ގާމަގު ކެފޭގައި ހނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި 6 ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން 50 ބިދޭސީންނާއި 6 ދިވެހިން އިވެކުއޭޓް ކުރެވުނު ކަމަށެވެ. އަދި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއީ ކޮންކޮން ބައެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
މީގެ އިތުރުން އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެ، ވަގުތީ ބޯހިޔާވަހިކަން ދޭންޖެހޭ މީހުންނަށް އެ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ. އެގޮތުން އަންނައުނާއި ކެއުމުގެ ކަންކަންވެސް ހަމަޖައްސަމުންދާނެކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. ނަމަވެސް މި ހާދިސާގައި ދެ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ. މީގެ ތެރޭގައި ހިމެނޭ ރާއްޖެއިން ބޭރުގެ އުމުރުން 30 އަހަރުގެ އަންހެން މީހާވަނީ މިހާރު ދޫކޮށްލާފައެވެ. އަދި 48 އަހަރުގެ ދިވެހި އަންހެން މީހާގެ ހާލުވެސް ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި ކެފޭއާއި އިންވެގެން އިން ދެ އިމާރާތަކަށް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. އަދި ޖެހިގެން އިން އިމާރާތުގައި އަލިފާން ރޯވެ އެ އިމާރާތްވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަލިފާން ރޯވި ކެފޭ ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ސޯސަން މަގު ދޫހިމެރި މަގު ގުޅޭ ދިމާލުގައި ހުރި ގާމަގު ކެފޭގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައިވަނީ މެންދުރު 2:45 ހާއިރުއެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އަދި ފުލުހުން ހަރަކާތްތެރިވެފައިވާއިރު، އަލިފާން ކޮންޓްރޯލް ކޮށްފައިވަނި ފޯމް ޖަހައިގެންނެވެ.
އަލިފާން އެއްކޮށް ނިއްވާލެވުނީ ރޯވިތާ ގަޑިއިރެއް ފަހުންނެވެ.