އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލު ކުރައްވައިފި އެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންފައިވާއިރު، ހޮނިހިރު ދުވަހު ވަނީ ރައީސް ނަޝީދުއާ ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުމަށް ފަހު މޯދީ، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުއާ ބައްދަލު ކުރައްވާފައިވާ ކަމަށާއި، އެމަނިކުފާނަކީ އަބަދު ވެސް އިންޑިއާ އާއި ދިވެހި ރާއްޖޭގެ އެކުވެރި ކަމަށް ވަރުގަދަ އަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން މޯދީ ވިދާޅުވީ، ‘ނެއިބަރހުޑް ފަސްޓް’ ސިޔާސަތާއި، މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭ ގޮތުން ރައީސް ނަޝީދުއާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އިންޑިއާ އިން ދިވެހި ރާއްޖެ އަށް ކެޕޭސިޓީ ބިލްޑިންގ އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެ ޕޯސްޓުގައި މޯދީ ވަނީ ވިދާޅުވެފަ އެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އާއި ބައްދަލުކޮއްފިން. މުޙައްމަދު ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް.
— Narendra Modi (@narendramodi) July 26, 2025
‘ނެއިބަރހުޑް ފަސްޓް’ ސިޔާސަތާއި މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ… pic.twitter.com/zrMz6bv8rN
ދެ ދުވަހުގެ މުއްދަތަކަށް މޯދީ ރާއްޖެ ވަޑައިގެންފައިވާއިރު، މިއީ މި ދަތުރުފުޅުގައި ރާއްޖޭގެ ކުރީގެ ރައީސަކާ މޯދީ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއާ ވެސް ބޮޑު ވަޒީރު މޯދީ އޮތީ ބައްދަލު ކުރައްވާ ގޮތަށެވެ. ނަމަވެސް، ރައީސް ޞާލިޙު މިވަގުތު ހުންނެވީ މެލޭޝިޔާގައި ކަމަށްވާތީ، އެ ބައްދަލުވުން އިންތިޒާމު ކުރެވޭ ގޮތް ނުވީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިއީ އިންޑިއާގެ ބޮޑު ވަޒީރު ކަމަށް މޯދީ ވަޑައިގެންނެވި ފަހުން ރާއްޖެ އަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. އަދި އިންޑިއާގެ ބޮޑު ވަޒީރު ކަމުގެ ތިން ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެ އަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.
ރައީސް މުޢިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންފައިވާއިރު، މީގެ ކުރިން ރައީސް މުޢިއްޒު އާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އިންޑިއާ އަދި މޯދީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އިންޑިއާ އައުޓްގެ ނަމުގަައި ކުރިއަށް ގެންދިޔަ ކެމްޕެއިންގައި ވަނީ، މޯދީ އަށް ފުރައްސާރަކޮށް ރެލީތައް ވެސް ބާއްވައިފަ އެވެ. އަދި ހަޑި ހުތުރު އެތައް ބަސްތަކެއް ބޭނުން ކޮށްގެން ވަނީ މޯދީ އަށް ނިސްބަތްކޮށް ވާހަކަ ދައްކައިފަ އެވެ.