ގެވެށިއަނިޔާގެ ރޯގާ ވަކިހިއްޕަމުން ދަނީ ހަރުކަށި މުއާމަލާތުތަކުގެ ސަބަބުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''ގެވެށިއަނިޔާ'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމަށާއި، ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ އެއް ބާވަތް ކަމަށެވެ. މި ކަމަކީ މުޖުތަމައުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެ ކަމާ މެދު ކަންބޮޑުވެ، އެ ކަން ހުއްޓުވުމަށް އަޑު އުފުލަމުންދާ މައްސަލައެއް ކަމަށެވެ. ގެވެށިއަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތައް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މުސްލިމް މުޖުތަމައަކީ ރަޙްމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމައެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސުކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއް ކަމަށެވެ. މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމައުގެ ބިނާގެ އެއްބައި ކަމުގައިވާއިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުޚްތުންނަށް، ނުވަތަ ދަރިންނަށްވާއިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެ ކަނބަލުންގެ އަގުވައްޓައިލުމަށް ޓަކައި، އެ ކަނބަލުންގެ އަބުރާބެހުމާއި، އެ ކަނބަލުންނަށް ފުރައްސާރަކުރުމާއި، އެ ކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމާއި، އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި، ހިމެނޭ ކަންކަމެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުވަހަކު ވެސް އަންހެނެއްގެ ގައިގައި ޖައްސަވައިފައެއް ނުވެއެވެ. އިތުރު އެކަލޭގެފާނުގެ އެންމެ ފަހު ވަޞިއްޔަތްޕުޅުތަކުގެ ތެރޭގައި، އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރައްވައިފައި ވެއެވެ. ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި، އިންސާނީ ޙައްޤުތަކާ ބެހޭ އިސްލާމީ އުޞޫލުތައް އިޢުލާނުކުރައްވަމުން، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (فَاتَّقُوا اللهَ فِي النِّسَاءِ، فَإِنَّكُمْ أَخَذْتُـمُوْهُنَّ بِأَمَانِ اللَّهِ)[1] މާނައީ: "ފަހެ ތިޔަބައިމީހުން އަންހެނުންނާ މެދު ﷲއަށް تقوىވެރިވާށެވެ! ފަހެ ތިޔަބައިމީހުން އެ ކަނބަލުން ލިބިގެންފައިވަނީ، ﷲގެ އަމާނާތެއްގެ ގޮތުގައެވެ." އަމާނާތަކީ ރައްކައުތެރިވާން ޖެހޭނެ އެއްޗެކެވެ. އެންމެ ބޮޑަށް ރައްކައުތެރިވާން ޖެހޭނީ، މާތް ﷲގެ އަމާނާތަށެވެ. އޭރުން މާތް ﷲ އަހުރެމެންގެ އަމާނާތްތައް ރައްކައުތެރިކޮށްދެއްވާނެތެވެ.ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ ގެވެށިއަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުއާމަލާތުތަކުގެ ސަބަބުން ކަމަށެވެ. ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުއާމަލާތުކުރަނީ އަހުލާގު ރިވެތި، އިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށް ޓަކައެވެ. ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށް ޓަކައެވެ. ނަމަވެސް ފިރިހެނާ މި ގޮތަށް އަމަލުކުރުމުގެ ނަތީޖާއަކީ، އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުން ކަމަށާއި، އަމާންކަންމަތީ އޮތް ގޭތެރެ ނާމާންވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ހިތްހަމަޖެހުން އޮންނާން ޖެހޭ ގޭތެރެ ހިތްދަތިވުން ކަމަށެވެ.
ޚުތުބާގައި ބުނީ ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށެވެ. އަދި އެއީ އޭނާއަށް ލިބޭ އިހާނެތިކަމެއް ވެސް ނޫންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ހަގީގަތަށް ބަލާ އިރު، ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައެވެ. އޭނާގެ ރިވެތި އަޚްލާޤުގެ މަތީގައެވެ. އަނބި ދަރީންނަށް އަޅައިނުލައި އުޅެނީ ކިތައް ފިރީންހެއްޔެވެ؟ އަނބިމީހާ ވަރިކޮށްފައި، ދަރިންނަށް ޚަރަދުނުދީ ފިލައިގެން އުޅެނީ، ކިތައް ބަފައިންހެއްޔެވެ؟ މިއީ މުޅީން ވެސް އަނިޔާއެވެ. މި ފަދަ އަނިޔާތަކަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. ތިމާގެ އަހުލުވެރީންނާ މެދު ޤިޔާމަތް ދުވަހުން މާތް ﷲ ސުވާލުކުރައްވާނެއެވެ.މި ފަދަ ބޭއަދަބީ ކަންކަމަށް އަރައިގަނެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، އީމާންކަމުގެ ބަލިކަށިކަމެވެ. އީމާންކަން ނެތިއްޖެ ނަމަ، ލަދުވެތިކަމެއް ނުއޮންނާނެތެވެ. ލަދުވެތިކަން ނެތިއްޖެ ނަމަ، އެއްވެސް ނުބައި ކަމަކަށް އަރައިގަތުމުގައި ފަހަކަށް ނުޖެހޭނެތެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ لِكُلِّ دِيْنٍ خُلُقًا، وَخُلُقُ الْإِسْلَامِ الْـحَيَاءُ)[3] މާނައީ: "ހަމަކަށަވަރުން ކޮންމެ ދީނަކަށް ޚުލުޤެއް ވެއެވެ. އަދި ހަމަކަށަވަރުން އިސްލާމްދީނުގެ ޚުލުޤަކީ ލަދުވެތިކަމެވެ." މި ބަސްފުޅުން އެނގެނީ، އީމާންކަމުގެ އަސަރު ފެންނާނީ އޭނާގެ އަޚްލާޤުންކަމެވެ. ހަޑިހުތުރު ކަންތައްތަކަށް ބަލައިލުމެއް ނެތި، ދުނިޔޭގައި އުޅެމުންދާ ނަމަ އެ މީހަކު އެ ވަނީ ލަދުވެތިކަމުން އެއްކިބާވެފައެވެ.ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ ފިރީން އަނބީންނަށް އޯގާތެރިވެ އަޅައިލުން، އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާ ފަދައިން، ﷲ އަށާއި އެކަލާނގެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އުރެދުމެއް ނުވާ ކަންކަމުގައި، އަނބީން ވެސް ފިރީންނަށް ކިޔަމަންތެރިވުން އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާ ކަމަށެވެ. އަދި ފިރީންނަށް ކިޔަމަންތެރިވުމަކީ، އެ ކަނބަލުންގެ ދަރަޖަ މަތިވެރިވާނޭ ކަމެއް ކަމަށާއި، އެ ކަމުގެ ސަބަބުން، އާއިލީ ގުޅުން ބަދަހިވެ، ގެވެށިއަނިޔާއަށް އޮންނަ ފުރުސަތު ހަނިވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް، ގެއްލުންހުރި ހަޑިހުތުރު އަމަލެއް ކަމަށާއި، އޭނާގެ ޙަލާލު އަނބިމީހާއަށް ޖިސްމާނީ ގޮތުންނާއި، ޖިންސީ ގޮތުން ވިޔަސް އަނިޔާކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. މާތް ﷲ ފިރީންނަށް އަންގަވަނީ އެމީހުންގެ އަނބީންނާއެކު ރިވެތި ގޮތުގައި މުއާމަލާތު ކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ގެވެށި އަނިޔާއަކީ، ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާ އެކަނި ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ލިބޭ އަނިޔާ ވެސް، ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ ކަމަށެވެ. ދެމަފިރީން ދަރީންކުރިމަތީ ޒުވާބުކުރުމާއި، ޖަދަލުކުރުމުގެ ސަބަބުން ދަރީންނަށް ނަފްސާނީގޮތުން އަނިޔާލިބި، އެ ކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވާ ކަމަށެވެ. އަދި ދަރީންގެ ބަސްމަގު ހުތުރުވެ، އެ ކުދީންގެ ކުރިމަތީގައި މައިންބަފައިންގެ އަގުވެއްޓި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ސަބަބެއްކަމުގައި އެ ކަން ވެގެންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ގެވެށިއަނިޔާގެ ސަބަބުތަކުގެ ތެރޭގައި، މަސްތުވާ ތަކެތި ހިމެނޭ ކަމަށާއި، މަސްތުވާ ތަކެއްޗަކީ ހުރިހައި ނުބައިކަމެއްގެ އަސާސް ކަމަށެވެ.
ޚުތުބާގައި ބުނީ ގެވެށިއަނިޔާގެ ސަބަބުން، އިޖުތިމާއީ ފޭރާން ހަލާކުވެ، މުޖުތަމައު ވިއްސިވިހާލިވާ ތަން ބަލާން ތިބެގެންނެއް ނުވާނެ ކަމަށާއި، އެ ކަމުގެ ސަބަބުން މުޖުތަމައުގެ އެކުވެރިކަމާއި، އެއްބާރުލުން ނެތިގެންދިޔުމާ މެދު ވިސްނައި ފިޔަވަޅު އަޅާން ޖެހޭ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ މެދުގައި އަރައިރުންތައް އުފެދި، ހަރުކަށި އަމަލުތައް އިތުރުވަމުންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ގެވެށިއަނިޔާތައް އިތުރުވެ އޭގެ ދާއިރާތައް ފުޅާވެ، މިއަދު އެކަންތައް ވަނީ އަތް ނުފޯރާފަށަށް އުފުލިފަކަން ފާހަގަކޮށް ޚުތުބާގައި ބުނީ ގެވެށިއަނިޔާގެ ހުރިހައި ބާވަތަކުން ދުރުހެލިވާންޖެހޭ ކަމަށާއި، މިމައްސަލަ ހައްލު ކުރުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.