ކ. މާލެ
|
6 ޖޫން 2025 | ހުކުރު 17:01
ބެއިރޫތުގެ ދެކުނު ސަރަހައްދަކަށް ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެން ދުން އަރަނީ
ބެއިރޫތުގެ ދެކުނު ސަރަހައްދަކަށް ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެން ދުން އަރަނީ
ރޮއިޓަރސް
އިސްރާއީލް-ލެބަނަން ހަމަ ނުޖެހުން
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި
ލުބުނާނުގެ ރައީސް މި ހަމަލާ އާ ގުޅިގެން ވިދާޅުވީ އިސްރާއީލުން ސަރަހައްދުގައި ހަމަޖެހުން އޮތުމަށް ބޭނުން ނުވާ ކަމަށާއި މިއީ ނޮވެމްބަރު މަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ "ސީދާ ޚިލާފުވުމެއް" ކަމަށެވެ.

މުސްލިމުންގެ ޢީދުލް އަޟްޙާ އަށް މަރުހަބާ ކިޔަން ތައްޔާރު ވަމުން ދަނިކޮށް، އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ބައިރޫތުގެ ދެކުނު ސަރަޙައްދުތަކަށް ދީފިއެވެ.

ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ޙިޒްބުﷲ ޖަމާއަތުން ޑްރޯން އުފެއްދުމަށް ބޭނުން ކުރާ ބިމުއަޑީގެ ވަސީލަތްތައް ހުރި ކަމަށް ބުނާ ސަރަޙައްދުތަކުން މީހުން ނެރުމަށް އިސްރާއީލު ސިފައިންގެ އަމުރެއް ނެރުނުތާ ގާތްގަނޑަކަށް އެއްގަޑިއިރު ފަހުންނެވެ.

ބުރާސްފަތި ދުވަހު ދިން މިހަމަލާ އަކީ، ނޮވެމްބަރު މަހު ޙިޒްބުﷲ އާއެކު ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށްފަހު އިސްރާއީލުން ބެއިރޫތަށް ދިން ހަތަރުވަނަ ހަމަލާއެވެ. އެއިރުއްސުރެ އިސްރާއީލުން ވަނީ ވަކިވަކި ފަރާތްތައް މެރުމުގެ ޢަމަލުތައް ހިންގައި، ޙިޒްބުﷲ ގެ ތަންތަން ކަމަށް ބުނެ ބެއިރޫތައް ހަމަލާތައް ދީފައެވެ.

ބެއިރޫތުގެ ދެކުނު ސަރަޙައްދުތަކަށް އިސްރާއީލުން ހަމަލާ ދިނުމަށް ފަހު ހުކުރު ދުވަހު، އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ލުބުނާނަށް އިންޒާރުދީފައެވެ. އޭނާ ބުނެފައި ވަނީ އީރާނުގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރި ޖަމާޢަތް ޙިޒްބުﷲ ހަތިޔާރު ބަހައްޓަންދެން އިސްރާއީލުން ލުބުނާނަށް ހަމަލާދޭނެ ކަމަށެވެ.

"އިސްރާއީލު ދައުލަތަށް ސަލާމަތްތެރިކަން ނުލިބޭހާ ހިނދަކު ބެއިރޫތުގައި އަމާންކަމެއް ނޯންނާނެ، އަދި ލުބުނާނުގައި އެއްވެސް އިންތިޒާމެއް ނުވަތަ ސުލްޙައެއް ނޯންނާނެ،" ކަޓްޒް ބަޔާނެއްގައި ބުނެފައިވެއެވެ.

ކަޓްޒް ބުނެފައިވަނީ މިއީ ބުރާސްފަތި ދުވަހު ދެކުނު ބައިރޫތަށް ދިން ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ރައީސް ޖޯސެފް އައުން އެކަން ކުށްވެރިކުރި ކުރެއްވުމުން އޭނާ އަށް ދޭ ރައްދެއް ކަމުގައެވެ.

އައުން ވިދާޅުވީ މިހަމަލާތަކަކީ ނޮވެމްބަރު މަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ "ސީދާ ޚިލާފުވުމެއް" ކަމަށެވެ.

އައުން ވިދާޅުވީ އިސްރާއީލުގެ މި ހަމަލާއިން ސަރަހައްދުގައި ސުލްހަ ގާއިމު ވެފައި އޮތުމަށް އިސްރާއީލުން ނޭދޭ ކަން ސާބިތުވާ ކަމުގައެވެ.

ސޯޝަލް މީޑިއާގައި އިންޒާރުތަކެއް ދިނުމަށްފަހު، އިސްރާއީލުގެ ސިފައިން ވަނީ ބެއިރޫތުގެ ދެކުނު ސަރަޙައްދުގައި ހުރި ޢިމާރާތަކަށް ހަމަލާދީފައެވެ. އެތަނަކީ ޙިޒްބުﷲ އިން ޑްރޯން އުފެއްދުމަށް ބޭނުންކުރާ ތަނެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ކުރިން، އިސްރާއީލާއި ޙިޒްބުﷲ އާ ދެމެދު އެއް އަހަރަށްވުރެ ގިނަ ދުވަހު ދެކޮޅުވެރިކަން އޮތެވެ. އެކަން ނިމުނީ ދެ މަސް ދުވަހުގެ ފުރިހަމަ ހަނގުރާމައަކުންނެވެ.

ނޮވެމްބަރު 27 ގައި ވެވުނު އެއްބަސްވުމުގައި ޙިޒްބުﷲ ގެ ހަނގުރާމަވެރިން ލިޓާނީ ކޯރުގެ އުތުރަށް، އިސްރާއީލުގެ ބޯޑަރުން ގާތްގަނޑަކަށް 30 ކިލޯމީޓަރު (20 މޭލު) ދުރަށް ފަހަތަށް ޖެހުމަށާއި، އޭގެ ދެކުނުގައި ހުރި ހުރިހާ އަސްކަރީ ވަސީލަތްތަކެއް ނައްތާލުމަށް ލާޒިމުކުރެއެވެ.

އެއްބަސްވުމުގައި އިސްރާއީލުގެ ހުރިހާ ސިފައިން ލުބުނާނުން ފަހަތަށް ޖެހުމަށް ލާޒިމު ކުރިއެވެ. ނަމަވެސް އިސްރާއީލުން ވަނީ "ސްޓްރެޓެޖިކް" ކަމަށް ބުނެ ފަސް ތަނެއްގައި ސިފައިން ބައިތިއްބާފައެވެ. އަދި އިސްރާއީލުން ވަނީ ލިޓާނީ ކޯރުގެ ދެކުނުގަ އާއި އުތުރުގައި ހުރި ޙިޒްބުﷲ ގެ ތަންތަނަށް ހަމަލާދިނުން ކުރިއަށް ގެންގޮސްފައެވެ.

- ކޮމެންޓް