން އަންނަ އީދުގައި ކަމަދޫ އަށް ދާން ބޭނުންވާ މީހުން ވަރަށް ގިނަ ކަން ފާހަގަކޮށްލެވެ އެވެ.