ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 23:36
ދެކުނު ލުބުނާނަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ސަރަހައްދުގައި ރޯވެ ދުން އަރަނީ
ދެކުނު ލުބުނާނަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ސަރަހައްދުގައި ރޯވެ ދުން އަރަނީ
އީޕީއޭ
ލުބުނާން-އިޒްރޭލް ހަނގުރާމަ
ލުބުނާނުގެ ހަނގުރާމަވެރިން އިޒްރޭލުގެ 14 ސިފައިން މަރާލައިފި
އިޒްރޭލުގެ އަސްކަރިއްޔާ އިން ރިޕޯޓްކޮށްފައިވަނީ މިހާތަނަށް މަރުވެފައިވަނީ އެންމެ ސިފައިގެން މީހެއްކަމަށް. އެހެން ނަމަވެސް ތަފާތު މަސްދަރުތަކުން މިހާތަނަށް 14 ސިފައިން މަރުވެފައިވާ ކަމަށް ވަނީ ބުނެފައި.

އިޒްރޭލުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ލުބުނާނުގައި އިޒްރޭލުން ކުރިއަށް ގެންދާ އެއްގަމު ހަނގުރާމައިގައި މަދުވެގެން 14 އިޒްރޭލު ސިފައިން މަރުވެއްޖެއެވެ.

އަންގާރަ ދުވަހު އިޒްރޭލުން ލުބުނާނަށް އަރައިގަތުމަށްފަހު، ހިޒްބުﷲގެ ހަނގުރާމަވެރިންނާއެކު ހިނގި ހަމަލާ ބަދަލު ކުރުންތަކުގައި މަދުވެގެން 14 އިޒްރޭލު ސިފައިން މަރުވެފައިވާ ކަމަށާއި، އަދި ގިނަ އަދަދެއްގެ ސިފައިންނަށް އަނިޔާވެފައިވާ ކަމަށް އިޒްރޭލުގެ މަސްދަރުތަކަކަށް ހަވާލާދީ ސްކައި ނިއުސް އަރަބިއްޔާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ބުދަ ދުވަހު އިޒްރޭލުގެ އާމީ ރޭޑިއޯއިން ބުނެފައިވަނީ އިޒްރޭލުގެ ކޮމާންޑޯ ޔުނިޓެއް ލުބުނާނުގެ ދެކުނުގެ ކުފާރް ކިލާ ގެ އިމާރާތެއްގައި ހިޒްބުﷲގެ ހަނގުރާމަވެރިންނާ ކުރިމަތިލާންޖެހުނު ކަމަށާއި، މިކަމުގެ ސަބަބުން ޒަޚަމްވި އިޒްރޭލު ސިފައިންނަށް އެހީތެރިވުމަށް މެޑިކަލް ރެސްކިއު ޓީމުތައް ފޮނުވަންޖެހުނު ކަމަށެވެ.

މިހާދިސާގެ ވާހަކަ ހިޒްބުﷲގެ ހަނގުރާމަވެރިންވެސް ރިޕޯޓްކުރި ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

ހިޒްބުﷲ ގެ ހަނގުރާމަވެރިން ބުނެފައިވަނީ އިމާރާތެއްގެ ތެރޭގައި ހިޔާވަހިކަން ހޯދައިގެން ތިބި އިޒްރޭލުގެ ސިފައިންނަށް އަމާޒުކޮށް ގޮވާތަކެތި ބޭނުންކޮށްގެން ހަމަލާދިން ކަމަށާއި ރޮކެޓާއި ބަޑިން ހަމަލާދިން ކަމަށެވެ. އިޒްރޭލުގެ އެ ޔުނިޓުގެ ހުރިހާ ސިފައިން މަރާލި ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ. އިޒްރޭލުން މަރުވި މީހުންނާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ބުދަ ދުވަހު އިޒްރޭލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް "ލުބުނާނުގައި ހިނގި ހަނގުރާމައިގައި" އިޒްރޭލު ސިފައިންގެ އަކަކު މަރުވެފައިވާ ކަމަށެވެ.

ނަމަވެސް، އޭގެ ފަހުން ނެރުނު ބަޔާނެއްގައި އިޒްރޭލު ސިފައިންގެ ފަރާތުން އެއްބަސްވެފައިވަނީ އެމީހުންގެ ސިފައިންގެ ތެރެއިން މަރުވެފައިވާ މީހުންގެ އަދަދު 8 އަށް އިތުރުވެފައިވާ ކަމަށެވެ.

ހަނގުރާމައިގައި މަރުވާ ސިފައިންގެ ޙަޤީޤީ އަދަދު ހާމަނުކުރުމާއި، މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްކޮށް ހާމަކުރުމަކީ އިޒްރޭލުން ކުރަމުން އަންނަ ކަމެކެވެ.

މީގެ އިތުރުން ބުދަ ދުވަހު ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އިސްރާއީލީ ޢަދުއްވުންގެ ފައުޖަކުން ޔާރޫން އަވަށް ވަށައިލުމަށް މަސައްކަތް ކުރަމުންދަނިކޮށް ހިޒްބުﷲގެ ހަނގުރާމަވެރިން ޚާއްޞަ ގޮވާ ގޮވާތަކެތި ބޭނުންކޮށްގެން އެ ފައުޖުގެ އެންމެން މަރާލެވުނު ނުވަތަ ޒަޚަމް ކޮށްލެވުނު ކަމަށެވެ.

ސެޕްޓެމްބަރު 27 ވަނަ ދުވަހު ދެކުނު ބައިރޫތަށް ވައިގެ ހަމަލާއެއް ދީގެން ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާއެކު، ލުބުނާނުގައި އިޒްރޭލުގެ އަނިޔާވެރިކަން ބޮޑުތަނުން އިތުރުވެފައިވެއެވެ.

ލުބުނާނު ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ލުބުނާނުގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1,700 އަށްވުރެ އިތުރުވެފައިވާ އިރު، 8,770 އާ ގާތްކުރާ އަދަދެއްގެ މީހުން ޒަޚަމްވެފައިވެއެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން، ހިޒްބުﷲ އިން އިޒްރޭލުގެ އަމާޒުތަކަށް ގިނަ އަދަދެއްގެ ރޮކެޓްތަކާއި ޑްރޯން ހަމަލާތައް ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް