ރާއްޖޭގެ ފަތުރުވެރިކަން ފެށުނު އިރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މައުރޫފް ވަނީ ރާއްޖޭގެ ރަސްމީ ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރަން ފެށީ އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ. އެކަން ކުރަން ފަށާފައި ވަނީ ފަތުރުވެރިކަމަށް 52 އަހަރު ވުމާއި ގުޅިގެންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަން ފެށިގެން އައި ގޮތަށް މައުރޫފްގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފައެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ބަދަލުކޮށް ފަތުރުވެރިކަން ރަށްރަށަށް ފުޅާކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އިގްތިސާދު މިހިސާބަށް ގެނެސް ފަތުރުވެރިކަން މި ހިސާބަށް ގެނައުމުގައި އެމްޑީޕީން އަދާކޮށްފައި ވަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މައުރޫފް ވަނީ މި ސަރުކާރުން ފަތުރުވެރިކަން ނަގަހައްޓާ ފަތުރުވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ މިންވަރުގެ މަސައްކަތެއް ނުކުރާ ކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި ކުރީގެ ސަރުކާރުތަކުން ފަތުރުވެރިކަމުގެ ބާރުތައް ދޫކޮށް ނުލުމުގެ ނަތީޖާ އަކީ އެ ސިނާއަތުގެ ފައިދާ ރައްޔިތުންނަށް ނުލިބުން ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.
ވަކި ބަޔަކަށް ބާރުތައް ދީ ކޮންޓްރޯލް މުށުތެރޭގައި ބާއްވަން އޭރުގެ ސަރުކާރުތަކުން މަސައްކަތްކުރީ. އެއާއި ހެދި މިއީ ދިވެހިންނަށް ހިންގޭ ޓުއަރިޒަމް އެއްގެ ބަދަލުގައި 50 އަހަރު ހިނގާ ދިޔައީ އިންޑަސްޓްރީއަށްޓަކާ ހިނގާ ދާއިރާއެއްގެ ގޮތުގައި.މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
އެމްޑީޕީން އަބަދުވެސް ކުރަމުން ދަނީ ދިވެހިންނަށް ފައިދާ ކުރާ ކަންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މައުރޫފް ވަނީ އެމްޑީޕީ ވެރިކަން ނިމުނުތާ އެއް އަހަރު ވެގެން ދިޔަ އިރު ކަންކަން ހިނގާ ގޮތް ރަނގަޅު ނޫން ކަމަށް ފާހަގަކުރައްވާ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުން މިއަދު ތިބީ މާޔޫސްކަމުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީ އަކީ ރައްޔިތުންނަށް ފައިސާ ހުރި ސިޔާސަތުތައް ގެންނަ ބައެއް ކަމަށާއި އެކަން އެމްޑީޕީން ދައްކުވާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިނިމަމް ވޭޖަކީ އެކަމުގެ ހެއްކެއް ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ވެރިކަމުގައި އަސާސީ ހައްގުތައް ވެސް އުވާލަމުންދާ ކަމަށް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ. ދެން ވެސް އެމްޑީޕީގެ ވެރިކަމެއްގައި ގެންނާނީ ހެޔޮ ގޮތްތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.