ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 14:38
މާލެއަށް ވާރޭވެހި ފެންބޮޑުވެފައި
މާލެއަށް ވާރޭވެހި ފެންބޮޑުވެފައި
ޝުއައިބް މުހައްމަދު އިގްބާލް
މޫސުން ގޯސްވުން
ވަރަށް ގަދައަށް ވައިޖެހޭނެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވޭ: މޫސުމާބެހޭ ގައުމީ އިދާރާ
ހުޅުލެއަށް ބުރާސްފަތި ދުވަހުގެ ހެނދުނު 10:46 ގައި 61 މޭލު ބާރުމިނުމުގައި ވައިޖެހުނު
ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި، މެދުރާއްޖެތެރޭގެ ސަރަހައްދަށް އާއްމު ވައި ގަދަވެ ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވޭ
ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ

ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލް ވިދާޅުވީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރައްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަށެވެ. ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި، މެދުރާއްޖެތެރޭގެ ސަރަހައްދަށް އާއްމު ވައި ގަދަވެ ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަމަށެވެ.

މިކޮޅިގަނޑުގެ ސަބަބުން ވަރަށް ބޮޑަށް ވައިގަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ އެއިދާރާއިން ނެރިފައިވާ ބާޔަނުގައި ބުނެފައިވަނީ ވިލާގަނޑުގައި އެންމެ ވައިގަދަވި ކަމަށް ރެކޯޑް ކުރެވިފައިވަނީ ބ.ދަރަވަންދޫގައި 9 އޮކްޓޫބަރު 2024 ވަނަ ދުވަހު ރޭ 11:10 ގައި ގަޑިއަކު 55 މޭލު ބާރުމިނަށް އަދި ހުޅުލެއަށް ބުރާސްފަތި ދުވަހުގެ ފަތިހު 5:40 ގައި ގަޑިއަކު 58 މޭލަށް އަދި ހެނދުނު 10:46 ގައި 61 މޭލު ބާރުމިނުމުގައި ވައިޖެހުނު ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މި މުއްދަތުގައި އެންމެ ބޯކޮށް ވާރޭވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 8 އޮކްޓޫބަރު 2024 ވަނަ ދުވަހު ޏ.ފުވައްމުލަކަށް ކަމަށެވެ. އެއީ 120 މިލިމީޓަރުގެ ވާރޭ ކަމަށް އެއިދާރާއިން ބުނެއެވެ.

މީގެ އިތުރުން މޫސުން ކުރިއަށް ލަފާ ކުރެވޭ ގޮތާއި ގުޅޭގޮތުން އެއިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޯމަ ދުވަހާއި ހަމައަށް އާއްމުވައި ގަދަކޮށް ހިފަހައްޓާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އެވަރެޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ވައިޖެހި، ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ބެލޭވޭއިރު، ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 45 މޭލާއި، 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އާއްމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުތަކަށް ފެއްޓުމުގެ ކުރިން އެންމެފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް