ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، މިހާތަނަށް އައިއިރު ބ.ކެންދޫ ރައްޔިތުންނަށް ކޮންދިން ހަަމައެކަނި ކަމަކީ އޭޓީއެމްއެއް ބެހެއްޓުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
މެމްބަރު މައުރޫފް މިހެން ވިދާޅުވީ، ހޯމަ ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެންމެ ފުރަތަމަ މައުރޫފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ކެންދޫގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށެވެ. ކެންދޫގެ ރައްޔިތުން އަބަދުމެ އެކަމަށް ޝުކުރުވެރި ވާނެކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، ރައީސް ޞާލިޙުގެ ސަރުކާރުން ކެންދޫގައި 13 މަޝްރޫއެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އޭގެ ތެރޭގައި އައު އިންޖީނުގެއެއް އެޅުމާއި، އިންޖީނު ގޭގެ އޮފީސް އިމާރާތް އެޅުމާއި، ކެންދޫ މަގާމު ކޮޅުގެ އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ހެދުމާއި، ކެންދޫގައި ގިނަ ކުލާސް ރޫމުތަކަކާ އެކު މަލްޓި ޕާޕަަަސް ހޯލެއް އެޅުމާއި، ޞިއްޙީ މަރުކަޒުގެ އިމާރާތް ބޮޑު ކުރުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއުގެ 80 އިންސައްތަ ނިންމުމާއި، ކުނި ކޮށީގެ މަސަައްކަތް ނިންމުމާއި، ރަށް ހިމާޔަތް ކުރުމުގެ ގޮތުން ވަށައިގެން ޝޯ ޕްރޮޓެކްޝަން ޖެހުމާއި، ބޮޑު ފުޓުބޯޅަ ދަނޑެއް އެޅުން އަދި ވޮލީ ކޯޓެއް އެޅުން ހިމެނޭ ކަމަށް މައުރޫފް ފާހަގަ ކުރެއްވި އެވެ.
މަައުރޫފް ވިދާޅުވީ މައިގަނޑު ގޮތެއްގައި އެއީ ކޯވިޑް 19 ގެ އާލަމީ ބަލި މަޑު ކަމަށް ފަހު އެ ރަށުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ކަމަށާއި، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އެ ރަށުގައި ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ ރައީސް ޞާލިޙުގެ ވެރިކަން ނިމުނުއިރު، ކެންދޫގައި ނުނިމި ހުރީ ހަމައެކަނި ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން މިސްކިތުގެ މަސައްކަތް ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރައީސް މުޢިއްޒުގެ އިޤްތިޞާދީ އެންމެ ބޮޑު މަސައްކަތަކީ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ކެންދޫގައި ވެސް އޭޓީއެމްގެ މަސައްކަތް ކޮށްފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. ނަމަވެސް އެއީ ވެސް، ކުރީ ސަރުކާރުން ގެނެސްފައިވާ ސާމާނު ތަކެއް ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލިބޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.
ރައީސްގެ އެންމެ މަޝްހޫރު ޕްރޮޖެކްޓު އެއީ، އިޤްތިޞާދީ އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ރައީސް ވެފައި އޮތް ވައުދަކީ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުން. އެ ޕްރޮޖެކްޓު މި ރަށުގައި ވެސް މިހާރު ނިންމައިފި. އެހެރީ ރެޑީގައި ދެން ހުޅުވަން. އެއީ މި ސަރުކާރުން ފަށައިގެން ހަމައެކަނި ކުރި ކަމަކީ. އަޅުގަނޑަށް އެކަމަކު މަޖިލިސް ތެރެއިން މައުލޫމާތު ލިބުނު އޭޓީއެމް ތަކަކީ ކުރީ ސަރުކާރުން ގެނެސްފައި ހުރި އެއްޗެހި ތަކެކޭ، ދެން މި ބޭފުޅުން އެ ތަން ކޮޅު ހަދާފައި އިންސްޓޯލް ކުރުން، އެއީ އިޤްތިޞާދީ އެންމެ ބޮޑު ޕްރޮޖެކްޓަކީ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ)![]()
މީގެ އިތުރުން މެމްބަރު މައުރޫފް ވިދާޅުވީ ރައީސް މުޢިއްޒުގެ ވައުދު ފޮތުގައި ވެސް، އިޤްތިޞާދުގެ ދަށުގައި ޖަހާފައި އޮންނަނީ އޭޓީއެމް ބެހެއްޓުން ކަމަށެވެ. އެގޮތުން ސަރުކާރަށް އޭޓީއެމް ސިފަ ވަނީ ގަހެއްގެ ގޮތުގައި ކަމަށާއި، އެ ބެހެއްޓުމުން އޭގެއިން ފައިސާ އުފެދޭ ކަމަށް ސަރުކާރަށް ޤަބޫލު ކުރެވެނީ ކަމަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ކެންދޫ ދާއިރާގައި ދެން ހިމެނޭ ރަށް ތަކުގައި ވެސް މި ސަރުކާރުން ތަރައްޤީގެ މަޝްރޫއެއް ކުރިއަށް ނުގެންދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އެގޮތުން ކެންދޫ ދާއިރާގައި ހިމެނޭ ކުޑަރިކިލު ރައްޔިތުން ވެސް ދަނީ އެތައް ކަމެއް މި ސަރުކާރާ އެކު ތަހަންމަލު ކުރަމުން ކަމަށް މައުރޫފް ފާހަގަ ކުރެއްވި އެވެ.