މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ އަމާން މުޖުތަމައުއެއް ބިނާކުރެވޭނީ އެކުވެރިވެ އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''އެކަކު އަނެކަކަށް އެހީތެރިވުން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި، އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ.
އެހެންކަމުން ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށާއި، ވުމާއެކު މުސީބާތާއި، ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި، މިއީ އިމާންކަމުގެ ފުރިހަމަވުމުގެ ރަމްޒެެއް ކަމަށެވެ.
މީސްތަކުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ބައެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަހަރެމެންގެ މި އިސްލާމީ މުޖުތަމައުގައި އެހެންމީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ބަޔަކު ދިރިއުޅެމުންދާ ކަމަށެވެ.
އެފަދަ މީހުންނަށް އަހަރެމެން އެހީތެރިވާންޖެހޭ ކަމަށާއި، އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލާން ޖެހޭ ކަމަށެވެ. އަހަރެމެންގެ ތެރޭގައި އުޅެމުންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިޔާ ކުދިންނާއި، ޔަތީމު ކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން ޖެހޭ ކަމަށާއި، އެ ކުދީންނަށް އެހީތެރިކަން ދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޚާއްސަ ގޮތެއްގައި އެކުދީންގެ ތެރޭގައި އަހަރެމެންގެ އެހީތެރިކަމާއި، އަޅައިލުން ކޮންމެހެން ދޭންޖެހޭ ކުދީންތަކެއް ތިބި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެއީ ތެލެސީމިޔާ ކުދިންނެވެ. ނުވަތަ ލޭ އަޅަންޖެހިފައިވާ ކުދީންނެވެ. އެކުދިންނަކީ ވެސް އަހަރެމެންގެ މުޖުތަމައުގެ އެއްބައެވެ. އެކުދީން ވެސް އުފާވެރި ދިރިއުޅުމެއް އުލެން ބޭނުންވެއެވެ. އެކުދީން އާދޭސްކުރަމުން އެދަނީ އަހަރެމެން ހަދިޔާކުރާ ލޭތިއްކަކަށެވެ. ނުވަތަ އަހަރެމެން ސަދަގާތް ކުރާ ފައިސާ ފޮއްޗަކަށެވެ. މިގޮތުން ހަދިޔާކުރާ ކޮންމެ ލޭ ތިއްކަކީ ﷲގެ މަގުގައި ކުރެވޭ ސަދަގާތެކެވެ. ފުރާނައަކަށް ދިރުން ދިނުމަށްޓަކައި ކުރެވޭ ގުރުބާނީއެކެވެ. ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސް ކުރައްވާފައިވެއެވެ. މާނައީ: ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާއެއް ނުކުރާނެއެވެ. އަދި އޭނާގެ އަޚާ އަނިޔާއެއް ލިބުމަށް ދުޝްމަނަކަށް ދޫކޮށެއް ވެސް ނުލާނެއެވެ. ތިމާގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދައިދެއްވުމުގައި ﷲ ދެމިވޮޑިގެންވެއެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުސީބާތެއް ދުރުކޮށްދީފި މީހަކަށް ގިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް ﷲ ދުރުކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބެއް ސިއްރުކޮށް، ފޮރުވައިދީފި މީހާގެ ޢައިބުތައް މާތްﷲ ގިޔާމަތް ދުވަހުގައި ސިއްރު ކުރައްވައި، ފޮރުއްވައިދެއްވާނެތެވެ.
ހުކުރު ޚުތުބާ![]()
ކޮންމެ މުސްލިމަކީ އިސްލާމީ އުޚުވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ އެއާ ވަކި ނުކުރެވޭނެ ގުނަވަނެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ހަށިގަނޑ އުފުލަންޖެހޭ ކޮންމެ ތަކުލީފެއްގައި މި ގުނަވަން ވެސް ހިއްސާވާން ޖެހޭ ކަމަށާއި، މިއީ މުސްލިމުންގެ މިސާލު ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އަނެކާއަށް އަޅައިލައި އެހީތެރިވުމަކީ އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއް ކަމަށާއި، އެފަދަ މީހަކަށް މާތްﷲ ގެ ރުއްސެވުމާއި، މަދަދު ލިބިގެންވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ އަމާން މުޖުތަމައުއެއް ބިނާކުރެވޭނީ އެ މުޖުތަމައައެއްގެ އަފުރާދުން އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން ކަމަށާއި، އެކުވެރިކަމާއި އުޚުއްވަތްތެރިކަމަކީ ހިތުގައި އުފެދޭ ހަމްދަރުދީއާއި، ލޯބީގެ މާތް ޝުއޫރެއް ކަމަށެވެ. އެއީ އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ތެދުވެރި އުޚުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ ސަބަބުން އެހީތެރިވުމާއި އިހްސާސްތައް ދެނެގަތުމާއި އަމިއްލަ ނަފުސަށްވުރެ އެނެކާއަށް އިސްކަން ދިނުމާއި، މައާފުކުރުން ފަދަ ރިތެތި އަހުލާގީ ސިފަތައް އަށަގަންނަ ކަމަށެވެ.
އެހެންކަމުން އިސްލާމްދީނުގައި އުޚުވަތްތެރިކަމާ އެއްބަނޑު އެއްބަފާ ކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.