Advertisement
ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 11:28
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ބިލު ހުށަހެޅީ ރައީސް މުޢިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވަން ވެގެން ކަމަށް މެމްބަރު ބުނި: މައުރޫފް
ތަޅު އަޅުވައިގެން އަދި އޮބަހައްޓައިގެން ރާއްޖެ ހިންގޭ ކަމަށް ޤަބޫލު ކޮށްގެން ނުވާނެ
އެ ބިލު ހުށަހެޅި ސަބަބަކީ ރައީސް މުޢިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވުމުގެ މަގުސަދުގައި
މިއީ މި ޤައުމުގެ ދިފާއުގައި ދިވެހި ރައްޔިތުން ނިކުމެ މި ވެރިކަން ވައްޓާލަން ޖެހޭ ދުވަސް

ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ހުށަހެޅީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ކައްޒާބު ކިޔުން ހުއްޓުވަން ކަމަށް ބިލު ހުށަހެޅި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ބުނެފައިވާ ކަމަށް، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ނައްތާލުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު މައުރޫފް ވިދާޅުވީ، ތަޅު އަޅުވައިގެން އަދި އޮބަހައްޓައިގެން ރާއްޖެ ހިންގޭ ކަމަށް ޤަބޫލު ކޮށްގެން ނުވާނެ ކަމަށާއި، އެކަން އެހެން ނުކުރެވޭނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ އެ ބިލު ހުށަހެޅި ސަބަބަކީ ރައީސް މުޢިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވުމުގެ މަގުސަދުގައި ކަމަށް މެމްބަރު ހަންނާން ބުނެފައިވާ ކަމަަށެވެ. މެމްބަރު މައުރޫފް ވިދާޅުވީ އެ ބިލަކީ ސަރުކާރުން ސްޕޮންސާ ކޮށްގެން، ރައީސް މުޢިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވަން ވެގެން ހުށަހަޅާފައިވާ ބިލެއް ކަަމަށެވެ.

މީގެ އިތުރުންް މެމްބަރު މައުރޫފް ވިދާޅުވީ މީޑިއާ ތަކުގައި ތަޅު ނޭޅުވޭނެ ކަމަށެވެ.

ބިލު ހުށަހެޅުއްވި އިއްޒަތްތެރި މެމްބަރު އަޅުގަނޑު ކައިރީގައި ވިދާޅުވީ މިއީ ރައީސް މުޢިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވަން ވެގެން ހުށަހަޅާ ބިލެކޭ. އިއްޒަތްތެެރި ރައީސް އެކަން ހުއްޓުވޭނެތޯ، މިއީ ކަނޑައެޅިގެން ސަރުކާރުން ސްޕޮންސަރ ކޮށްގެން މުޢިއްޒުއާ ދިމާލަށް ކައްޒާބު ކިޔާތީ އެކަން ހުއްޓުވަން ވެގެން ހުށަހެޅި ބިލެކޭ. ޢިއްޒަތްތެރި ރައީސް މީޑިއާގައި ތަޅެއް ނޭޅުވޭނެ. ހީފުޅު ކުރައްވަނީތޯ ތަޅު އަޅުވައިގެން އޮބަ ހައްޓައިގެން މިއަދު މި ރާއްޖެ ހިންގި ދާނެ ކަމަށް. އެހެން އެކަމެއް ނުކުރެއްވޭނެ. މިއަދު މިއީ އެހެން ޒަމާނެއް، މީޑިއާތައް ލޮކް ކޮށްގެން، ޖަލަށް ލައިގެން، ބަނދެން ވެރިކަން ހިންގޭނެ ކަމަށް ޤަބޫލު ނުކުރައްވާތި. ހައްދު ފަހަނަ އަޅައި ޤައުމު ދިޔައީމާ، ދިވެެހި ރައްޔިތުން މި ޤައުމުގެ ދިފާއުގައި ނިކުންނަން ޖެހޭނެ. މިއަދު މިއީ މި ޤައުމުގެ ދިފާއުގައި ދިވެހި ރައްޔިތުން ނިކުމެ މި ވެރިކަން ވައްޓާލަން ޖެހޭ ދުވަސް. އެހާ ހިސާބަށް ޤައުމު ގޮސްފައި މި އޮތީ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު

މީގެ އިތުރުން ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސް މުޢިއްޒު އެންމެ އުފާވާ ކަމަކީ ވައްކަން ކުރުން ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ދަނީ އެތައް ވައްކަން ތަކެއް ކުރައްވަމުން ކަމަށާއި، މި ޤައުމަކީ ވައްކަމުގެ ހާއްޔަކަށް ހަދާފައިވާ ކަމަށް ވެސް މެމްބަރު މައުރޫފް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ހުށަހެޅި ބިލު އަނބުރައި ގެންދިޔަކަން ފާހަގަ ކުރައްވައި މެމްބަރު މައުރޫފް ވިދާޅުވީ، މިހާރު ހުށަހަޅައިގެން އުޅޭ ބިލު ވެސް އަނބުރާ ގެންދަވަން ޖެހޭނެ ކަމަށެވެ. އަދި އެ ބިލު ފާސް ކުރަން ވެސް ނުކެރޭނެ ކަމަށާއި، އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ތިއްބާ އެ ބިލު ފާސް ކުރިއަ ނުދޭނެ ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް މެމްބަރުން މައުރޫފް ވިދާޅުވީ ހުރިހާ ރައްޔިތުން ނިކުމެ މުޅި މާލޭގެ މަގުތައް ފުރާލަން ޖެހޭ ކަމަށާއި، އެ ބިލު ބޭރުކޮށްލަން ޖެހޭނެ ކަަމަށެވެ. އަދި ރައީސް މުޢިއްޒު އަށް ވެސް އެ ބިލު ފާސް ކުރަން ނުކެރޭނެ ކަމަށާއި، އަދި ރައީސް މުޢިއްޒު އެ ބިލު އަނބުރައި ގެންދަވާނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

ހުދުމުހުތާރުކޮށް، ޑިކްޓޭޓަރު ގޮތެއްގައި ހުރިހާ ކަމެއް ކުރެވޭނެ ކަަމަށް ރައީސް މުޢިއްޒު ޤަބޫލު ކޮށްގެން ނުވާނެ ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. އަދި މިއަދު ރާއްޖޭގައި ކަންކަން ހިނގަމުން ދަނީ ޑިކްޓޭޓަރުން ކަންތައް ކުރައްވާ ގޮތަށް ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް