ރަމަޟާން މަހު މުދާ އުފުލުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ ބޭރުން އަމަލު ކުރާ ފަރާތްތައް ޖުރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރަމަޟާން މަހަށް މުދާ އުފުލުމުގެ ޚާއްޞަ ގަޑިތަކެއް އިއުލާނުކޮށްފައެވެ. މި ގަޑިތަކާ ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެކަން މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.
މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ ގަޑިތަކުން ބޭރުގައި މުދާ އުފުލާ އުޅަނދުފަހަރަށް 750 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.
ރަމަޟާން މަހުގެ މުދާ އުފުލުމުގެ ވަގުތުތައް ބެހިފައިވާ ގޮތަކީ:
ރަމަޟާން މަހުގެ 1 ވަނަ ދުވަހުން 19 ވަނަ ދުވަހާ ހަމައަށް މުދާ އުފުލުމުގެ ހުއްދަ އޮންނާނީ ހެނދުނު 9:30 އިން މެންދުރުފަހު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. އަދި ހެނދުނު 6:00 އިން 9:30 އަށެވެ.
މެންދުރުފަހު 4:30 އިން ރޭގަނޑު 8:00 އަށް މުދާ އުފުލުން މަނާ ވާނެއެވެ.
ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް މުދާ އުފުލުމުގެ ހުއްދަ އޮންނާނީ ހެނދުނު 6:00 އިން މެންދުރުފަހު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.
މި މުއްދަތުގައި މުދާ އުފުލުން މަނާ ކުރެވިފައިވަނީ ހަމައެކަނި މެންދުރުފަހު 4:30 އިން ރޭގަނޑު 8:00 އަށެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ގޮތައް އަމަލު ކުރަނީ ރޯދަ މަހު މަގުތަކުގައި ތޮއްޖެހުން ކުޑަކޮށް، ދުއްވާ އެއްޗެހި ދުއްވުން ފަސޭހަ ކުރުމުގެ މަޤްޞަދުގައި ކަމަށެވެ.