Advertisement
ކ. މާލެ
|
26 ޖުލައި 2025 | ހޮނިހިރު 21:47
ޑރ. މުހައްމަދު މުއިއްޒު އާއި ޑރ.މުހައްމަދު އިޔާޒް
ޑރ. މުހައްމަދު މުއިއްޒު އާއި ޑރ.މުހައްމަދު އިޔާޒް
ރާއްޖެއެމްވީ ގްރެފިކްސް
ޑރ. މުހައްމަދު އިޔާޒް
ރައީސް މުއިއްޒު އަށް ޑރ. އިޔާޒް ގެ ބަހުގެ ހަމަލާތަކެއް - މުއިއްޒު އަކީ ދިވެހިންނަށް ޣައްދާރުވި ބޭފުޅެއް!
އިންޑިއާ ބޮޑުވަޒީރު މޯދީ އަށް މަރުހަބާ ދެންނެވުމަށް ބޭއްވި ދީނާ ނުގުޅޭ ހަރަކާތްތަކަށް ޑރ އިޔާޒް ވަނީ ފާޑު ވިދާޅުވެފައި
މޯދީގެ ޒިޔާރަތާ ގުޅިގެން އަސްރު ނަމާދަށް އިސްލާމީ މަރުކަޒަށް ނޭރޭ ގޮތް ހެދުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައި
ޑރ. އިޔާޒް ވިދާޅުވީ، ރައީސް މުއިއްޒު އަކީ ދީންވެރިއެއްގެ ގޮތުގައި ލޭބަލް ވެގެން ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހިންނަށް ޣައްދާރުވި ބޭފުޅެއް ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރ، އަދި އަދާލަތު ޕާޓީގެ ފަނޑިޔާރުންގެ މަޖިލިހުގެ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ މިނިވަން ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓް ތަކެއް ގައި ޑރ. އިޔާޒް ވަނީ އިންޑިއާ ގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް މަރުހަބާ ދެންނެވުމަށާއި އެމަނިކުފާނުގެ ދަތުރުފުޅާ ގުޅިގެން ސަރުކާރުން ހިންގި ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެ ގޮތުން، އޭނާ ވިދާޅުވީ، ބޭރު ޤައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގެންނެވުމުން މަރްޙަބާ ދަންނަވާ އަދި މެހްމާންދާރީ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ޖެހޭނެ ކަމަށާއި ނަމަވެސް، "އަޅުގަޑުމެންގެ އިސްލާމްދީން ޤުރްބާންކޮށްގެން ނުވާނެ،" ކަމަށެވެ.

ޑރ. އިޔާޒް ވިދާޅުވީ، ދީންވެރިއެއްގެ ގޮތުގައި ލޭބަލް ވެގެން ވެރިކަމަށް ވަޑައިގެން ހުންނެވި ޑރ. މުއިއްޒު "ޢިއްފަތްތެރި ލޯބިލޯބި އަންހެން ކުދިންކޮޅެއް މަގުމައްޗަށް ނެރެ އެކުދިން ލައްވާ ނަށުވާ ހެދުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން،" ކަމަށެވެ.

އޭނާ ވިދާޅުވީ "ސަރުކާރުން މިފަދަ ކަމެއް ކުރެއްވީމާ ވަރަށް ދެރަވަރު" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެޔަށް ވުރެ ދެރަ ކަމަކީ މީގެ ކުރިން މިފަދަ ކަންތަކަށް ނުރުހުން ފާޅުކޮށް، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން ގެންދެވި ބޭފުޅުންނަށް މިއަދުގެ މިމަންޒަރުތައް ފެނިވަޑައިނުގަންނަވާތީ ކަމުގައެވެ.

"އިޚްލާޞްތެރި ކަމެއް ހުރިނަމަ މުންކަރާތް މަނާ ކުރަން ޖެހޭނީ ވަކި މީހަކު ވެރިކަމުގައި ހުރީމާ އެކަންޏެއް ނޫން."

މޯދީ ހުކުރު ދުވަހު މާލެ އަށް ކުރެއްވި ޒިޔާރަތާ ގުޅިގެން އެއް ނަންބަރު ފާލަން ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށް އެދުވަހު އަސްރު ނަމާދަށް އިސްލާމީ މަރުކަޒަށް ނޭރޭ ގޮތް ހެދުމާ ގުޅިގެން، ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ޑރ. އިޔާޒް ވިދާޅުވީ، "މީގެ ކުރިންވެސް ބޭރު ޤައުމުތަކުގެ ވެރިން ރާއްޖެ އަށް ޒިޔާރަތް ކުރެއްވި ނަމަވެސް، މިދަރަޖަ އަށް ކަންތަކެއް ނުދާ،" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި "މިއަދު މިހެން ދިމާވެގެން މިއުޅެނީ އިންޑިޔާ އަށާއި އެޤައުމުގެ ވެރިންނަށް ނިސްބަތްކޮށް ހަޑިމުޑުދާރު ދޮގުވާހަކަ ފަތުރާފައިވާ ބަޔަކު ވެރިކަމުގައި ތިބުމުގެ ސަބަބުން،" ކަމުގައެވެ.

ޑރ. އިޔާޒް ވިދާޅުވީ، "މިކަމުގެ ފުރިހަމަ ޒިންމާ ޑރ. މުއިއްޒު ނަންގަވަން ޖެހޭ،" ކަމަށެވެ.

އިސްލާމީ މަރުކަޒު ހުޅުވީއްސުރެ މިދިޔަ ދިގު މާޒީ ގައި އެއްވެސް ސަރުކާރަކުން އެ މިސްކިތުގައި ނަމާދު ކުރުން މަނާ ވާ ގޮތައް އެއްވެސް ރަސްމިއްޔާތެއް އެ ސަރަހައްދުގައި ބާއްވާފައެއް ނުވެއެވެ.

ހުކުރު ދުވަހު އަސްރު ނަމާދުގެ ވަގުތު މިސްކިތް ފަޅުވެފައިވާ ވީޑިއޯ އެއް ސޯޝަލް މީޑިއާ ގައި އާންމުވެފައިވާ އިރު ގިނަ ބަޔަކު ވަނީ އެކަމަށް ނުރުހުންވެ ސަރުކާރަށް ފާޑު ކިޔާފައެވެ.

- ކޮމެންޓް