ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 19:20
އެންމެފަހުން ރާއްޖެއަށް ކުރި ވިއްސާރައިގެ ހއ.ކެލާ ފެންބޮޑުވެފައި
އެންމެފަހުން ރާއްޖެއަށް ކުރި ވިއްސާރައިގެ ހއ.ކެލާ ފެންބޮޑުވެފައި
ކޭލާ ކައުންސިލް
ރާއްޖޭގެ މޫސުން ގޯސްވުން
ކުރިއަށް އޮތް 5 ދުވަހު ވައި ވަރަށް ގަދަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވޭ
އާއްމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރާއްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރަންޖެހޭ
ބޮޑަށް ގެއްލުންތައް ލިބިގެން ރިޕޯޓު ކުރަމުންދަނީ އަތޮޅުތެރޭގެ ރަށްތަކުން

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭއިން ބުނީ 06 ސެޕްޓެންބަރު 2024 ވީ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ ކުރިއަށް އޮތް 5 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާއްމުވައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ ސަރަހައްދުގައި 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފާއިވާއިރު، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ބެލެވޭ އެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މުޅި ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ އެންޑީއެމްއޭއިން ބުނީ އާއްމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރާއްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރާއްޖެއެމްވީއަށް އެންޑީއެމްއޭއިން ބުނީ މޫސުން ގޯސްވާ ކޮންމެ ފަހަރަކު ވެސް އެކިވަރުގެ ގެއްލުން ލިބިގެން ރިޕޯޓުތައް ލިބޭ ކަމަށާއި، ބޮޑަށް ގެއްލުންތައް ލިބިގެން ރިޕޯޓު ކުރަމުންދަނީ އަތޮޅުތެރޭގެ ރަށްތަކުން ކަމަށެވެ. އެހެންކަމުން ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާއިރު، ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ، ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

ރައްކާތެރިކަމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކާއި ގުޅޭގޮތުން އެންޑީއެމްއޭއިން ބުނީ ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމާއި، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމާއި، ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމާއި، ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމާއި، ބޭނުންނުކުރާނަމަ ކަރަންޓު ބޭނުންކުރާ ތަކެތި ނިއްވާލާފައި ބަލެހެއްޓުން އަދި ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމް ކުރުން ހިމެނެއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށް އެންޑީއެމްއޭއިން ބުނީ ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރަންޖެހޭ ކަމަށެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް