ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 10:31
މާލޭގައި ބަނދަރުކޮށްފައިވާ ބޯޓެއް
މާލޭގައި ބަނދަރުކޮށްފައިވާ ބޯޓެއް
ޝުއައިބް މުހައްމަދު އިގްބާލް
އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުން
ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަކި އުސޫލެއްގެ ތެރެއިން ޚާއްސަ ސާރވޭތައް ކުރިއަށް ގެންދާނަން: ނަޒީރު
އުޅަނދުފަހަރު ޗެކް ކުރުމަކީ މުހިންމު ކަމެއް
ހާދިސާއެއް ކުރިމަތިވާއިރު، ގިނަ އުޅަނދުތަކުގައި ހުންނަންޖެހޭ ހުރިހާ އެއްޗެއް ފުރިހަމައަށް ނުހުންނަކަން ފާހަގަކުރެވޭ
އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއްބާރުލުން ބޭނުންވޭ

ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަކި އުސޫލެއްގެ ތެރެއިން ޚާއްސަ ސާރވޭތަކާއި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ނަޒީރު ވިދާޅުވީ ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ އަހަރަކު ވެސް ޓްރާސްޕޯޓް މިނިސްޓްރީން ސާރވޭ ކުރިއަށް ގެންދާ ކަމަށާއި، އަދި މިއަހަރުގެ ސާރވޭ ކުރިއަށް ނުގެންދެވޭ ކަމަށެވެ. ނަމަވެސް މިއަހަރު ވެސް ވަކި އުސޫލެއްގެ ތެރެއިން މި ސާރވޭ އަދި އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އުޅަނދުފަހަރު ޗެކް ކުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި ނަޒީރު ވިދާޅުވީ ޗެކް ކުރަން ޓީމްތަކުން ދާއިރު، ގިނަ އުޅަނދުތަކުގައި ހުންނަންޖެހޭ ހުރިހާ އެއްޗެއް ފުރިހަމައަށް ހުންނަ ކަމަށާއި، ހުރިހާ ކަމެއް ގަވާއިދަށް ފެތޭ ކަމަށެވެ. މައްސަލައެއް ފާހަގަކުރެވެނީ މަދު އުޅަނދެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ސާރވޭ ނިމި، އުޅަނދު ކަނޑުމައްޗަށް ނުކުންނައިރު، އެކަންކަން ފުރިހަމަ ނުވާ ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަނޑުމަތީގެ ހާދިސާއެއް ކުރިމަތިވާއިރު ވެސް މިފަދަ މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ.

ނަޒީރު ވިދާޅުވީ ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ އުޅަނދުފަހަރުގައި މަސައްކަތް ކުރާ މީހުންގެ އެއްބާރުލުމާއެކު ކަމަށެވެ. އުޅަނދު އޮޕަރޭޓް ކުރާ ހުރިހާ ވަގުތަކު އުސޫލާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށާއި، މީހާގެ އިތުރުން އުޅަނދުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އުޅަނދަށް ސަލާމަތީ ސަރވޭއެއް ކުރަން ދާއިރު އެހުންނަންޖެހޭ ތަކެއްޗާއި ކަންކަން އެވަގުތުހުރިކަން ސާވިއަރުން ޔަގީން ކުރަނީ. އަށްފަހު އުޅަނދުފަހަރުގައި ހުންނަންޖެހޭ ތަކެއްޗާއި ކަންކަން ނެތުމަކީ ސަރވިއަރުން އޭގެ ޒިންމާ ނަގަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެންނަށް ވަރަށް ގިނައިން ދިމާވާ ކަމެއް އަޅުގަނޑުމެންނަށް ފެންނަ ކަމެއް. އަޅުގަނޑުމެން ދާއިރު ޗެކް ލިސްޓްގައި އެހުންނަ ކަންތައްތައް ބަލާ. ޚާއްސަކޮށް އެއްކަމެއްގެ ގޮތުގައި މި ފާހަގަކޮށްލަނީ ވީއެޗް ސެޓް. ވީއެޗް ސެޓް އަޅުގަނޑުމެންދާއިރު ހުންނާނެ ހަރުކޮށްފައި އަދި އަޅުގަނޑުމެން ގޮސް އޭތި ޗެކްކޮށްފައި އޭގެ އެންޓަނަރ ހުރިތޯ ބަލައި، ކޮމިއުނިކޭޓް ކުރެވޭތޯ ބެލުމަށްފަހު ފައިބައިގެން އައިސް ދެން ދަތުރަށް ފަށާއިރު ވީއެޗް ސެޓް ހުންނަނީ ގޭގައި ބަހައްޓާފައި. އެންޓަނަރއެއް ވެސް ނުހުރޭ. އެހެންވީމަ މިއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެއް.
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ނަޒީރު

ކަނޑު އުޅަނދުތައް ބަލާފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަންތައް ފުލުހުންނާއި، ސިފައިން ގުޅިގެން ވެސް ކުރިއަށް ގެންދެއެވެ. ސްކޫލުތަކުގެ ބޮޑު ބަންދާއި، އީދު ބަންދުތަކުގައި ޚާއްސަކޮށް މި އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.

ބަންދު ދުވަސްތަކާއި ދިމާކޮށް ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާއިރު، ކަނޑުމަތިން ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ އިތުރުން، ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެގޮތުން ކުރިއަށްގެންދާ އޮޕަރޭޝަންތަކެވެ. އެގޮތުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާނެ އެވެ. އަދި ގަވާއިދާ ނުފެތޭ އުޅަނދުތަކާމެދު ފިޔަވަޅު ވެސް އަޅައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް