ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 11:43
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ
ރާއްޖެއެމްވީ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
މަޖިލިސް ތަމްސީލުކުރާ އޭޖީ އޮފީހުންވެސް ދެކެނީ މަޖިލީހުން ޤަވާއިދު މާނަކުރި ގޮތް ރަނގަޅު ނޫންކަމަށް
މިއީ މަޖިލިސް ޤަވާއިދުގެ 205 ވަަނަ މާއްދާގެ (ބ) މާނަ ކުުރުމާ ގުޅޭގޮތުން އުފެދިފައިވާ ޚުސޫމާތެއް
މަޖިލީހުގެ މަސައްކަތްތައް ހުއްޓޭގޮތަށް ކުރެވޭ މާނަ ކުރުމަކީ ޤާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ މާނަ ކުރުމެއް ނޫން
205 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ބާރު ކެނޑޭ ގޮތަށް (ބ) މާނަ ކުރެވިގެން ނުވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބަންޑާރަނާއިބުގެ އޮފީހުން ބުނެފިއެވެ.

ބަންޑާރަނާއިބުގެ އޮފީހުން އެހެން ބުނެފައިވަނީ ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި މަޖިލިސް ތަމްސީލުކޮށް ދެއްކި ވާހަކައިގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ.

މި އަޑުއެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ބ) ގެ ދަށުން 5 މެންބަރުންނަށް ބެލެނީވެސް ވަކި ބާވަތްތަކެއްގެ މައްސަލަތަކެއް ކަމަށާއި، އެގޮތަށްވެސް މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 ޖަލްސާގެ މުއްދަަތަކަށް ކަމަށް ވިދާޅުވެފައެވެ.  

ފިލްޒާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓެންޖެހޭ ސަބަބެއްވެސް މިވަގުތަކަށް ނެތް ކަމަށެވެ. އެގޮތުން މަޖިލީހަށް އަދި ޤަރާރެއް ލިބުމަކީ މަޖިލީހަށް މައްސަލަ ހުށަހެޅުމެއް ނޫންކަމަށް ފިލްޒާ ވިދާޅުވިއެވެ.

ފިލްޒާ އިތުރަށް ވިދާޅުވީ، ޤަރާރު ހުށަހެޅީކަމަށް ބެލެވޭނީ މަޖިލީހުގެ ޤާނޫނީ ޖަލްސާއެއްގައި ޤަރާރު ހުށަހެޅިގެން ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ދެން އޮތް ގޮތަކީ ޤަވާއިދު އިސްލާޙު ކުރުންކަމަށް ވެސް ފިލްޒާ ވިދާޅުވިއެވެ.

މި މައްސަލައިގައި މަޖިލިސް ތަމްސީލު ކުރައްވަނީ ބަންޑާރަނާއިބުގެ އޮފީހުންނެވެ.

ބަންޑާރަނާއިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ، މި މައްސަލައިގެ މައިގަނޑު ޚުސޫމަތު އުފެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ދީފައިވަނިކޮށް ނާއިބްރައީސް ސަލާމް ފޮނުއްވުމުން، ޖަލްސާ ކުރިއަށް ނުގެންގޮސް މަޖިލީހުން ޖަލްސާ ނިންމާލައި، ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދިނުމާއި ގުޅިގެންކަމަށެވެ.

އެ ފުުރުސަތު ނުދިނީ މަޖިލިސް ޤަވާއިދުގެ 205 ވަަނަ މާއްދާގެ (ބ) ގައި، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށް ބުނެފައިވާތީއެވެ.

ވުމާއެކު، މިއީ މަޖިލިސް ޤަވާއިދުގެ 205 ވަަނަ މާއްދާގެ (ބ) މާނަ ކުުރުމާ ގުޅޭގޮތުން އުފެދިފައިވާ ޚުސޫމާތެއްކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޤަރާރެއް ހުށަހެޅިފައިވާއިރު، އެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނާއިބްރައީސަށްކަމަށް މަޖިލިސް އިދާރާއިން މާނަކޮށްފައިވާކަމަށެވެ. އެގޮތަށް އެ މާއްދާ މާނަ ކުރި ސަބަބުތައް މަޖިލީހުން ލިޔުމުން ހިއްސާކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނިފައިވާނެކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރުމަށް ވަކި މީހަކަށް ވަކި މަސްއޫލިއްޔަތެއް ދީފައިވާއިރު، އެ މަސްއޫލިއްޔަތު އެހެން ފަރާތަކަށް ދިނުމަކީ މަޖިލީހަށް ކުރެވޭނެ ކަމެއްނޫންކަމަށް މަޖިލިސް އިދާރާއިން ބުނާކަމަށް މަޖިލިސް އިދާރާ ތަމްސީލު ކުރައްވާ ބަންޑާރަނާއިބުގެ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް، މަޖިލީހުން އެ ޤަވާއިދު މާނަކޮށްފައިވާ ގޮތް ރަނގަޅު ނޫންކަމަށް ބަންޑާރަނާއިބުގެ އޮފީހަށް ޤަބޫލު ކުރެވޭކަމަށް ވަކީލު ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ޖެހޭނެކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައްހުއްޓޭގޮތަށްކުރެވޭ މާނަ ކުރުމަކީ ޤާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ މާނަ ކުރުމެއް ނޫންކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓޭގޮތަށް ކުރެވޭ މާނަ ކުރުމަކީ ޤާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ މާނަ ކުރުމެއް ނޫން
އޭޖީ އޮފީހުގެ ވަކީލު

ވަކީލު އިތުރަށް ވިދާޅުވީ، 44 ވަނަ މާއްދާގައި ބުނާ 5 މެންބަރުންނާ ރިޔާސަތު ޙަވާލުކުރުމުގެ އިޖުރާއަތާއެކު ކުރިއަށް ނުދެވޭނެ ސަބަބެއްކަމަށް މަޖިލިސް އިދާރާއިން ދައްކަނީ 205 ވަަަނަ މާއްދާގެ (ބ) ކަމަށެވެ.

އެހެންނަމަވެސް ޙަވާލާ ދެވިފައިވާ ހުރިހާ މާއްދާއެއް އެކުއެކީގައި ކިޔާއިރު ފަހުމުވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި އޮއްވައި އެ މައްސަލައެއް އެންމެ އަވަހަކަށް އިސްކަންދީގެން ނިންމުންކަން ވަކީލު ފާހަގަކުރެއްވިއެެވެ.

އަދި 205 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ބާރުކެނޑޭ ގޮތަށް (ބ) މާނަ ކުރެވިގެން ނުވާނެކަމަށް ވަކީލު ވިދާޅުވިއެވެ.

ބަންޑާރަނާއިބުގެ އޮފީހުން ވަނީ މަޖިލީހުން ނިންމާފައިވާ ނިންމުމުގައި މަޖިލީހުގެ ޤަވާއިދުގެ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

އަދި މަޖިލީހުގެ ނާއިބްރައީސް ހާޒިރުނުވާ ޙާލަތުގައި 44 ވަނަ މާއްދާގައި ބުނާ 5 މެންބަރުންނާ ރިޔާސަތު ޙަވާލުކުރުމުގެ އިޖުރާއަތާއެކު ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް ބަންޑާރަނާއިބުގެ އޮފީހުން އެދިފައިވެއެވެ.

- ކޮމެންޓް