ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 09:07
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު މެނޭޖް ކުރަމުންދާ ގޮތާ މެދު މާލީ އިދާރާތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުން
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު މެނޭޖް ކުރަމުންދާ ގޮތާ މެދު މާލީ އިދާރާތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުން
ރާއްޖެއެމްވީ ގްރެފިކްސް
ވޯލްޑް ބޭންކް ރިޕޯޓް
މާލީ ހިސާބުތައް ހާމަނުކުރާތީ ކަންބޮޑުވޭ، ރަސްމީ ރިޒާވް ވަނީ 2017 ވަނަ އަހަރުން ފެށިގެން އެންމެ ދަށަށް ގޮސްފައި: ވޯލްޑް ބޭންކް
ފަހަކަށް އައިސް ރޭޓިންގ އޭޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވުމާއި ރާއްޖޭން ވިއްކާފައިވާ ސްކޫކް ބޮންޑުގެ އަގުވެއްޓުމުގެ ސަބަބުން، ފައިސާ ހޯދުމުގެ ފުރުސަތު ހަނިވެ، އަދި ފައިސާ ހޯދުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާ ކަން ވޯލްޑް ބޭންކުން ފާހަގަ ކުރޭ

ޖޫން މަހުންފެށިގެން ސަރުކާރުގެ މާލީ ހިސާބުތައް ޝާޢިއުކުރުން ހުއްޓާލާފައިވާތީ އިޤްތިސާދީ ހާލަތު މިހާ ހައްސާސް ދަނޑިވަޅެއްގައި މާލީހާމަކަން ދައްވުމަކީ ކަންބޮޑުވާކަމެއްކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ބަޔާންކޮށް، "ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓައިމްސް" ގެ ނަމުގައި ހިނގަމުންދާ އޮކްޓޯބަރު މަހު ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓްގައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތް ތަފްސީލް ކޮށް ބަޔާންކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ، 2024 ވަނަ އަހަރު  ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން އިޤްތިޞާދީ ކުރކުރިއެރުން ލިބިފައިވާ ކަމަށެވެ. މިގޮތުން، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ފަތުރުވެރިންގެ އަދަދު 15.3 އިންސައްތަ އިތުރުވެ، އޭގެ ފަހުގެ ކުއާޓަރުތަކުގައިވެސް މި ކުރިއެރުން ދެމި އޮތުމާއެކު، އޯގަސްޓް މަހުގެ ނިޔަލަށް އަހަރުން-އަހަރަށް 10.5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އެއާއެކު ވޯލްޑް ބޭންކުން ބުނެފައިވަނީ، މި މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ދެމެހެއްޓިފައިވީނަމަވެސް، ފަތުރުވެރިއަކު ރާއްޖޭގައި ޚަރަދުކުރާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށެވެ.

ބޭންކުގެ ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުޑަވި ކަމަށް ފެނުނު ނަމަވެސް، ދަރަނި ވަނީ އިތުރުވެފައި ކަމަށެވެ.

މިގޮތުން ބަލާއިރު، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ ބަޖެޓު ޑެފިސިޓް 677 މިލިއަން ރުފިޔާއަށް (44 މިލިއަން އެމެރިކާ ޑޮލަރު) ކުޑަވެފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި 2.9 ބިލިއަން ރުފިޔާ (188.5 މިލިއަން އެމެރިކާ ޑޮލަރު) އާ އަޅާބަލާއިރު ކުޑަ އަދަދެެއް ކަމަށް ރިޕޯޓުގައި ވެއެވެ.

އެއާއެކު ވޯލްޑް ބޭންކުން ބުނާ ގޮތުގައި، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޖީ.ޑީ.ޕީގެ 9.3 އިންސައްތައިގައި ހުރި އާމްދަނީ، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 9.5 އިންސައްތައަށް އިތުރުވެފައިވެއެވެ. އެ އިތުރުވުމަކީ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ 8.4 އިންސައްތަ އިތުރުވުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ ޚަރަދު 11 އިންސައްތަ ދަށްވި ނަމަވެސް، ރިކަރަންޓް ޚަރަދު 6.5 އިންސައްތަ އިތުރުވެފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ. ޖުމްލަ ޚަރަދު ދަށްވެފައިވަނީ ކެޕިޓަލް ޚަރަދު 44.6 އިންސައްތަ ދަށްވުމުގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް، ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖުމްލަ ޚަރަދުތައް ކުޑަވެފައިވާ ކަމަށް ފެންނަ އިރު ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ވަނީ އިތުރުވެފައެވެ. ރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުން ފައިސާ ދޫކުރުން ލަސްވުމާއި ނުދެއްކި ހުރި ފައިސާއާ ބެހޭ ގޮތުން ކޮންޓްރެކްޓަރުންނާއި، މަސްވެރިކަމުގެ ސިނާއަތާއި، އަމިއްލަ ހޮސްޕިޓަލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ދަރަނިތައް އަދާކުރުމަށް ކުރަން ޖެހޭ ޚަރަދުތައް ކެނޑުމުން ޖުމްލަ ޚަރަދު ކުޑަވިކަމަށް ފެންނަ މިންވަރު ބޮޑު ތަނުން ދައްވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެއާއެކު ވޯލްޑް ބޭންކުން ބުނެފައިވަނީ ކުރިން ރޭވި އަދި ބަޖެޓުކުރެވިފައިވާ ތެލާއި، ކަރަންޓާއި، ކާބޯތަކެއްޗަށާއި ފެނާއި ނަރުދަމާގެ ޚިދުމަތައް ދޭ ސަބްސިޑީ އިސްލާހުކޮށް، 2024 ވަނަ އަހަރު، ޖީ.ޑީ.ޕީގެ 2 އިންސައްތަ ޚަރަދު ކުޑަކުރުމަށް އަމާޒުކުރެވިފައިވީ ނަމަވެސް އަދިވެސް އެކަންކަން ތަންފީޒުކުރެވިފައެއް ނުވެއެވެ.

ވޯލްޑް ބޭންކުން ފާހަގަ ކުރާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަނީ ނާޒުކު ދަރަޖައަކަށް ދަށްވެފައެވެ. މިއީ ކަރަންޓް އެކައުންޓް ޑެފިސިޓް (ސީއޭޑީ) އިތުރުވުމާއި، ބޭރުގެ ދަރަނި އަނބުރާ ދެއްކުން އިތުރުވުމުގެ ސަބަބުން ލިކުއިޑިޓީގެ ނުރައްކާ އިތުރުވަމުން ދިއުމާ ގުޅިގެން ކަމަށް ބުނެފައިވެއެވެ.

ރަސްމީ ރިޒާވް 2023 ވަނަ އަހަރުގެ ނިޔަލަށް 590.5 މިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު، 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ވަނީ 443.9 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ދަރަނި އަނބުރާ ދެއްކުމުގެ ޒިންމާތައް އިތުރުވުމާއި އިމްޕޯޓްގެ ބޭނުންތައް މަތިވުމުގެ ސަބަބުންކަން ފާހަގަ ކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ބުނާގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ދަށަށް ދިޔަ މިންވަރުގައެވެ. މިހާރު ރިޒާވް ހުރީ އެންމެ މަހެއްގެ އިމްޕޯޓަށް ފުދޭ މިންވަރުގައި ކަމަށް ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން ބުނާގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރިޒާވްގައި 1.4 މަހުގެ އިމްޕޯޓަށް ފުދޭ މިންވަރުގައި ހުރި ނަމަވެސް މިހާރު މަސްދުވަހެއްގެ އިމްޕޯޓަށް ފުދޭ މިންވަރަށް ވަނީ ދަށަށް ވެއްޓިފައެވެ. ބޭނުން ކުރެވޭނެ ރިޒާވް މި މުއްދަތުގެ ތެރޭގައި 179 މިލިއަން އެމެރިކާ ޑޮލަރުން 61.2 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ލިކުއިޑިޓީގެ ޕްރެޝަރ އިތުރުވަމުން ދިއުމާއި ޑިފޯލްޓްވުމުގެ ނުރައްކާ އިތުރުވަމުން ދިއުމަށް ރިޢާޔަތްކޮށް، ފިޗް ރޭޓިންގްސް އިން ވަނީ ޖޫން އަދި އޯގަސްޓް މަހު ދިވެހިރާއްޖޭގެ ދަރަޖަ ދަށްކޮށްފައި ކަމަށާއި. އަދި މޫޑީސް އިން ވަނީ ސެޕްޓެމްބަރު މަހު ދަރަޖަ ދަށްކޮށްފައި ކަން ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހިނގަމުންދާ ރިކޮންސިލިއޭޝަން މަސައްކަތްތަކާ ގުޅިގެން ކަމަށް ބުނެ ޖޫން މަހުގެ 20 ން ފެށިގެން، ސަރުކާރުގެ މާލީ ހިސާބުތައް ޝާޢިއުކުރުން ހުއްޓާލާފައިވާތީ އިޤްތިސާދީ ހާލަތު މިހާ ހައްސާސް ދަނޑިވަޅެއްގައި މާލީހާމަކަން ދައްވުމަކީ ކަންބޮޑުވާކަމެއްކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.

ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ރިޒަރވް ދަށްވުމުގެ ސަބަބުން މާލީ ހާލަތައް ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ރިސްކު ވަރަށް ބޮޑެވެ.

ފަހަކަށް އައިސް ރޭޓިންގ އޭޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވުމާއި ރާއްޖޭން ވިއްކާފައިވާ ސްކޫކް ބޮންޑުގެ އަގުވެއްޓުމުގެ ސަބަބުން، ފައިސާ ހޯދުމުގެ ފުރުސަތު ހަނިވެ، އަދި ފައިސާ ހޯދުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާ ކަން ވޯލްޑް ބޭންކުން ފާހަގަ ކުރެއެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި، 2026 ވަނަ އަހަރު ދައްކަންޖެހޭ ބައެއް ދަރަނި އަދާކުރުމަށް ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ދައުލަތުގެ އާމްދަނީގެ ބައެއް ސަރުކާރުން ޓްރާންސްފަރ ކުރި ނަމަވެސް، 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މި ފަންޑުގައި ހުރި 65 މިލިއަން އެމެރިކާ ޑޮލަރަކީ ބޭރުގެ ދަރަނީގެ ޚިދުމަތުގެ ބޭނުންތަކަށް އެކަށީގެންވާ އަދަދެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް