ކ. މާލެ
|
20 ޖޫން 2025 | ހުކުރު 13:20
ހުކުރު ޚުތުބާ އަޑު އަހަނީ
ހުކުރު ޚުތުބާ އަޑު އަހަނީ
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
މާތް الله އަށް ވަކީލުކުރުމަކީ ކަންކަން ކުރުމުގައި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައި، ތައުފީގު ލިބޭނެކަން ޔަގީން ކުރުން، އެގޮތަށް މަސައްކަތް ކުރަން ޖެހޭ: ޚުތުބާ
މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާ
ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ވިސްނަން ޖެހޭ
ހިޖުރައިން ލިބޭ ފިލާވަޅުތަކުން އިބްރަތް ހާސިލްކުރަން ޖެހޭ

މާތް الله އަށް ވަކީލުކުރުމަކީ ކަންކަން ކުރުމުގައި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައި، ތައުފީގު ލިބޭނެކަން ޔަގީން ކުރުން ކަމަށާއި، އެގޮތަށް މަސައްކަތް ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ހިޖުރައިގެ އިބުރަތްތަކުގެ ތެރެއިން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ހާދިސާއަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލާފައެވެ.

الله ގެ މަގަށް ގޮވައިލައްވާން، އެ ކަލޭގެފާނު މައްކާގައި ތޭރަ އަހަރު ހުންނެވުމަށް ފަހު، އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލާން އެބައިމީހުން ރާވަމުންދިޔަ ކަމާއި، އެ ހިނދު މާތް اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިކަން ފާހަގަކޮށްފައިވެއެވެ.

މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި ފެށޭ ހަފުތާއަކީ ހިޖުރީ އައު އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމެއް ކަމަށެވެ.

ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާފުޅާ މާނައެއް އޮތް ކަމެއް ކަމަށާއި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. (يَا رَسُوْلَ اللهِ! أَيُّ الْهـِجْرَةِ أَفْضَلُ؟ قَالَ: أَنْ تَـهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ.) މާނައީ: "އޭ اللهގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑުވެގެންވާ ހިޖުރައަކީ ކޮބައިތޯއެވެ؟ "އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މާތް الله ރުހިވޮޑިގެންނުވާ ކަންތައް ދޫކޮށްލުމެވެ." މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ، ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވީ ރަށާއި، އާއިލާގެ ބޭފުޅުން، އިސްލާމްދީނުގެ ދިފާއުގައި ދޫކުރައްވައިފައެވެ. މައްކާ ދޫކުރައްވައި ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހެއެވެ. (وَاللهِ، إِنَّكِ لَـخَيْرُ أَرْضِ اللَّهِ، وَأَحَبُّ أَرْضِ اللَّهِ إِلَى اللهِ، وَلَوْلَا أَنِّـيْ أُخْرِجْتُ مِنْكِ مَا خَرَجْتُ) މާނައީ: "الله ގަންދެއްވައި ވިދާޅުވަމެވެ! ހަމަކަށަވަރުން ތިޔަ ބިމަކީ اللهގެ ހަޟުރަތުގައި އެންމެ ހެޔޮކަން ބޮޑު އަދި اللهއަށް އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. އަދި ތިމަން ކަލޭގެފާނު ނެރެނުލެއްވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން އެބަހީ މައްކާގެ ބިމުން ނުކުމެވަޑައެއްނުގަތީމުހެވެ."

ހުކުރު ޚުތުބާ

ހިޖުރައިން ލިބޭ ފިލާވަޅުތަކަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖައްސައިފައިވުން ކަމަށާއި، ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ދެމިތިބުން ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، ކަންކަމުގައި މާތް اللهއާ ވަކީލު ކުރާންޖެހޭކަމީ، ހިޖުރައިގެ ހާދިސާއިން ލިބޭ ފިލާވަޅެއް ކަމަށާއި، މާތް اللهއާ ވަކީލުކުރުމަކީ، އެއްވެސް ހާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫން ކަމަށެވެ. އަދި ވަކީލުކުރުމަކީ، ކަންކަން ކުރުމުގައި ލިބޭން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް اللهގެ ހަޟުރަތުން ރައްކާތެރިކަމާއި ތައުފީގު ލިބޭނޭކަމަށް ޔަގީންކޮށްގެން ހުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، ހިޖުރައިގެ ސަވާބާއި ދަރުމަ ލިބުން ހުރީ އެ ކަމުގައި ހިޖުރަވެރިޔާގެ ނިޔަތުގެ މައްޗަށް ކަމަށާއި، ބައެއް މީހުން ދުންޔަވީ ފާއިދާއެއް ހޯދުމަށް ނުވަތަ މީހަކާ ކާވަނިކުރުމަށް ވެސް ހިޖުރަކޮށް އުޅޭ ކަމަށެވެ. ނަމަވެސް ސަވާބާއި ދަރުމަ ހުރި ހިޖުރައަކަށް ހިޖުރަ ވާނީ، މާތް الله އާއި އެކަލާނގެ ރަސޫލާއަށް ޓަކައި ކުރި ހިޖުރައަކަށް ވާނަމަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ކުރެއްވި ހިޖުރައިން އިބްރަތް ލިބިގަތުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

- ކޮމެންޓް