ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 14:25
ރައީސް މުއިއްޒު އާއި އިންޑިއާޣެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސަލާމްކުރައްވަނީ
ރައީސް މުއިއްޒު އާއި އިންޑިއާޣެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސަލާމްކުރައްވަނީ
ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ
ތިލަފުށީގައި ތަރައްޤީ ކުރާ ކޮމަރޝަލް ޕޯޓު ބިނާކުރުމަށް އިންޑިއާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މޯދީ ފާހަގަކުރެއްވި
މޯދީ ވަނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫޢުގެ މަސައްކަތް އަވަސްވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފަ

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މޯދީ އާއި ބައްދަލުކުރެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ގުޅިގެން ދެއްވި ބަޔާނުގައެވެ.

އެ ބަޔާނުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ވަރަށް ޒަމާންވީ ތާރީޚީ ގުޅުމެއް ކަމަށް މޯދީ ވަނީ ފާހަގަކުރައްވާފައެވެ. މޯދީ ވިދާޅުވީ އަވަށްޓެރިން އިސްކުރުމާއި، ސަރަހައްދީ ގުޅުމަށް ބެލިއަސް އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ ޚާއްސަ ގުޅުމެއް ކަަމަށެވެ. މޯދީ އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑިއާ އަށާއި ރާއްޖެ އަށް ވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށެވެ. ރާއްޖެ އަށް ދިމާވާ ކަންކަމުގައި އިންޑިއާ އިން އޮތީ އެންމެ ފުރަތަމަ އިޖާބަދޭ ޤައުމެއްގެ ގޮތުގައި ކަމަށް ވެސް މޯދީ ވިދާޅުވިއެވެ. އިންޑިއާ އިން ވަނީ ރާއްޖޭގެ އަވަށްޓެރިއަކަށް ވުމުގެ ޒިންމާ ފުރިހައަށް އަދާކޮށްފައި ކަމަށާއި ރާއްޖެ އަކީ އިންޑިއާގެ އެންމެ ގާތް އަވަށްޓެރިޔާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް ވެސް އިސްކަން ދެއްވާ ކަމަށް މޯދީ ފާހަގަކުރެއްވިއެވެ.

އެއީ ރާއްޖެ އަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކުރުން ވިޔަސް އަދި ހާދިސާ އެއް ދިމާވި އުނދަނގޫ ވަގުތު ބޯ ފެނުގެ އިންތިޒާމް ހަމަޖައްސާ ދިނުން ކަމުގައި ވިޔަސް، ކޮވިޑްގެ ވަގުތު ވެކްސިން ފޯރުކޮށްދިނުން ކަމަށް ވިޔަސް އިންޑިއާ އިން ވާނީ އަވަށްޓެރިއަކަށް ވުމުގެ ޒިންމާ ފުރިހަމަ އަށް އަދާކޮށްފައި. އަދި މިއަދު ގައުމުގެ ކަންކަމަށް އިސްތިރާޖީ މިސްރާބެއް ދިނުމަށް އިގްތިސާދީ އަދި މެރިޓައިމް ދާއިރާގެ ތަސައްވުރެއް ގެންގުޅުމަށް މިވަނީ ނިންމާފައި. އިންޑިއާ އިން ވަނީ އަބަދުވެސް ރާއްޖޭގެ މަސްލަހަތު އިސްކޮށްފައި.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

އިންޑިއާ އިން ރާއްޖެ އާއި މެދު ވަރަށް ގާތްކޮށް ހިތާކަމަށް މޯދީ ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ އެސްބީއައި އިން ރާއްޖޭގެ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީބިލް ރޯލްއޯވަރކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ހޯމަ ދުވަހު ރާއްޖެ އަށް ބޭނުންވެފައިވާ ގޮތަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މޯދީ ވަނީ އުމްރާނީ ގޮތުން އިންޑިއާ އިން ރާއްޖެ އަށް ވެފައިވާ އެހީތަކަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓްގެ މަޝްރޫޢު ފަދަ މަޝްރޫޢުތައް ފާހަގަކުރެއްވިއެވެ. މޯދީ ވަނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫޢުގެ މަސައްކަތް އަވަސްވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ތިލަފުށީގައި ތަރައްޤީ ކުރާ ކޮމަރޝަލް ޕޯޓު ބިނާކުރުމަށް އިންޑިއާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މޯދީ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އިންޑިއާގެ އެހީތެރިކަމާއި އެކު ބިނާކޮށްފައިވާ 700 ސޯޝަލް ހައުސިން ޔުނިޓް ރާއްޖެ އާއި ހަވާލުކޮށްފައިވާ ކަމަށާއި ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ފުރިހަމަކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެފަދަ 6 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ފުރިހަމަކުރުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށާއި އެމަޝްރޫ ފުރިހަމަވުމާއި އެކު ރާއްޖޭގެ 30000 މީހުންނަށް ސާފުބޯފެނާއި ރަނގަޅު ނަރުދަމާގެ ނިޒާމެއް ލިބޭނެ ކަމަަށް މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެހީތެރިކަމާއި އެކު އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ މަސައްކަތް ކުރިއަށް ދާނެ ކަަމަށާއި އޯޝެނޮގްރޮފީގެ ދާއިރާއިން ވެސް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ޑިޖިޓަލް ކަނެކްޓްވިޓީ އަށް ޚާއްސަ ސަމާލުކަމެއް ދެމުންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖެ އާއި ކުރިއަށް އޮތްތަނުގައި އިންޑިއާ ޔޫޕީއައި މެދުވެރިކޮށް ގުޅާލާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް