ކ. މާލެ
|
24 އޭޕްރިލް 2025 | ބުރާސްފަތި 22:08
ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖް - 24-04-2025
ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖް - 24-04-2025
ރާއްޖެއެމްވީ
ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖު
ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖުގައި މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ގޮވާލައިފި
ޓެކްސީ ޑްރައިވަރުން ދެއްކެވި ވާހަކަތަކަށް މިނިސްޓަރު ދެއްވާފައިވަނީ ބީރު ކަންފަތެއް
ޑްރައިވަރުން ހުށަހެޅި އެއްވެސް ކަމަކަށް އެހީތެރިކަމެއް މިސަރުކާރުން ނުދިން

ސަރުކާރުގެ ޓެކްސީ ލައިން ތައާރަފް ކުރުމާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންނާ ސީދާ މަޝްވަރާ ނުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ހައްދަވަނީ ދޮގު ކަމަށާއި ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލާއި އިހްތިޖާޖްކޮށްފި އެވެ.

މިނިސްޓަރ އަމީން ދިރިއުޅުއްވާގެ މާންދޫގޭ ދެކުނުގެ ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރުން އެއްވެ ކުރި އިހްތިޖާޖުގައި ގޮވާލާފައިވަނީ، ޓެކްސީ ޑްރައިވަރުން ދެއްކެވި ވާހަކަތަކަށް މިނިސްޓަރު ދެއްވާފައިވަނީ ބީރު ކަންފަތެއް ކަމަށާއި ޑްރައިވަރުން ހުށަހެޅި އެއްވެސް ކަމަކަށް އެހީތެރިކަމެއް ނުދީ ސަރުކާރުން މިދާއިރާ ތެރެއަށް ވަނުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

އެގޮތުން މިދާއިރާ ފުރިހަމައަށް ރެގިއުލޭޓްކޮށްދިނުމަށް މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށާއި ޓެކްސީ މީޓަރު ތަޢާރަފްކޮށްދިނުމަށް އެދުނު ނަމަވެސް އެކަންވެސްކޮށްނުދީ ޓެކްސީ ޑްރައިވަރުންގެ އަގު ވައްޓާލާ ޚިޔާނާތަށް މަގުފަހިވާ ގޮތަށް 80 މިލިއަން ހަރަދުކޮށްގެން 100 ކާރު ގެންނަން ސަރުކާރުން މަސައްކަތްކުރާ ސަބަބު ނޭނގޭ ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.

ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިނުގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އަދި ސަރުކާރުން ޓެކްސީ ލައިންގެ ޚިދުމަތް ފަށާނީ 100 ޓެކްސީ އާއެކުގައެވެ. މިއާއެކު މިހާރު މި ޚިދުމަތް ދެމުންދާ މީހުންނަށް މިކަމުގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި، އާމްދަނީ އަށް ވަރަށް ބޮޑު އަސަރު ކުރާނެ ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ސަރުކާރުން ވަކި ވިޔަފާރިއަކަށް ވަނުމަށް މަސައްކަތް ނުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ކަމަށާއި، މި ޚިދުމަތް ރައްޔިތުންނަށް ރަނގަޅަށް ނުދެވޭ ކަމަށެވެ.

އެހެންކަމުން އެހެން ގައުމުތަކުގައި ވެސް މިކަން ކުރާ އުސޫލުން ރާއްޖޭގައި ވެސް ޓެކްސީ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ދިނުމަށް ބޭނުންވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

- ކޮމެންޓް